ބަޖެޓުގެ އެންމެ މަތީ މަސްލަޙަތަކީ ވެސް އަދި އަމާޒަކީ ވެސް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކޮށް، އިކޮނޮމިކް ރިފޯމް އެޖެންޑާ އާއި ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުންކަމުގައި މާލީ ވުޒާރާއިން 2025 ވަނަ އަހަރަށް ހުށަހަޅުއްވާފައިވާ ބަޖެޓުގައި ވެއެވެ.
2025 ވަނަ އަަހަރަށް ޖުމްލަ 56.6 ބިލިޔަން ރުފިޔާ ބޭނުންވާނެ ކަމަށް ސަރުކާރުން އަންދާޒާކުރައްވާފައި ވެއެވެ. އަދި އަންދާޒާކުރާ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ޚަރަދުވާނެއެވެ.
މީގެ އިތުރުން ބަޖެޓުގެ ސިޔާސަތުތައް އެކުލަވާލާފައިވަނީ ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ބޭނުންވާ ޖާގަ ލިބޭނެގޮތަށް އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމްތަކެއްގެ މައްޗަށެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ އިސްލާޙީ އެޖެންޑާގައި ރާއްޖޭގެ ތަރައްޤީއަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ބަޖެޓުން ކުރާ ހޭދައިގެ ނަތީޖާ ރަނގަޅުކުރުމާއެކު، މާލީ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް އާމްދަނީ އިތުރުކުރުމާއި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރުމުގެ މައްޗަށެވެ.
މިފަދަ ފިޔަވަޅުތަކާއެކު، ޖީޑީޕީގެ ނިސްބަތުން ބަޖެޓުގެ އަސާސީ ދަރަނި %5 އަށްވުރެ ދަށްކުރެވި ހިންގުމުގެ އަމާޒު ހާސިލުކުރެވޭނެކަމަށް ވެސް ބަޖެޓު ފޮތުގައި ވެއެވެ. 2025 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެގޮތުގައި 39.8 ބިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރައްވާފައި ވެއެވެ. އަދި ނަގުދު ފައިސާއިން ލިބޭ އެހީގެގޮތުގައި 120 މިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް ރާވާފައިވެއެވެ.
ޑައިރެކްޓް ކޭޝް ޓްރާންސްފަރ ނިޒާމެއް ތައާރަފުކޮށް، ސިއްހީ ނިޒާމު މުރާޖައާކޮށް އިސްލާހުކުރުމަށާއި، ސަރުކާރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޕީއެސްއައިޕީ މަޝްރޫޢުތައް، އިކޮނޮމިކް ރިފޯމް އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ތަރުތީބުކުރެއްވުމުގެ މައްޗަށް ޚާއްސަ ސަމާލުކަމެއް ދީފައި ވާނެކަމަށާއި، މިބެޖުޓުގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، ސިއްހީ އަދި ތައުލީމީ ދާއިރާގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުޅާކުރުމަށް އިސްކަންދެވިފައިވާނެ ކަމަށެވެ.
އަދި އެންމެ ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި މިހާރު އެއްހަމަ ނުކުރެވޭ ހުރިހާ ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ނިންމުމަށް ބަޖެޓުގައި ޖާގަ ފަހިކުރެވިފައި ވެއެވެ. އެހެންކަމުން މިހާރު ރާއްޖޭގެ ރައްޔިތުން ތަޙައްމަލުކުރަމުން މިގެންދާ ތަޑުމަޑުކަމާއި، ބޯންޖެހިފައިވާ ހިތިބޭސް ބުއިން އަންނަ އަހަރު ހުއްޓާލެވޭވަރު ވާނެކަމަށް އުންމީދުކުރެވެއެވެ.