އާދަނު ދިރިއުޅެނީ ހުޅުމާލޭ މަޝްހޫރު އެޕާޓްމަންޓު އިމާރާތެއްގައެވެ. ބުރަ މަސައްކަތުން އެއްކޮށްފައިހުރި ފައިސާކޮޅުން ބޭކާރު ޚަރަދުނުކޮށް މީގެ 4 އަހަރުން ކުރިން ގަނެލީ، 3 ކޮޓަރީގެ އެޕާޓްމަންޓެކެވެ. އާދަނާއި އާދަނު އަނބި މޫމިނާއާ ދެމަފަރިންނަށް ލިބިފައިވާ ދެކުދިންނާއެކު ދިރިއުޅެމުން އަންނަނީ އުފާވެރި ބާއްޖަވެރި ދިރިއުޅުމެކެވެ.
މީގެ ފޮއިދުވަސް ކުރީގެ ވާހަކައެވެ. އާދަނު ގޮސް އެހެރީ، ދިރިއުޅޭ އިމާރާތުގެ ޔޫނިއަންގެ ބައްދަލުވުމަކަށެވެ. ހުޅުމާލެގައި ހަދާފައި ހުންނަ ގިނަ ޢިމާރާތްތަކުގެ މަރާމާތު ބެލެހެއްޓުން ފަދަ ކަންކަން އޮންނަނީ އިމާރާތުގެ އެޕާޓްމަންޓުތަކުގެ ވެރިންގެ މެދުގައި ހަދާފައި ހުންނަ މިފަދަ ޔޫނިއަންތަކާ ހަވާލުކޮށްފައެވެ. އިމާރާތާ ގުޅޭ ކަންކަން ފަސޭހައިން ބެލެހެއްޓުމަށްޓަކައެވެ.
ޔޫނިއަންގެ ރައީސް ވާހަކަ ދައްކަން ފެއްޓިއެވެ. އެވަގުތު އެންމެން ވެސް ތިބީ ކަނުލާ އަޑުއަހާށެވެ.
“އާދެ، ޝުކުރިއްޔާ އެންމެ ބޭފުޅުންނަށް ވެސް ތިހާ ބުރަކޮށް އުޅުއްވަމުން ވެސް ވަޑައިގެންނެވީތީ…” އަވަސް ރާގެއްގައި ރައީސް ވިދާޅުވިއެވެ. “އަޅުގަނޑު މިރޭ ތިބޭފުޅުންނާ މި ބައްދަލުކޮށްލީ…. އިއްޔެ ނޫހެއްގައި ޖަހާފައިވާ ޚަބަރަކާ ގުޅިގެން… ” ރައީސްގެ މި ޢިބާރާތާއެކު، ވަށައިގެން އޮތް ފޫހި މާޙައުލުގެ މުނިފޫހި ފިލުވާލަދިން ކަހަލައެވެ. ހުރިހާ ބައިވެރިން ވެސް، ކަނުލާ އަޑުއަހަން ފެށިކަހަލައެވެ.
” ބައްލަވާ އާދަނު… އަޅުގަނޑަށް އިނގޭ އާދަނީ ރާއްޖޭގެ މަޝްހޫރު ނޫސްވެރިއެއްކަން. އެކަމަކު މިއީ ބޮޑުވަރު އިނގޭތޯ… މި ޓަވަރުގެ ފޮޓޯއެއް ތިބޭފުޅާ ތިހިންގަވާ ނޫހުގައި ޖަހަންޖެހޭ ތޯ؟ ” އާދަނު އިނީ ހައިރާންވެ އަންތަރީސްވެފައެވެ. އަދި ސަކަ ހިންޏެއް ވެސް އާދަނުގެ ގާތަށް އައި ކަހަލައެވެ. ” މިޓަވަރުގައި ދިރިއުޅޭ މީހެއްގެ އެޕާޓުމަންޓަކުން މަސްތުވާތަކެތި ފެނިގެން ނޫހުގައި އެވާހަކަ ލިޔާއިރު ހަމަޖެހޭތޯ މިޓަވަރުގެ ފޮޓޯއެއް ޖަހަން؟ ތިކުރެއްވި ކަމުގެ ސަބަބުން މި އިމާރާތުގެ ދިރިއުޅޭ އެންމެންގެ އަގުވެއްޓިއްޖެ. އިމާރާތުގައި ދިރިއުޅޭ މީހެއްގެ ހައިސިއްޔަތުން ވިސްނާ ނުލެއްވީ ކީއްވެތޯ؟ އަޅުގަނޑަކީ ޔޫނިއަންގެ ރައީސް، އާދަނު ޖަވާބުދާރީވާންޖެހޭނެ “
“ބައްލަވާ ރައީސް، ތިޔަ ވިދާޅުވާ ޚަބަރަކީ ފުލުހުން ވެސް ރިޕޯޓުކޮށްފައިވާ ޚަބަރެއް. ފުލުހުން ވެސް އަޅުގަނޑުގެ ނޫހަށް މަޢުލޫމާތުދެއްވީމާ އެގޮތަށް ލިޔެފައި އެއޮތީ. ފަސްކިލޯގެ ހެރޮއިނާއެކު ފިރިހެނަކު ހުޅުމާލެ ގްރޯނެސްޓް ރެސިޑެންސް އިން ހައްޔަރުކުރި ވާހަކަ. އެޔަކު އެއްވެސް ދޮގެއް ނެތެއް ނޫންތޯ” އާދަނު ބުންޏެވެ.
“ފަސްކިލޯއެއް ނޫން އަތުލީ. 5 ކިލޯ ބައި. ތިޔަ ނޫހުގައި އޮތީ ދޮގެއް. ގްރޯނެސްޓް ރެސިޑެންސް ޔޫނިއަންގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ބޭނުން މިމައްސަލަ ބަލަން… އާދަނުގެ ބަޔާނެއް ވެސް ބޭނުންވާނެ.” ރައީސް ރުޅިވެރި ރާގަކަށް ބުނެލިއެވެ.
“ޢިއްޒަތްތެރި ރައީސް… ނޫސްތަކުގެ ލިޔާ އެއްޗެތީގެ ކޮންޓެންޓާބެހޭ ގޮތުން ސުވާލު ކުރުން އޮންނަނީ… ގާނޫނީގޮތުން ވަކިބަޔަކާ މަތިކޮށްފައި. ގްރޯނެސްޓް ރެސިޑެންސްގެ ޔޫނިއަންއަކަށް ތިޔަކަމެއް ނުކުރެވޭނެ. އެކަން އެނގިލައްވާތޯ؟” އާދަނު ވަރަށް ކުރުކޮށް ފޮނިކޮށް ޖަވާބު ދިނެވެ.