ށ. ފޯކައިދޫއަށް މިއަދަކީ އުފާވެރި އަދި ތާރީޚީ ދުވަހެއް!

މިލައުތުރު | 17 މޭ 2026 | ރިޕޯޓު

ށ. ފޯކައިދޫއަށް މިއަދަކީ ވަރަށް ތާރީޚީ އަދި ބޮޑު އީދެއް ފަދަ ދުވަހެކެވެ. އަލަަށް އިންތިޚާބުވި ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ އިތުރުން ރަށަަށް ފަތުރުވެރިންގެ ބެޗެއް ޒިޔާރަތްކުރި ދުވަހެވެ.

ކުރިއަށް އޮތް 5 އަހަރަށް ފޯކައިދޫއަށް އިންތިޚާބުވި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި މަޤާމަށް އިންތިޚާބުވި ފަރާތްތަކެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ފޯކައިދޫ ޕީއެންސީގެ މައްޗަށް އެމްޑީޕީން ކުރިހޯދީ 10 – 0 ގެ ފުރިހަމަ ނަތީޖާއަކުންނެވެ.

މިއަދު 11:00 ގައި އަލަަށް އިންތިޚާބުވި މެންބަރުންގެ ހުވާކުރުމުގެ ދަރުބާރު އެރަށު ސްކޫލް ހޯލުގައި ކުރިއަށްދިޔައިރު، ރަށަަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ފުރަތަމަ ބެޗަށް މަރުޙަބާ ދެންނެވުން ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ފުރަތަމަ ބެޗުގައި ފޯކައިދޫއަށް ޒިޔާރަތްކުރީ 11 ފަތުރުވެރިންނެވެ. އެމީހުން ތިބުމަށް ހަމަޖެހިފައިވަނީ ސަންސެޓް ވެލި ގެސްޓްހައުސްގައެވެ. އަދި އެމީހުން ޖުމްލަ 5 ރޭ ހޭދަ ކުރާނެ ކަމަށް ވިޒިޓް ފޯކައިދޫއިން ބުނެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އަންނަ ބޮޑު އީދުތެރޭގައި ވެސް އިތުރު ފަތުރުވެރިން ޒިޔާރަތްކުރުމަށް ވަނީ ބުކިންގ ހަދާފައެވެ. އަދި ވިޒިޓް ފޯކައިދޫ ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ޙަފުލާ ބާއްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.