މިލައުތުރު

ފޯކައިދޫ ކައުންސިލް މަޑުޖެހުމެއް ނެތް، ތަރައްޤީގައި ދުވެލި ބާރު!

ސިޔާސީ ހުރަސްތައް ފޫއަޅުވާލުމަށް ފަހު ފޯކައިދޫ ކައުންސިލުން ތަރައްޤީގެ ޕްރޮގްރާމްތަކުގެ އިސްޕީޑު ހަތްވަނަ ގިއަރުގައި ތަފާތު ދައްކާލައިފިއެވެ. ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ޞިޔާޢީ މަސައްކަތްތަކާއި، ވަޞީލަތްތައް އިތުރުކުރުމާއި، މީހުން ބިނާކުރުމާއި، މުސްތަޤުބަލަށް ބޭނުންވާނެ އެކި ކަހަލަ ކަންކަން ދިރާސާކުރުމާއި، ފަރުމާކުރުންތައް އެއްވެސް ހުއްޓުމެއް ނެތި، ފަތުއަޑުކިޔާފައި ކުރިއަށް ދަނީއެވެ.

މިހާރު ކުރިއަށްދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ރަސްމީ ފުޓުބޯޅަދަނޑުގައި އިތުރު ވަޞީލަތްތައް ޤާއިމުކުރުމާއި، ޒަމާނީ ކުޅިވަރު ސްޓޭޖެއް އެޅުމުގެ މަސައްކަތާއި، ކުނި މެނޭޖުކުރުމުގެ ނިޒާމު ޤާއިމުކުރުމާއި، ޢިޖްތިމާޢީ ސެންޓަރުގެ ވަށާފާރު ރޭނުމާއި، ގެސްޓްހައުސްއެއް އެޅުމާއި، ގުދަންކުރުމަށް ވޭނުންވާ ސްޓޯރޭޖް ފެސިލިޓީއެއް އެޅުމާއި، ޕާކުތަކުގެ ޑިޒައިންތައް ކުރުން ހިމެނެއެވެ.

މީގެ އިތުރުން އެހެން އެއްވެސް ބަޔަކަށް ބަރޯސާވުމެއް ނެތި، ރަށުގެ މަގުތައް އެއްވަރުކުރުމާއި، ފެންހެދޭ ތަންތަން ނައްތާލުމަށް ބޭނުންކުރާނެ ހެވީލޯޑް ވެހިކަލްތަކާއި މެޝިނަރީ އާއި އިކްއިޕްމަންޓްތައް ވަނީ ހޯދާފައެވެ. އެގޮތުން ރަށުން ކުނި ނެގުމަށް ޕަވާރ ގޭޓް ފިކަޕްތަކާއި، ޑަމްޕު ލޮރީ އާއި، އެކުސްކެވޭޓަރާއި، ފަސްބާރުކުރާ ކޮމްޕެކްޓަރާއި، ސިމެންތިގަށާ މެޝިނު ފަދަ އެތައް ވަޞީލަތެއް މިހާރު ވަނީ ހޯދާފައެވެ.

ފެންނަ މަންޒަރުތަކަށް ބަލާއިރު ފޯކައިދޫ ކައުންސިލުން އަމާޒުހިފާފައި ހުރީ ބޮޑު ވިޔަފާރި ކުންފުންޏެއް އުފެއްދުމަށް ފަހު، ރަނގަޅު ޢާމްދަނީ ލިބޭ މަސައްކަތްތަކުން ރަށަށް ބޭނުންވާ އެންމެހާ ކަމެއް ރާވާ ހިންގުން ކަމަށް ބެލެވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.