މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ވަޅިން ބިރު ދައްކައި އަންހެން ކުއްޖަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ޖަލުގައި ދަންޖެހުނީ ކަމަށް ބުނެ ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެއްޖެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާ ދަންޖެހުނު މައްސަލާގައި ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. މަރުވި ސަބަބު ދެނެގަތުމަށް އަތުހަރުގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭނާ އަކީ ކުރިން ވެސް ޖަލުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ މީހަކަށް ވެފައި، މީހަކު ރަހީނުކުރި ކޮށްގެން އުޅެނިކޮށް މުގުރުން ޖަހާ ވައްޓާލުމަށް ފަހު ބާރުގެ ބޭނުންކޮށްގެން އަންހެން ކުއްޖާ ސަލާމަތް ކުރުމުގެ ތެރޭގައި އަނިޔާތަކެއް ލިބިފައި ވެއެވެ. ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ ހައްޔަރަށް ގެންގޮސްފައެވެ. އަދި ޖެހިގެން އައި ދުވަހު އިވުނީ އޭނާ ޖަލުގައި އަމިއްލައަށް ދަންޖެހުނު ވާހަކައެވެ. އެހިސާބުން ވަރަށް ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދަން ފެށިއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހެވިގެން ނުވާނެ ކަމަށާއި، އޭނާގެ މަރާ މެެދު ސުވާލު އުފެދޭކަމަށެވެ.
ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އިރު އޮއްސި 7:02 ގަ އެވެ. ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިނުން ދައްކަ އެވެ.
އޭގެ އަށް މިނެޓް ފަހުން 7:14 ވީއިރު އަތުހަތު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައިވެ އެވެ. ވީމާ އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނެޓެވެ. އެހެން ނަމަވެސް ފުލުހުން އާންމުކުރި ޓައިމްލައިންގައި، އަތުހަރު އެންމެ ފަހުން ސަލާމަތުން ހުއްޓާ ފެނުނު ވަގުތެއް ބުނެފައެއް ނުވެއެވެ.
އަންހެން ކުއްޖާ އަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކުއްޖެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އޭނާ އާއި ޒުވާބު އުފެދުނީ ދިރިއުޅޭތަނުގެ ކުއްޔާ މެދުގައ ކަމަށް ވެއެވެ. އަދި މައްސަލަ ހޫނުވެ ގަޔަށް އަތްލާ ހިސާބަށް ދިއުމުން އަންހެން ކުއްޖާ ފުލުހުންގެ އެހީއަށް އެދުނީކަމަށް ވެއެވެ. އަތުހަރު ދަންޖެހުނު ކަމަށް ފުލުހުން އިޢުލާން ކުރުމުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެމައްސަލަ ވަނީ މިހާރު ތަޙްޤީޤުކުރަން ފަށާފައެވެ.