three open windows

ފާތިމަތު ޢިނާޔާ

އެ ކޮޓަރި

އަހަރެންގެ އުމުރުން އެންމެ 6 އަހަރުގައި އަހަރެންގެ ބައްޕަވަނީ ނިޔާވެފައެވެ. އަހަރެންގެ ހުރިހާ ކަމެއް މިއަދާ ޖެހެދެންވެސް ބަލަހައްޓަމުން އައީ އަހަރެންގެ ހިތްވަރުގަދަ އަދި ކެތްތެރި މަންމައެވެ. މަންމަގެ ނަސޭހަތުގައި ހިފައިގެން މަންމަ ދެއްކި މަގުން އަހަރެން ހިނގީމެވެ. އެކަމުގެ ނަތީޖާވެސް ފޮންޏެވެ. ގްރޭޑް 10 ނިންމާ ޖީސީ އޯލެވެލް އިން ރަށު މަދަރުސާއިން އެންމެ ރަނގަޅު ނަތީޖާ ލިބުން ކުދިންގެ ތެރޭގައި އަހަރެން ވެސް ހިމެނުނެވެ.  މީހުން ބަލައިގަންނަ ފަދަ މީހަކަށް ވުމަށްޓަކައި އަހަރެން އިތުރަށް ކިޔަވަން ބޭނުންވިއެވެ. އަހަރެން ބޭނުންވީ ނަރުހަކަށް ވާށެވެ. އެހެންކަމުން އަހަރެންގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށްޓަކައި މަންމަ އެތަށް ގުރުބާނީއެއްވިއެވެ.

މާތް ﷲ ގެ ތަނަވަސް ރަހުމަތުން އޭގެ އަހަރުތަކެއް ފަހުން އަހަރެންނަށް ނަރުސްކަން ފުރިހަމަކުރެވިއްޖެއެވެ. ލަސްނުކޮށް ގައުމަށް ހިދުމަތް ކޮށްދިނުމަށްޓަކައި ވަޒީފާއަށް އެދި ސިޓީ ފޮނުވައިފީމެވެ. އަހަރެންގެ ސިޓީއަށް ޖަވާބު ނުލިބި ހަފުތާއެއްވެއްޖެއެވެ. ހަފުތާތައް  މަސްތަކަށް ވެއްޖެއެވެ. މިކަމާ އަހަރެން ވަރަށް ދެރެވިއެވެ. ނަމަވެސް އަހަރެންގެ މަންމަ އުންމީދު ގަނޑައެއްނުލައެވެ. މިގޮތުގައި ދުވަސްތަކެއް ވީފަހުން އަހަރެންނަށް ވަޒީފާ ލިބުންކަމުގެ މެސެޖުލިބުނެވެ. އެއީ އަހަރެންގެ ހަޔާތުގައި ވަރަށް އުފާވެރި ވަގުތުކޮޅެކެވެ. ނަމަވެސް ލޯބިވާ މަންމަ ދޫކޮށް ރަށުން ބޭރަށް ވަޒީފާ އަދާކުރަން ދާންޖެހުމަކީ ހިތްދަތިކަމެކެވެ. ނަމަވެސް ވަޒީފާގަ ހުރެގެން ނޫނީ ދިރިއުޅުމުގެ ކަންކަން ފުރިހަމަ ނުކުރެވޭނެއަތީ އަހަރެން ވަޒީފާއަށް ދިޔައީއެވެ. މަންމަގެ ވެސް ރުހުމުގައެވެ.

އާބާދީގެ ގޮތުންނާއި ތަރައްގީގެ ގޮތުން ބެލިޔަސް އަހަރެންނަށް މިއާދެވުނީ ވަރަށް ރަނގަޅު މުސްތަގުބަލެއް އޮތް ރަށަކަށެވެ. ނަމަވެސް އަހަރެންގެ ރަހުމަތްތެރިއެއްވެސް ދުރުތާ ތިމާގެ މީހަކުވެސް މިރަށަކުނެތެވެ. އެންމެންނަކީވެސް އަހަރެންނަށް މުޅިން ބީރެއްޓެހިންނެވެ. ވަންނާނެތަނެއް ހޯދުމަށް އެއްގެއިން އަނެއްގެޔަށް ހިނގުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ހުންނާނެ ކޮޓަރިއެއް ނުލިބުނެވެ. ދެން އަހަރެން ދިޔައީ މިސްކިތަށެވެ. މިސްކިތުގައި އެތަށް އިރަކު އިނީމެވެ. މިހެން އިންދާ މީހަކު ގޮވާލިއެވެ. “ކޮއްކޯ! ހާދަ ގިނައިރެއް ވެއްޖޭ މިތާ؟ ކިހިނެތް ވެފާ ތިޔަ އިނީ؟” އެމީހާއަށް އަހަރެން ކިޔައިދިނީމެވެ. ނަސީބަކުން މި ބޭބެ އަހަރެންނަށް ހޮސްޕިޓަލާ ވަރަށް ކައިރިން ކޮޓަރިއެއް ހޯދައިދީފިއެވެ. އެއީ އެބޭބެގެ ރައްޓެއްސެއްގެ ގެއަކުންނެވެ. އަހަރެން ވަރަށް އުފަލުން އެބޭބެއަށް ޝުކުރުއަދާކުރީމެވެ.

ކޮޓަރީގެ ވެރިފަރާތުން ކޮޓަރީގެ ތަޅުދަނޑި ދެމުން ބުންޏެވެ. ” މިކޮޓަރީގައި މީހުން ނޫޅޭތާ އެއް އަހަރުވެދާނެ. އެހާ ރީތިނުވެދާނެ.” އަހަރެން ހިނިތުންވެ ހުރެ ބުނީމެވެ.” ބޭބޭ. އަހަރެންނަށް ހުންނާނެ ކޮޓަރިއެއް މިލިބުނީ ވަރަށް ވަރަކުންނެވެ. އަހަރެން ޝުކުރުކުރާނަމެވެ. ” މިހެންބުނެ އަހަރެން އެކޮޓަރި ތެރެއަށްވަނީމެވެ. ތެދެކެވެ. އަހަރެންނަށްވެސް އިހުސާސްކުރެވުނީ ކޮޓަރިތެރޭގައި ދިރުމެއް ނެތްކަމެވެ. ފަޅުކަމެވެ. ނަމަވެސް އެހާ ގިނަދުވަސްވަންދެން ބަޔަކު ނޫޅެންޏާ ފަޅުކަން އިހުސާސްވެދާނެއެވެ. ވެފާހުރިވަރުބަލީގައި އަހަރެން ނިދާލަން ބޭނުންވިއެވެ. މިހެން އޮއްވާ އަހަރެންނަށް ނިދުނެވެ. އަހަރެންނަށް ހޭލެވުނީ މީހަކު އުޅޭއަޑަށެވެ. ތެދުވެ ކޮޓަރީގެ އެކިދިމަދިމާޔަށް ނަޒަރު ހިންގާލެވުނެވެ. އެކަކުވެސް ނެތެވެ. ހީވިގޮތްކަމަށްބަލާ އަހަރެން އަނެއްކާވެސް އޮށޯތީމެވެ. ނަމަވެސް ނިދޭގޮތެއް ނުވިއެވެ. ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އަހަރެންނަށް ހީވާގޮތްކަމެއް އަސްލެއްކަމެއް ނޭނގޭހާ ގޮތްގޮތް ވާންފެށިއެވެ. ކޮޓަރީގެ އެކިދިމަދިމައިން އެއްޗެހި ފެންނަންފެށިއެވެ. ބައެއްފަހަރު މީހެއްގެ އަތްތިލައެކެވެ. އަނެއްބައިފަހަރު އިސްތަށިގަނޑެކެވެ. މިހެންވެ އަހަރެން ވުޟޫކޮށްލަން ބޭނުންވިއެވެ. އަދި ގުރުއާން ކިޔަވާ ހިތްހަމަ ޖައްސާލަން ބޭނުންވިއެވެ.

ފާހާނާއަށް ވަނުމުގެ ކުރިން ފެން ފޮދެއް ބޯން ބޭނުންވިއެވެ. އަހަރެންގެ ދަބަސް ބެލީމެވެ. ފެންފުޅިވަނީ ހުސްވެފައެވެ. ކޮޓަރީގައިވެސް ފެން ފޮދެއް ނެތެވެ. ވަރަށް ކަރު ހިތްކައެވެ. ނަމަވެސް ދަންވަރުގެ ވަގުތެއްކަމުން ހެނދުނުން ފެންގަންނަންދާން މަޑުކޮށްލީމެވެ. އެއަށްފަހު ފާހާނާއަށްވަނީމެވެ. ބޮކިދިއްލީމެވެ. އަހަރެންގެ އުމުރުގާވެސް މިފަދަ ބިރުވެރިކަމެއް ދިމައެއްނުވެއެވެ. ފާހާނާ ތެރޭގައި މީހަކު ދަންޖެހިފާ ހުއްޓެވެ. ދުވެފައި ނުކުތީމެވެ. ނުކުމެ އެންމެ ފުރަތަމަވެސް އަހަރެން ގުޅީ ޕޮލިހުންނަށެވެ. މާގިނައިރެއްނުވެ ޕޮލިހުންވެސް އަތުވެއްޖެއެވެ. ނަމަވެސް ބިރުވެރިކަންވީ ބޮޑެވެ. ޕޮލިހުންނަކަށް ފާހާނާތެރެއިން އެއްވެސް މީހަކު ނުފެނުނެވެ. އެހެންވެ އަހަރެން ބޭނުންވީ މިރޭވެސް އެކޮޓަރިން ނުކުންނާށެވެ. ޕޮލިހުންގެ ތެރޭގައި އާއިލާ މެމްބަރެއްގެ ރައްޓެއްސެއް ހުއްޓެވެ. އެރޭދެން އޭނާއާއެކު އޭނަގެ ގޭގާ މަޑުކުރީމެވެ.

ހެނދުނު ހެނދުނާ ހޮސްޕިޓަލަށްދިޔައީމެވެ. އެތަނުން ވަރަށް ގިނަ ރައްޓެހިން ލިބި ހިތަށް ލުއިކަމެއް ލިބުނެވެ. ލިބުނު ރަހުމަތްތެރިއަކަށް ރޭގެ ހާދިސާ ކިޔައިދިނީމެވެ. އޭނާ ކިޔައިދިނެވެ. “އެކޮޓަރީގައި މީގެ އެއްއަހަރުކުރިން މީހަކު ދަންޖެހި މަރުވިއެވެ. އޭގެ ފަހުން އެކޮޓަރީގައި އެއްވެސް މީހަކުނޫޅެއެވެ.” އަހަރެން އިތުރަށް ބިރުގަތެވެ. އަދި އެވަރުގެ ކަމެއް ހިނގާފައިވާ ތަނަކަށް ވަންއިރު ހަގީގަތް ކިޔާނުދިނީތީ ދެރަވެސްވިއެވެ. ނަމަވެސް އޭގެ ފަހުން އެފަދަ ކަމަކާއި ކުރިމައްޗެއްނުވެއެވެ. ލިބުނު އެކުވެރިންނާއެކު ވަޒީފާގެ ކަންކަމުގައި ކުރިއަށްދިޔައީމެވެ. އަދި އެކަން އެހެންވީނަމަވެސް މިއަދު އަހަރެން މިއުޅެނީ ވަރަށް އުފަލުގައެވެ. ހޮސްޕިޓަލުގެ މުވައްޒަފުން ވަރަށް ހިތްހެވެ. ވަރަށް އިހުތިރާމުވެސް ކުރެއެވެ. ނަމަވެސް މީއަހަރެންގެ ހިތުން ފިލާގެންދާނެ ހާދިސާއެއްނޫނެވެ.

 

ނޯޓް: މިއީ ސާނަވީ ދިވެހި މުދައްރިސް ނިބްރާސް އިވާން (2020) ލިޔުއްވާފައިވާ ހާދިސާއެކެވެ.

© 2023 milauthuru. All rights reserved.