ޙިޒްބު ﷲ ގެ ސެކްރެޓަރީ ޖެގެނެރަލް ޙަސަން ނަސްރަ ﷲ އާއި އިތުރު އެތައް ލީޑަރުންނެއް ހިމެނޭގޮތަށް ޝަހީދުކޮށްލުމަށް ހައްދުފަހަނައެޅި އިސްރާޢީލް ސިފައިން ދިން ކާމިޔާބު ޙަމަލާ ދީފައި ވަނީ އެމީހުންގެ މާ މޮޅު އިންޓެލް ޓެކްނޮލޮޖީއެއްގެ ބޭނުންކޮށްގެން ނޫންކަމަށާއި، ބޮޑު އަގު ދީފައި ޙިޒްބު ﷲ ގެ އެތެރެއިން އިންޓެލް ގަނެގެންކަމުގައި ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.
ފަލަސްޠީނާއި، ލުބުނާނާއި، ޔަމަނުގައި ވެސް އޮތް ތަދުމަޑުކަމުގެ ބޭނުން ހިފައި އެމީހުންގެ ތެރެއިން އަޤީދާ ބަލިކަށި މީހުންގެ ހިތްތަކަށް ފައިސާގެ ނުފޫޒު ވައްދައިގެން އިންޓެލް ހޯދުމަކީ އަބަދުވެސް އިސްރާޢީލް ސިފައިން ކުރާ ކަމެކެވެ. މިފަހަކަށް އައިސް އެމީހުން ދިން މިފަދަ ޙަމަލާތައް އެހާ ކާމިޔާބުވެފައި އެވަނީ ސީދާ އެތެރެއިން އިންޓެލް ލިބިފައި ވާތީއެވެ. ހަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމަށް އިންޓެލް ހޯދާފައި ވަނީ ހަމާސްގެ ތެރެއިންނާއި އީރާންގެ ތެރެއިންނެވެ. ހަމަ އެގޮތަށް ޙަސަން ނަސްރަ ﷲ ޝަހީދުކޮށްލާފައި ވަނީ ވެސް ޙިޒްބު ﷲ ގެ އެތެރެއިން ވަރަށް ޔަޤީންވާ ހިސާބުގެ ފަރާތްތަކެއްގެ އެހީގައެވެ.
ބައެއް ނޫސްތައް ބުނާގޮތުގައި ޙަސަން ނަސްރަ ﷲ ޝަހީދުކޮށްލުމުގެ ޙަމަލާ ދިނުމަށް ވަކި ވަކި މީހުންނަށް 4 މިލިޔަން އެމެރިިކާ ޑޮލަރު ދީފައި ވާކަމަށް ވެއެވެ. އިސްރާޢީލުން ދެކޭގޮތުގައި އެމީހުންގެ ބަލި ފަޔަކީ ފައިސާ އެވެ. ހަނގުރާމައެއް ގައި އެމީހުން ބިރުން ފަހަތައް ނުޖެހޭނެކަމަށާއި، އެހެން ނަމަވެސް ފައިސާއަށް ހެއްލޭކަމަށެވެ. އަދި މީގެ އިތުރުން ފަލަސްޠީނާއި ލުބުނާނުގެ އެތެރޭގައި އޮތް ދާޚިލީ ހަމަނުޖެހުންތަކަކީ ވެސް އެމީހުންގެ ބަލިފަޔެކެވެ.

ކިޔުންތެރިންގެ ހިޔާލު