ދުވަހުގެ ހެނދުނުގެ ހިތްގައިމު ވަގުތެވެ. އަގު ބޮޑު ސެންޓުތަކުގެ ހިތްގައިމު ވަސްތަކުން މާލޭގެ މަގުތައް އުޖާލާވެގެންދާ ހެނދުނު އޮފީސްތައް ފެށޭ ގަޑިއެވެ. ތޯހިރު ވެސް ވަށައިގެން ގަޔަށް ސެންޓު ބުރުވާލައި ގަޑި ޖެހުމުގެ ކުރިން އޮފީހަށް ދިއުމަށްޓަކައި ރޫސްލާފައި ސައިކަލު ދުއްވާލިއެވެ. މާލޭގެ މަޝްހޫރު ގަޑިބުރު ކައިރިގައި ހުއްޓިލައިގެން ހުރި ޒުވާން އަންހެން ކުއްޖަކު އަތް ހިއްލާލިތަން ފެނި ބޭއިޚުތިޔާރުގައި ތޯހިރަށް ޕީސީއެކްސްގެ ކުރީ ބުރެކި ޖައްސާލެވުނެވެ. އަދި އިއްތިފާޤުން ސައިކަލު ގޮސް ހުއްޓުނީ ވެސް އެޒުވާނާގެ ސީދާ ކުރިމައްޗަށެވެ. އަހާލުމެއް ކަހާލުމެއް ނެތި، އެކުއްޖާފުޅު ސައިކަލުގެ ފަހަތަށް ފުންމާލި ކަހަލައެވެ. ޒަމާންތަކެއް ވާންދެން ރައްޓެހިވެގެން އެކުގައި އުޅޭ ލޯބިވެރިޔެއް ފަދައިންނެވެ. އެވަގުތު ތޯހިރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.
އަލަށް ވަޒީފާއެއް ލިބިގެން ފުރަތަމަ އޮފީހަށް ނިކުންނަ ދުވަސް ކަމަށާއި ޓެކްސީ ލަސްވާތީ ކަމަށާއި އޮފީހަށް ޑްރޮޕްކޮށްލަދޭށޭ ބުނެލީ ޝުކުރު އަދާކުރުމުގެ ގޮތުން ލޮލުގެ އިޝާރާތުންނެވެ. އަދި ދާންބޭނުމީ ވެލާނާގެ ކައިރިއަށް ކަމަށް ބުނެ މިސްރާބު ސީދާކޮށްލަދިނެވެ. އެހިނދު ތޯހިރު ސައިކަލް ދުއްވާލީ އެއީ ވެސް އުފާވެރި އިއްތިފާޤެކޭ ހިތަށް އަރާ ޙާލުގައެވެ. މަންޒިލަކީ ޚުދު ތޯހިރު ވެސް ދާންޖެހޭ މަންޒިލެވެ. ސައިކަލުގައި ބާރު އިސްޕީޑެއްގައި ދުއްވާލާފައި ވެލާނާގެއަށް މިސްރާބު ޖެހިއިރު، ދުވާ މީރު ސެންޓުވަހުން ހިތަށް ފިނިކަމެއް ލިބެމުންދިޔައެވެ. ބޮލުގެ ކަނާއަތް ފަރާތަށް ޖަހާލާފައި އިން ރީތި ޤުދުރަތީ މަލުން ލޮލަށް ހިތްހަމަޖެހުން ލިބެމުންދިޔައެވެ. ތޯހިރުގެ ސައިކަލުގެ ލޯގަނޑުން އެމަލަށް ބަލާކަން ޚުދު އެކުއްޖާފުޅަށް ވެސް ފާހަގަ ވެއްޖެ ކަހަލައެވެ. ގަޑިން 8 ޖެހުމުގެ ފަސް މިނެޓުކުރިން ވެލާނާގޭ ކަންމައްޗަށް މަޑުކޮށްލިއެވެ. ލަދުރަކި ގޮތަކަށް “ޝުކުރިއްޔާ” ބުނެލުމަށް ފަހު މަޑުމޮޅި ފަރިގޮތަކަށް ހިނގާލާފައި ގޮސް ނިވާވެއްޖެއެވެ.
ތޯހިރު ވެސް ސައިކަލު ޕާކުކޮށްލާނެ ތަންކޮޅެއް ތަކުލީފާ އެކު ނަމަވެސް ހޯދާލުމަށް ފަހު ސައިކަލު ޕާކުކޮށްލާފައި އޮފީހަށް ވަނުމަށް އަވަސްވެގަތެވެ. ގަޑި ޖެހުމުގެ ކުރިން އޮފީހަށް އައިކަމަށް ޙާޟިރީގައި ފާހަގަޖެހުމަށެވެ.
އަސްތާ! އޮފީހަށް ވަދެ މަސައްކަތްކުރާ ކިއުބިކަލްއަށް ދިޔަތަނާ ހެން ތޯހިރަށް ފެނުނީ ހުއްޓުން އަރާފައި ތޯހިރުގެ މޭޒުގެ ސީދާ ކުރިމަތީ މޭޒުގައި ކަތިނަޒަރަކުން ބަލަހައްޓައިގެން ހިނިތުންވެފައި އެ އަންހެން ކުއްޖާ އިނެވެ.
ދެމީހުން ވެސް އެކަކު އަނެކަކަށް ހިނިތުންވެލުމަށް ފަހު ދުވަހުގެ މަސައްކަތްތަކުގައި މަސްއޫލްވެއްޖެއެވެ. ދެމީހުންގެ މޫނުމަތީގައި ވެސް ވީ ހިތްހަމަޖެހުމާ އުފާވެރިކަމެވެ. ފެންނަ ފެނުމަށް ނުދަންނަހެން ހީނުވިތާ ހިތާ ހިތުގެ ގުޅުމުން ޖަރީވެފައިވާ ދެމީހުން ފަދައިން ލަދުރަކިވީ ނަމަވެސް އުފަލުން ފޮޅިފައެވެ. އެހިނދު ދެއްކިހާ ވާހަކައެއް ދެމީހުން ވެސް ދެއްކީ ލޮލުގެ އިޝާރާތުންނެވެ.
ދުވަހުގެ އޮފީސް ގަޑި ނިމި، ގެއަށްދާ ގަޑި ޖެހިއްޖެއެވެ. އޮފީސް އިމާރާތުގެ 8 ވަނަ ފަންގިފިލާގައި މަސައްކަތްކުރާ ގިނަ މުއައްޒަފުން ދުވަހަށް ކަނޑައެޅި މިންވަރަށް މަސައްކަތްތައް ނިންމާލުމަށް ފަހު ގެއަށް ގޮސްފިއެވެ. ކިއާރާ މާ އަވަދިނެތި އުޅޭތީ ތޯހިރަށް އެދިމައަށް ނަޒަރު ހިންގާލެވުނު ވަގުތެވެ. ވަރަށް ބާރަށް ހަޅޭއްލަވައިގެންފައި ދުއްވައިގެންފިއެވެ. އެވަގުތު ތޯހިރު ވެސް އަވަސް އަވަހަށް އެދިމާއަށް ދުއްވައިގަތީ ވީގޮތެއް ބެލުމަށާ އެހީތެރިވުމަށެވެ. ބަލަން ބަލާކަށް ނެތެވެ. ފެނުމާއެކު ދުވެފައި އައިސް އޮޅުލައިގެންފިއެވެ. “މޭޒުދަށުން ކުރަފި ހިލިއްޖެ” ކިއާރާ ގޮވަމުންދިޔައެވެ.
“ކިއާރާ އިހަށް ހަމަޖެހިބަލާ! ކިހިނެތްތަ ވީ؟” ތޯހިރު ސުވާލުކޮށްލިއެވެ.
“ކުރަފި ދެކެ ވަރަށް ބިރުގަނޭ! މޭޒުދަށުގައި ބައިވަރު ކުރަފި އެބައުޅޭ! އަޅެ ޕްލީޒް އަހަރެންގެ ލެޕްޓޮޕް ގެނެސްދީ! ދެން ދާނީ ގެއަށް!” ކިއާރާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. އަދި ހަމަ އެވަގުތު ތޯހިރު އެތަނަށް ގޮސް ކިއާރާގެ ލެޕްޓޮޕް ނަގައިގެން ގެނެސްދީފިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ! މިއަދު ވަރަށް އުނދަގޫ ކުރެވިއްޖެ ދޯ!” ޖަޒުބާތީ ގޮތަކަށް ކިއާރާ ބުނެލިއެވެ.
އޮފީސް ނިންމާލުމަށް ފަހު ގެއަށް ދިއުމަށްޓަކައި ދެމީހުން ވެސް ނިކުތީ އެކު އެކީގައެވެ. ފަހަރެއްގައި ވެސް އެއީ އެއްވެސް މީހަކު ގަސްދުގައި ރާވައިގެން ތަދުބީރުކުރި ކުރުމެއް ނޫނެވެ. ހުރިހާކަމެއް ވެސް ވަމުން ދިޔައީ އިއްތިފާޤުންނެވެ. ލިފްޓް ތެރޭގައި ހަނުތިބުމަށް ފަހު ބޭރަށް ނިކުތް ވަގުތު ގެއަށް ލައިދެންހޭ ތޯހިރު އަހާލިއެވެ. އަދި ދެމީހުން ވެސް އެދުވަހު ގެއަށް ދިޔައީ އެކުގައެވެ.
ތޯހިރުއާ ކިއާރާގެ ގުޅުން ވަރަށް ބޮޑަށް ގާތްވެ ރަޙްމަތްތެރިކަން އިތުރުވެއްޖެއެވެ. އަދި އޮފީސްތެރޭގައި ވެސް އެ ދެމީހުންނަކީ ވަރަށް ގާތް ދެމީހުންގެ ގޮތުގައި އެންމެން ވެސް ބަލައިގެންފިއެވެ. ކޮންމެ ދުވަހަކު އޮފީހަށް އަންނީ އަދި ދަނީ ވެސް އެކުގައެވެ. އޮފީހުގައި ދިމާވާ ކޮންމެ ކަމެއްގައި އެކަކު އަނެކަކަށް އެހީތެރި ވެދީ އުޅެނީ ނުހަނު ހިތްހަމަޖެހުމާ އުފަލާއެކުގައެވެ. އަދި ބަދަލުގައި އެއްޗެއް ބޭނުންވާ ތަނެއް ވެސް އަމުދަކުން ނުފެނެއެވެ. އަދި ދެމީހުންގެ ރަޙްމަތްތެރި ގުޅުމަކީ މުޅި އޮފީހަށް ވެސް އެދުވަސްވަރު ރީތި ނަމޫނާއަކަށް ވެއްޖެއެވެ. އޮފީހުގައި ދޭދޭ މުއައްޒަފުންގެ މެދުގައި ވެސް ތޯހިރުއާ ކިއާރާގެ ވާހަކަ ދެެކެވެނީ ވަރަށް ރީތި މިސާލެއްގެ ގޮތުގައެވެ.
ތޯހިރު އަކީ ކިތަންމެ ސީނިޔަރ މުއައްޒަފެއް ކަމުގައި ވިޔަސް އެކަމެއް އޭނާގެ އެއްވެސް ޙަރަކާތަކުން ވެސް ކުރެވޭ މުޢާމަލާތަކުން ވެސް ނުފެނެއެވެ. ކިއާރާ ބޭނުންވާ ކޮންމެ ކަމެއް ވެސް ކޮށްދެނީ އެއްވެސް ޝަކުވާއެއް ނެތި ކުރާހިތުންނެވެ. އަދި ކިއާރާ ވެސް އެކަން ޤަބޫލުކުރަނީ އިޙްތިރާމާ ޝުކުރުވެރިކަމާ އެކުގައެވެ. ކިއާރާގެ ހިތުގައި ތޯހިރުއަށް އޮތް ޤަދަރު ދިޔައީ އިތުރު ވަމުންނެވެ. ވާހަކަދައްކާ މުއާމަލާތްތައް ކޮށްއުޅެނީ އަދަބު އިޙްތިރާމް އަދާކުރުމާ އެކުގައެވެ. އެހެން ހުރިހާ މުއައްޒަފުންނަށް ނަމޫނާއެއް ފަދައިންނެވެ.
“އަހަރެން ވަޒީފާއަށް އަންނަނީ ވެސް އޭނާއަށްޓަކައި. އޭނާ އެއްވެސް ވަޒީފާއަކަށް ނުގޮސް ގޭގައި ހުންނާތީ. އަދި އެންމެ ޒަރޫރީ ކަންކަން ކޮށްލާނެ މިންވަރަށް ވެސް ފައިސާއެއް ނެތުނީމާ. އެކަމަކު މިއަދު އޭނާއަށް އެކަމެއް ވެސް ނޭނގުނު. އަހަރެން އެއްލައިލީ ވަރަށް ހުތުރު އެއްޗެހި ވެސް ކިޔާފައި.” ކިއާރާ ފެންކަޅިވަމުން ކިޔައިދިނެވެ.
“އަހަރެން ފަޒާލް ނޫން މީހަކާ އެކު ދިރިއުޅެން ދުވަހަކު ވެސް ހިތަށް ވެސް ނާރާ. އަދި އޮފީހާ މަތިކޮށްފައި އަހަރެން ދޫކޮށްލަން ހެޔޮ ވެދާނެތަ. އަހަރެން ވަޒީފާއެއް އަދާކުރާކަށް ބޭނުމެއް ވެސް ނޫން.” ވަރުބަލިކަމާ އެކު ތޯހިރުގެ ކޮނޑުގައި ބޯއަޅާލުމަށް ފަހު ކިއާރާ ކިޔައިދެމުން ގެންދިޔައެވެ.
ދެމީހުން ވެސް ތިބީ އެކަކު އަނެކަކަށް ދެވޭނެ އެންމެ ބޮޑު ސަމާލުކަމެއް ދީގެންނެވެ. ތޯހިރު އިނީ ވަކިން ބޮޑަށް ސަމާލުކަން ދީގެން ކިއާރާ ދައްކާ ހުރިހާ ވާހަކައެއް ވެސް ކަނުލާ އަޑުއަހާށެވެ. ފެންނަ ފެނުމަށް ދެމީހުން ވެސް ތިބީ ވަރަށް ބޮޑަށް ދެރަވެފައެވެ. ތޯހިރުގެ އެންމެ ގާތް އެކުވެރިޔާއަށް ކުއްލިގޮތަކަށް ލިބުނު ހިތާމައިގެ ސަބަބުން ހިތްދަތިވެފައެވެ. ކިއާރާގެ ހިތަށް ތަސައްލީއެއް ލިބޭނެ ކޮންމެ ކަމެއް ކޮށްދިނުމަށް ހުރީ ތައްޔާރަށެވެ. އަދި ޙާލަތުގެ ނާޒުކުކަމުން ކަންބޮޑުވެ ހާސްވެފައެވެ. އިތުރަށް ޔަޤީންކޮށްލުމުގެ މަޤުސަދުގައި ވެސް ބައެއް ވާހަކަތައް އަހާލަން ވެސް ނުކެރިފައެވެ. ކިއާރާ އިތުރަށް ދެރަވެދާނެތީއެވެ. ކިއާރާގެ ރީތި ދެލޮލުން އިތުރަށް އެންމެ ކަރުނަތިއްކެއް ވެސް އަޅާތަން ދެކެން ބޭނުން ނުވާތީއެވެ.
“ކިއާރާ ބޭނުންވާ އެއްވެސް ކަމެއް އެބައޮތްތޯ! އެއްވެސް ކަމެއް ބޭނުން ވެއްޖެ ނަމަ އަހަރެންގެ ގާތު ވެސް ބުނާތި. ކޮންދެވޭ ވަރުކަމެއް ވިއްޔާ އުފަލުން ކޮށްދޭނަން.” ތަޒުބާތީ ގޮތަކަށް ތޯހިރު އަހާލިއެވެ.
“އަހަރެން ބޭނުމީ އެންމެ ކަމެއް. އޮފީހުގައި އުޅޭހާ ދުވަހަކު އަހަރެންނާ އެކު ތިޔަ ގޮތުގައި އެންމެ ގާތް ރަޙުމަތްތެރިޔާގެ ގޮތުގައި ހުރެދޭތި.” ކިއާރާ ޖަވާބުގައި ބުނެލިއެވެ.
މިހުރިހާ ވާހަތަކެއް ދެކެވެމުންދިޔަ އިރު، ސްރީލަންކާގެ ވޭޓަރު އަންހެން ކުއްޖާ މަންޒަރު ބަލަން ދުރުގައި ހުއްޓެވެ. އަދި ކޮންމެ ވެސް ކަމެއް ގޯސްވެއްޖެ ކަން ޚުދު އޭނާއަށް ވެސް އެނގިއްޖެ ކަހަލައެވެ. އަދި ވަރަށް ޝައުޤުވެރި ވެފައި ހުރިތަން ތޯހިރުއަށް ފެނުނެވެ. އެ ދެމީހުންގެ މުޢާމަލާތްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަނުލާ އަޑުއަހަމުން ގެންދިޔައެވެ. އެހާ ވެސް ޚާއްޞަ ދެ ކަސްޓަމަރުންކަން ޔަޤީނެވެ.