ފަސްވަނަ ފަންގިފިލާގެ ބެލްކަންޏަށް ނައިރާ ނުކުތީ ހޫނު ކޮފީ ތައްޓެއް ހިފައިގެންނެވެ. ވަގުތަކީ ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޖައްވުތެރެ ފަޅުފިލުވަމުންދިޔަ ދޫނިތައް އެސޮރުމެންގެ މިނިވަންކަމާއެކު އުފާކުރަމުންދަނީއެވެ. ނައިރާ ބެލްކަނީގައި ހުރެ އެކި ދިމަދިމަޔަށް ނަޒަރު ހިންގަމުންދިޔައެވެ. ކުޅިވަރު ކޯޓުތަކާއި އެކިއެކި އޮފީސް އިމާރާތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވަނީ ނުހަނު ފުރިހަމަ ކަމާއެކުއެވެ. އެކި މީހުން ހެނދުނުގެ މި ހިތްގައިމު ވަގުތު ހޭލަމޭލަވެ އުޅެނީއެވެ. އެކި ކަންކަމުގައެވެ. މިހެން އެކި ދިމަދިމަ ބަލަމުން ދަނިކޮށް ނައިރާގެ ނަޒަރު ގޮސްހުއްޓުނީ ހަމަހިމޭން މާހައުލަކަށެވެ. ކުރިމަތިން ފެންނަން އޮތް ގަބުރުސްތާނަށެވެ. ދުނިޔެވީ އުފާތައް ހާސިލުކުރަން ގިނަ ބަޔަކު އަވަދިނެތި އުޅެމުންދާއިރު އެންމެންގެ ވެސް މަންޒިލަކީ މިއީއެވެ. ދިރިއުޅުމުގެ ހަޔާތަކީ ކުރު އެއްޗެކެވެ. މި ހިޔާލުތަކުތެރޭން ނައިރާ ގެންދިޔައީ އޭނަގެ ހިތްދަތި މާޒީއަށެވެ.
އިރު އުދަރެހުން އެރީ ނައިރާ އޭނަގެ ފިލާވަޅުތައް ނިންމަން ފެންޑާގައި އިންދައެވެ. މާގިނަރު ތަކެއް ނުވެ ނައިރާގެ ލޯބިވާ ކޮއްކޮ ހޭލައިފިއެވެ. އޭރު ނައިރާގެ އުމުރަކީ އެންމެ 8 އަހަރެވެ. ކޮއްކޮއަށް އެންމެ 2 އަހަރެވެ. ނަމަވެސް ކޮއްކޮގެ ހުރިހާ ކަމެއްވެސް ކޮށްދެނީ ނައިރާއެވެ. މަންމައާއި ބައްޕަ ބަލި އެނދުގައެވެ. ގޭތެރޭގެ ހުރިހާ ކަމެއްވެސް ކުރަނީ ހަމަ ނައިރާއެވެ. ހުރިހާ ގޮތަކުން ވެސް ނައިރާއަކީ ހިތްވަރު ގަދަ ކުއްޖެކެވެ.
މަދަރުސާއަށްދާ ވަގުތު ކުޑަތަންވަނީއެެވެ. ފުރަތަމަ ޓާމުގެ އިމްތިހާނު ވެސް ބޯމަތިވަނީއެވެ. ނައިރާގެ ދުވަހީ ދިރިއުޅުމުގެ ބުރަ ޝެޑިއުލް އިހުސާސް ކުރަން އެނގޭ މީހަކުނެތެވެ. ނަމަވެސް ޝަކުވާއެއް ނުކުރެއެވެ. ފޮތްދަބަސް ތައްޔާރުކޮށް، މަންމައާއި ބައްޕައަށް ހެނދުނުގެ ނާސްތާއަށް ކުޑަ ރޮށި ފަޅިއަކާ އަވެއްޓެރިއަކު ދިން ރިހަފޮދެއް ދިނުމަށްފަހު، ކޮއްކޮ ކިހިލިޖަހާލައިގެން ގޭން ނުކުމެ މިސްރާބު ޖެހީ މަދަރުސާއާ ދިމައަށެވެ. މިއީ ނައިރާގެ ދުވަހީ ދިރިއުޅުމުން ކުޑަ މިންވަރެކެވެ. އުމުރުން އެންމެ 8 އަހަރުގެ ކުއްޖަކު ޗަކަ މަގުތަކާއި ޖަންގަލީގެ ބިރުވެރި މަގުތަކުގެ ތެރެއިން ކުޑަކުޑަ ކުއްޖަކު ކިހިލި ޖަހައިގެން ކޮންމެ ދުވަހަކު އެތައް ކިލޯމީޓަރެއް ހިނގާއިރު އެހީތެރިވާނެ އިތުރު މީހަކު ނެތެވެ.
މަދަރުސާގެ ގޭޓުން ނައިރާ އާ އެއް އުމުރެއްގެ ކުދިން އެކުދިންގެ މައިންބަފައިންނާއެކު އައިސް ތިބޭ މަންޒަރު ފެނި ފެންކަޅިވެއެވެ. ނަމަވެސް ނައިރާ ޝުކުރުކުރެއެވެ. ކެތްތެރިވެ އުންމީދު ކުރެއެވެ. ކުލާހުގައި ކޮންމެ ދަރިވަރަކަށްވެސް ގޮޑިއަކާ ޑެސްކެއް ހާއްސަކުރެވިފައި ހުރެއެވެ. ނަމަވެސް ނައިރާ މަދަރުސާގެ ވެރިންގެ އިޒުނައާއެކު ކޮއްކޮ ގޮޑީގައި ބައިންދައެވެ. ކޮންފަދަ ބޮޑު ގުރުބާނީއެއް ހެއްޔެވެ.
ދުވަސްތައް ހަފުތާތަކަށް ބަދަލުވަނީއެވެ. ހަފުތާތައް މަސްތަކަށް ބަދަލުވަމުންދަނީ ނުހަނު ހަލުވިކަމާއެކުއެވެ. ނައިރާގެ ފުރަތަމަ އަހަރު ނިމި ދެވަނަ އަހަރާ ބައްދަލުކޮށްފިއެވެ. ކުލާސް ޓީޗަރުންނާ ބައެއް މުދައްރިސުން ބަދަލު ވެއްޖެއެވެ. ކުރީ އަހަރުގެ ނަތީޖާތައް މިއަހަރުގެ މުދައްރިސުން ބަލަނީއެވެ. ދަރިވަރުންގެ ފެންވަރު ބެލުމަށްޓަކައެވެ. މިއަހަރުގެ ޕްލޭން ތައްޔާރު ކުރުމަށެވެ. ނަމަވެސް މުދައްރިސްގެ ލޮލުގައި އަޅައިގަތީ 3 ޓާމުގައި ވެސް ސުމެއް ލިބިފައި އިން ދަރިވަރަކަށެވެ. އެއީ ނައިރާއެވެ. އެހެން ހުރިހާ ކުދިންވަނީ ފުރަތަމަ އަހަރު އޭ ގްރޭޑުން ފާސްވެފައެވެ. މިވަރުގެ ތަފާތެއް އޮތީމާ މުދައްރިސްގެ ހިތުގައި ސުވާލު އުފެދި ކަންވީ ގޮތް އޮޅުންފިލުވަން ބޭނުންވިއެވެ. ހިތްހެޔޮ އޯގާތެރި މި މުދައްރިސް ނައިރާ އާ ބައްދަލުކުރަން ބޭނުންވިއެވެ.
ދުވަހުގެ ކިޔެވުން ނިންމުމަށްފަހު ނައިރާއާ ވަކިން މުދައްރިސް ބައްދަލުކުރިއެވެ. ނައިރާގެ ފަރާތުން ފެނުނީ މަޑުމައިތިރިކަމާއި ކިޔަމަންތެރިކަމެވެ. ” ނައިރާގެ ކުލާސް ޓީޗަރަކީ މިއަހަރު މިސް.” ވަރަށް އެކުވެރިކަމާއެކު މުދައްރިސް ވާހަކަދައްކަން ފެއްޓިއެވެ. ” ނައިރާ ކީއްވެ 3 ޓާމު ވެސް ސުމެއް ލިބިފައި މިއޮތީ؟” ވަރަށް އެކުވެރިކަމާއެކު މިސް ސުވާލުކޮށްލިއެވެ. ނަމަވެސް ނައިރާ އިސްދަށަށްޖެހިއެވެ. އިރުކޮޅަކު ހުރެލުމަށްފަހު މިސްގެ މޫނަށް ބަލައިލިއެވެ. ” މިސް. އަޅުގަނޑަށް ފުރަތަމަ ޓާމު ސުމެއް ލިބުނީ ޓެސްޓު އޮތް ދުވަހު އަޅުގަނޑުގެ މަންމަ ނިޔާވީ. އެހެންވެ ޓެސްޓަށް އައިސް އަޅުގަނޑަށް ލިޔާނެ ހިތްވަރެއް ނުލިބުން” ވަރަށް ވޭނީ ރާގެއްގައި ނައިރާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ” އަޅުގަނޑަށް ދެވަނަ ޓާމު ސުމެއް ލިބުނީ، ޓެސްޓު އޮތް ދުވަހު އަޅުގަނޑުގެ ލޯބިވާ ބައްޕަ ނިޔާވީ. އެހެންވެ ޓެސްޓަށް އައިސް އަޅުގަނޑަށް ލިޔާނެ ހިތްވަރެއް ނުލިބުން” ނައިރާ ވާހަކަ ކިޔައިދެމުން ދިޔައިރު މިސްގެ ލޯ ފެންކަޅިވަމުން ދިޔައެވެ. ނައިރާ އިތުރަށް ހިތްވަރުކޮށްފާ ކިޔައިދިނެވެ. ” މިސް. އަޅުގަނޑަށް ތިންވަނަ ޓާމު ސުމެއް ލިބުނީ ޓެސްޓު އޮތް ދުވަހު އަޅުގަނޑުގެ ކޮއްކޮ ނިޔާވީ. އެހެންވެ ޓެސްޓަށް އައިސް އަޅުގަނޑަށް ލިޔާނެ ހިތްވަރެއް ނުލިބުން” މިވަރަށް ނައިރާއަށް ބުނެވުނީ ވަރަށް ހިތްވަރުންނެވެ. އަޑުން އަޑުނަގާ ނައިރާ ރޯންފެށިއެވެ. އެވަގުތު ނައިރާގެ ކޯތާފަތްމަތިން ހުރަސްކުރަމުން ދިޔަ ކަރުނަތައް ފޮހެދެމުން މިސް ބުނެލިއެވެ. ” ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް. މިސް ނައިރާއަށް އެހީ ވާނަން”.
ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ މުދައްރިސުންގެ ދުވަހެވެ. ހުރިހާ ދަރިވަރުން ވެސް ވިދާ ބަބުޅާ އެކި ކުލަކުލައިގެ ޕާރުސަލްތައް ތައްޔާރުކޮށްގެން މުދައްރިސުންނަށް ދެނީއެވެ. ނައިރާއަށް ކުލާހަށް މިއަދު އާދެވުނީ ތަންކޮޅެއް ލަހުންނެވެ. ހުރިހާ ދަރިވަރުންގެ ނަޒަރު ހުއްޓުނީ ނައިރާ އަތުގައި އޮތް ޕާރުސަލަށެވެ. ބައެއް ކުދިން މަލާމާތުގެ ގޮތުން ސިއްރުކިޔަވާލައެވެ. ބައެއް ކުދިން މަލާމާތުގެ ރާގަށް ހެނީއެވެ. ނައިރާގެ އަތުގައި އޮތީ ބާވެ ވީދެން ކައިރިވެފައި އޮތް ނޫސްކަރުދާސް ގަނޑަކުން އޮޅާލާފައި އޮތް ޕާރުސަލެކެވެ. މިސް ދުވެފައި ގޮސް ނައިރާ ކައިިރިއަށް ހުއްޓުނެވެ. ” މީ އަޅުގަނޑުގެ ފަރާތުން މިސްއަށް ދޭ ހަދިޔާ”. މިސް ވަރަށް އުފަލުން ހުރެ ނައިރާގެ ޕާރުސަލް ކަޑާލިއެވެ. ޕާރްސަލްގައި އޮތީ އަތުގައި އަޅާ ތަނޑިއަކާއި ސެންޓުފުޅިއެކެވެ. ނަމަވެސް ތަނޑިގަނޑު ވަނީ ބާވެފައެވެ. ސެންޓުފުޅީގައި ވަނީ އެއްފަހަރު ޖަހާލާނެ ކުޑަ ސެންޓުކޮޅެކެވެ.
މިސް ވަގުތުން ތަނޑިގަނޑު އަތަށް ހެޔޮވަރުކޮށްލަމުން ވަރަށް ރީތި. މިހެންބުނެލިއެވެ. އަދި ސެންޓު ފުޅީގައި ހުރި ސެންޓުކޮޅު ވަގުތުން މިސްގެ ގަޔަށް ޖަހާލިއެވެ. މިކަމާ ނައިރާ ވަރަށް އުފާވިއެވެ.
ދުވަހުގެ ކިޔެވުން ނިމި ހުރިހާ ކުދިން ކުލާހުން ނުކުމެ ގެއަށް މިސްރާބު ޖެހިއެވެ. ނައިރާ ފިޔަވައެވެ. މިސް ނައިރާއާ ސުވާލު ކޮށްލިއެވެ.” ނައިރާ ހިނގާ ގެއަށްދާން”… ނައިރާ މަޑުމަޑުން އައިސް މިސްގެ ކައިރީ ހުއްޓުނެވެ. ގިސްލަމުން ނައިރާ ބުނެލިއެވެ. ” މިސްގެ އަތް މިއަދު ހީނަވީ އަޅުގަނޑުގެ މަންމަގެ އަތްހެން. މިއަދު މިސްގައިން ދުވަނީ އަޅުގަނޑު މަންމަ ގައިން ދުވާވަސް” މިސް އަށް ކެތްނުކުރެވި ދެލޮލަށް ބަރުޖެހެމުންދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަމުންދިޔައެވެ. ” މިސް. އަޅުގަނޑަށް ހަމަ އެންމެ ކަމެއް ކޮށްލަދީފާނަންތަ؟ ” ނައިރާ ބުނެލިއެވެ. ” އަވަހަށް ބުނޭ” މިސް ހުރީ ނައިރާ ބުނި ކޮންމެ ކަމެއް ކޮށްދޭން ތައްޔާރަށެވެ. ނައިރާ ބޭނުންވީ މަންމަގެ ވަސް ދުވާތީ މިސް ގައިގާ ބައްދާލާށެވެ. މިސް ވަރަށް ބާރަށް ނައިރާގައިގާ ބައްދާލިއެވެ.
ސިއްސައިގެން ގޮސް ހިޔާލީ ދުނިޔެއިން ނުކުމެވުނީ މިސްގެ ލޯބި ލޯބި ދެއަހަރުގެ ދަރިފުޅު ދައްތާއޭ ކިޔާ ފަހަތުން އައިސް ބައްދާލީމައެވެ. މިއަދު ނައިރާގެ ހުރިހާ ކަމެއްގެ ޒިންމާ ނަގަނީ މި އޯގާތެރި މުދައްރިސެވެ. މިސް ދެނީ މަންމައެއްގެ ލޯބި ފަދަ ލޮތްބެކެވެ. އެއީ ދުނިޔެމަތީ ނައިރާއާ ބައްދަލުވި އޯގާތެރި އިންސާނެކެވެ. މިއަދު ނައިރާގެ އަޒުމަކީ ކާމިޔާބު މީހަކަށްވުމެވެ. ކޮފީތަށި ބޯލުމަށްފަހު ނައިރާ ހިނގައިގަތީ މަދަރުސާއަށްދާން ތައްޔާރުވާށެވެ. (ނިމުނީ)
2 Replies to “ކުރު ވާހަކަ “ނައިރާ””
Aish
Varah rythi vaahaka eh
އައިޝާ
ވަރަށް ރީތި ވާހަކައެއް
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި