ރައީސް ނަޝީދަށް ތާއީދުކުރާތީ ފޯކައިދޫ ޕީއެންސީގެ ސްޓިއަރިން ކޮމިޓީގެ ރައީސް އަޙްމަދު ޖައިލަމަށް އަނެއްކާ ވެސް އިސްލާހީ ފިޔަަވަޅު އަޅައިފި އެވެ.
މިފަހަރު އޭނާއަށް ފިޔަވަޅު އަޅާފައިވަނީ އޭނާ ވަޒީފާ އަދާކުރާތަން ކަމަށްވާ ފޯކައިދޫ ފެނަކައިންނެވެ. ތަފާތު ތުހުމަތުތަކާއެކު ލިޔުމުން ވަނީ އިންޒާރު ދީފައެވެ. ބެލެވޭ ގޮތުގައި މިއީ އޭނާ ވަޒީފާއިން ވަކިކުރުމަށް ތައްޔާރުވުމުގެ ގޮތުން ދިން އިންޒާރެކެވެ.
މީގެ ކުރިން ވެސް ޖައިލަމް ޓެކްނީޝަނެއްގެ މަޤާމުގައި ހުއްޓާ ކުނިކަހާމީހަކަށް ވަނީ ބަދަލުކޮށްފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިފަހަރު އޭނާގެ މައްޗަށް ފިޔަވަޅު އެޅީ އޭނާގެ ފޭސްބުކް ޕްރޮފައިލަށް ރައީސް ނަޝީދު (އަންނި) ގެ ޓީޝާޓެއް ލައިގެން ހުރި ފޮޓޯއެއް ލުމުންނެވެ. އޭނާ އަކީ އަބަދުވެސް ރައީސް ނަޝީދުގެ ސަޕޯޓަރެއް ކަމަށް ވެއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރޭގައި ޖެހުނު ސިޔާސީ މައްސަލައެއްގައި ފޯކައިދޫ ޕީއެންސީ ސްޓިއަރިން ކޮމިޓީއިން ވަކިކޮށް އެހެން މީހަކު ހަމަޖެއްސިކަމަށް އޭނާއަށް އެންގި ނަމަވެސް ޕާޓީގެ މައި އިދާރާގައި އަދިވެސް އޭނާއަކީ ސްޓިއަރިން ކޮމިޓީގެ ރައީސް ކަމަށް ވެއެވެ. ސްޓިއަރިން ކޮމިޓީގެ ރައީސްކަމުގެ މަޤާމުން އޭނާ ދުރުކޮށްފައިވަނީ ޕީއެންސީގެ އަސާސީ ޤަވައިދާއި، އުޞޫލްތަކުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ވެއެވެ.
ޖައިލަމް މިހާރު މަސައްކަތްކުރަނީ އިދިކޮޅު އެމްޑީޕީގެ ޓީމްތަކާއި އެކުގައެވެ. އަދި ފޯކައިދޫ ޕީއެންސީގެ އެތެރޭގައި ޖެހުނު މައްސަލަތަކާއެކު، ތިން ފެކްޝަނަކަށް ބައިބައިވެ، ކޯޅުންތައް ވަނީ އިތުރު ވެފައެވެ. އަދި ސަރުކާރުގެ ވަޒީފާތައް ދިނުމުގައި އަމިއްލަ މަސްލަޙަތު އިސްކުރާކަމުގެ ތުހުމަތުތައް ވަނީ އިތުރު ވެފައެވެ.
ފޯކައިދޫ ޕީއެންސީ ތިން ފެކްޝަނަކަށް ބައިބައިވެ، ބަލިކަށިވަމުންދާއިރު، އިދިކޮޅު އެމްޑީޕީ ފެންނަނީ އެކަތިގަނޑަކަށްވެ އިތުރަށް ވަރުގަދަ ވަމުންދާތަނެވެ. އަދި ކުރިން ޕީއެންސީއަށް ސަޕޯޓުކުރި ބޮޑެތި އާއިލާތައް މިހާރު އިދިކޮޅު އެމްޑީޕީއަށް ބަދަލުވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީ ވަނީ ލަދުވެތި ގޮތަކަށް ބަލިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު