އައިޝަތު ވަޙީދާ

ޙަޤީޤީ ވާހަކަ: “އެމައު” – ފުރަތަމަ ބައި

ދުވަހުގެ ހެނދުނުގެ ހިތްގައިމު ވަގުތެވެ. އަގު ބޮޑު ސެންޓުތަކުގެ ހިތްގައިމު ވަސްތަކުން މާލޭގެ މަގުތައް އުޖާލާވެގެންދާ ހެނދުނު އޮފީސްތައް ފެށޭ ގަޑިއެވެ. ތޯހިރު ވެސް ވަށައިގެން ގަޔަށް ސެންޓު ބުރުވާލައި ގަޑި ޖެހުމުގެ ކުރިން އޮފީހަށް ދިއުމަށްޓަކައި ރޫސްލާފައި ސައިކަލު ދުއްވާލިއެވެ. މާލޭގެ މަޝްހޫރު ގަޑިބުރު ކައިރިގައި ހުއްޓިލައިގެން ހުރި ޒުވާން އަންހެން ކުއްޖަކު އަތް ހިއްލާލިތަން ފެނި ބޭއިޚުތިޔާރުގައި ތޯހިރަށް ޕީސީއެކްސްގެ ކުރީ ބުރެކި ޖައްސާލެވުނެވެ. އަދި އިއްތިފާޤުން ސައިކަލު ގޮސް ހުއްޓުނީ ވެސް އެޒުވާނާގެ ސީދާ ކުރިމައްޗަށެވެ. އަހާލުމެއް ކަހާލުމެއް ނެތި، އެކުއްޖާފުޅު ސައިކަލުގެ ފަހަތަށް ފުންމާލި ކަހަލައެވެ. ޒަމާންތަކެއް ވާންދެން ރައްޓެހިވެގެން އެކުގައި އުޅޭ ލޯބިވެރިޔެއް ފަދައިންނެވެ. އެވަގުތު ތޯހިރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.

އަލަށް ވަޒީފާއެއް ލިބިގެން ފުރަތަމަ އޮފީހަށް ނިކުންނަ ދުވަސް ކަމަށާއި ޓެކްސީ ލަސްވާތީ ކަމަށާއި އޮފީހަށް ޑްރޮޕްކޮށްލަދޭށޭ ބުނެލީ ޝުކުރު އަދާކުރުމުގެ ގޮތުން ލޮލުގެ އިޝާރާތުންނެވެ. އަދި ދާންބޭނުމީ ވެލާނާގެ ކައިރިއަށް ކަމަށް ބުނެ މިސްރާބު ސީދާކޮށްލަދިނެވެ. އެހިނދު ތޯހިރު ސައިކަލް ދުއްވާލީ އެއީ ވެސް އުފާވެރި އިއްތިފާޤެކޭ ހިތަށް އަރާ ޙާލުގައެވެ. މަންޒިލަކީ ޚުދު ތޯހިރު ވެސް ދާންޖެހޭ މަންޒިލެވެ. ސައިކަލުގައި ބާރު އިސްޕީޑެއްގައި ދުއްވާލާފައި ވެލާނާގެއަށް މިސްރާބު ޖެހިއިރު، ދުވާ މީރު ސެންޓުވަހުން ހިތަށް ފިނިކަމެއް ލިބެމުންދިޔައެވެ. ބޮލުގެ ކަނާއަތް ފަރާތަށް ޖަހާލާފައި އިން ރީތި ޤުދުރަތީ މަލުން ލޮލަށް ހިތްހަމަޖެހުން ލިބެމުންދިޔައެވެ. ތޯހިރުގެ ސައިކަލުގެ ލޯގަނޑުން އެމަލަށް ބަލާކަން ޚުދު އެކުއްޖާފުޅަށް ވެސް ފާހަގަ ވެއްޖެ ކަހަލައެވެ. ގަޑިން 8 ޖެހުމުގެ ފަސް މިނެޓުކުރިން ވެލާނާގޭ ކަންމައްޗަށް މަޑުކޮށްލިއެވެ. ލަދުރަކި ގޮތަކަށް “ޝުކުރިއްޔާ” ބުނެލުމަށް ފަހު މަޑުމޮޅި ފަރިގޮތަކަށް ހިނގާލާފައި ގޮސް ނިވާވެއްޖެއެވެ.

ތޯހިރު ވެސް ސައިކަލު ޕާކުކޮށްލާނެ ތަންކޮޅެއް ތަކުލީފާ އެކު ނަމަވެސް ހޯދާލުމަށް ފަހު ސައިކަލު ޕާކުކޮށްލާފައި އޮފީހަށް ވަނުމަށް އަވަސްވެގަތެވެ. ގަޑި ޖެހުމުގެ ކުރިން އޮފީހަށް އައިކަމަށް ޙާޟިރީގައި ފާހަގަޖެހުމަށެވެ.

އަސްތާ! އޮފީހަށް ވަދެ މަސައްކަތްކުރާ ކިއުބިކަލްއަށް ދިޔަތަނާ ހެން ތޯހިރަށް ފެނުނީ ހުއްޓުން އަރާފައި ތޯހިރުގެ މޭޒުގެ ސީދާ ކުރިމަތީ މޭޒުގައި ކަތިނަޒަރަކުން ބަލަހައްޓައިގެން ހިނިތުންވެފައި އެ އަންހެން ކުއްޖާ އިނެވެ. (ނުނިމޭ)

© 2023 milauthuru. All rights reserved.