ވޭތުވެދިޔަ ދުއިސައްތަ ވަރަކަށް އަހަރު ދުނިޔޭގައި ހިނގާދިޔަ ސިޔާސީ ބައިބައިވުންތަކާއި ހަމަނުޖެހުންތަކާއި މަޒުހަބީ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އުފަންވެފައިވާ ގައުމުތަކުން ފެންނަ އެއްކަމެއް ފާހަގަވެއެވެ. އެއިން ކޮންމެ ގައުމަކުންވެސް ބޭނުންވީ އެ ގައުމެއްގެ މުހިންމުކަމާއި މޮޅުކަމާއި ހައިބަތު ދުނިޔެއަށާއި އެގައުމެއްގެ ރައްޔިތުންނަށް ރަނގަޅަށް ކިޔައިދޭށެވެ. މިމަޤުޞަދުގައި، ޅަދަރިންނާއި ޒުވާނުންގެ ސިކުނޑިތަކަށް އަމާޒުކޮށްގެން ސްކޫލުތަކާއި ޔުނިވާރސިޓީތަކުގައި ކިޔަވައިދޭ ޓެކްސްޓު ފޮތްތަކާއި އެތަކެއް ތާރީޚު ފޮތްތައް ތައްޔާރުކުރިއެވެ. އެ ފޮތްތަކުގެ ބައިތައް އެކުލަވާލެވިފައި ވަނީ އެބަޔެއްގެ ގައުމާއި ނަސްލު މޮޅުކޮށް، ރައްޔިތުންގެ ހިތުގައި ގައުމަށް ލޯބިޖައްސުވައި ދުޝްމަނުންގެ މައްޗަށް ނަފްރަތު އިތުރު ކުރުވުމުގެ މައްޗަށެވެ. މިކަން ކުރާގޮތަކީ، ގައުމުގެ ތާރީޚުން ފާހަގަކޮށްލެވޭ ރަން ސަފުހާތައް އިތުރަށް ޖަރީކޮށް، ގައުމީ ލޯތްބާމެދު ސުވާލު އުފެދިދާނެ ތާރީޚީ ހުތުރު ސަފުހާތައް ގަސްދުގައި ފޮރުވައި، ފޮތްތައް ލިޔަނީއެވެ. ދެން ކިޔަވައި ދިނުމާއި ޚަބަރު ފަތުރާ ވަޞީލަތްތައް ބޭނުންކޮށްގެން އެ ޕްރޮޕެގެންޑާ ފަތުރަނީއެވެ. މިމަގުން އުފެދޭ ގައުމީ ލޯތްބަކީ ހަގީގަތުގައި ފަރުމާކުރެވިގެން އެގައުމެއްގެ ރައްޔިތުންގެ ހިތުގައި އުފައްދާފައިވާ ލޯތްބެކެވެ. ތެދުވެރިކަމާއި ވަފާތެރިކަމުގެ ތެރެއިން ޠަބީޢީގޮތުން އުފެދިފައިވާ ލޯތްބެއް ނޫނެވެ. މި ފަދަ ގައުމީ ލޯބީގައިޖެހޭ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ ތިމާމެންނަކީ އެހެން އާދަމުގެ ދަރިންނަށްވުރެ މަތިވެރި ބައެއް ކަމަށެވެ.
ހިތާމައަކީ، މިޒަމާނުގައި އިސްލާމީ ގައުމުތަކުގައިވެސް މިކަން އޮތީ މިހެންކަމެވެ. މުސްލިމުން މުސްލިމުންގެ ތާރީޚު ކިޔާއިރު ، މާޒީގައި ހުރި އުނިކަންތައްތަކާއި ކުރެވިފައިހުރި ކުށްތަކުގެ ވާހަކަ ދައްކަން ބޭނުން ނުވެއެވެ. އަދި ތާރީޚީ ސަފްހާތަކުން އޮޅުވާލެވިފައިވާ ސަފުހާތައް އޮޅުން ފިލުވައިދޭންވެސް ބޭނުން ނުވެއެވެ. އޭގެ ބަދަލުގައި، މަސައްކަތްކޮށްފައި ހުންނަނީ މުސްލިމުންގެ މާޒީގައި ހުރިހާ ކަމެއް ވެސް ހިނގާފައި ހުރީ ހަމަ ރަނގަޅަށް ކަމަށް ދެއްކުމަށެވެ. އިސްލާމީ ތާރީޚު ކިޔާއިރު، އަޑުއަހާ މީހަކަށް ސިފަކުރެވޭނީ ކުރީގެ މުސްލިމުންނަކީ އެއްވެސް އުނި ސިފައެއްނެތް އަދި ކުށެއްވެސް ނުކުރާނެ ބަޔެއްގެ ގޮތުގައެވެ. ބައެއް މީހުން މުބާލަޣާކޮށްފައި ހުންނަވަރުން ހީވަނީ ބައެއް އިސްލާމީ ޝަޚްޞިއްޔަތުތައް ހިނގާއިރު ބިންމަތީގައި ފައިވެސް ނުޖެހޭނެހެންނެވެ.
އަޅުގަނޑު މުބާލަޢާކުރީއެއް ނޫނެވެ. އެއީ ހަމަ ހިނގާފައިވާ ކަންކަމެވެ. ސާފު ތާހިރުކަމާއި މާތް ވުމުގެ ސަބަބުން މުޅި އުމުރުގައި އެއްފަހަރު ނޫނީ ދުވަހަކުވެސް ވުޟޫ ނުކުރާ ޢިލްމުވެރިއެއްގެ ވާހަކަ މީހަކު ބުންޏެވެ. އަޅުގަނޑު ބުނީމެވެ. ”އެހެންވީމާ… އޭނާ ނަމާދު ނުކުރޭތަ؟“ ޖަވާބުގައި އެމީހާ ބުނީ ”ނޫން، ނޫން، ނޫން. ﷲ ތަޢާލާ އޭނާގެ ވުޟޫ ބާޠިލުވާކަށް ފުރުޞަތު ނުދެއްވާ.“ ކަމަށެވެ. ނާ ހަމަ ތެދުތޯއެވެ؟ ވަރަށްވެސް ފުރިހަމައެވެ. ބައެއް މީހުން ހަދަހަދައިގެން މިފަދަ ވާހަކަ ދައްކާއިރު އެބަޔަކަށް ހީވަނީ ﷲ ގެ ރަސޫލުންނާއި ނަބިއްޔުންނަށް ދެއްވި މަގާމަށްވުރެ މަތިވެރި މަގާމެއް އެ މޮޅުކުރާ ބަޔަކަށް ލިބިފައިވާހެންނެވެ. މިފަދަ ޚިޔާލުތައް މި އަންނަނީ ކޮންތާކުންހެއްޔެވެ؟ ބުއްދި ނުސާފުވެ ނަފްސަށް ޖެހިފައިވާ ބަލިމަޑުކަމަކުން މެނުވީ މިފަދަ ޚިޔާލުތަކެއް ނާންނާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި މިފަދަ ބަލިމަޑުކަންކަމުން ސަލާމަތްވެ ރައްކާތެރިވެވޭނެ މަގު ބަޔާންކޮށްދެއްވާފައިވެއެވެ. ބަނީ އިސްރާއީލުންގެ ނޭއްގާނީ އަމަލުތަކުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގިނަ އާޔަތްތަކުގައި އެބައިމީހުންގެ އެ ނޭއްގާނީ އަމަލުތައް މަދީނާގައި ވަޒަންވެރިގެން އުޅުނު ޔަހޫދީންނަށް ނިސްބަތްކޮށްފައިވާކަން ޤުރުއާނުން ފާހަގަވާނެއެވެ. މިސާލަކަށް އަލްބަޤަރާ ސޫރުތުގެ 92 ވަނަ އާޔަތް ކިޔުއްވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (( وَلَقَدْ جَاءَكُم مُّوسَىٰ بِالْبَيِّنَاتِ ثُمَّ اتَّخَذْتُمُ الْعِجْلَ مِن بَعْدِهِ وَأَنتُمْ ظَالِمُونَ )) މާނައީ“ އަދި ހަމަކަށަވަރުން، ބަޔާންވެގެންވާ މުޢުޖިޒާތްތަކާއިގެން މޫސާގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނު ދުރަށްވަޑައިގަތުމަށްފަހު، ތިޔަބައިމީހުން، ގެރިއަކީ އިލާހަކު ކަމުގައި ބަލައިގެން އުޅުނީމުއެވެ. (އެއީ) އަނިޔާވެރި ބަޔަކުކަމުގައި ތިޔަބައިމީހުންވާ ޙާލުގައެވެ.“
މިއާޔަތުގައި މުޚާތަބު ކުރެވެނީ މަދީނާގައި އެއިރު ވަޒަންވެރިވެގެން ތިބި ޔާހޫދީންނާއެވެ. އާޔަތުގައި މުޚާތަބުކުރެވިފައިވާ ޞީޢާއަށް ބަލާއިރު، އާޔަތް ކިޔާ މީހަކަށް ދޭހަވާނީ މަދީނާގައި އުޅުނު ޔަހޫދީން ގެރިއަކަށް އަޅުކަންކުރީ ކަމަށެވެ. އެހެންނަމަވެސް ގެރިއަށް އަޅުކަންކުރީ އެބައިމީހުންގެ ކާބަފައިންނެވެ. އުފެދޭ ސުވާލަކީ، އިސްލާމްދީނުގައި އެބަޔެއްގެ ކާބަފައިންގެ ފާފަތަކަށް ނުވަތަ ކުށްތަކަށް އެބަޔަކު ޒިންމާ ނުކުރުވާއިރު، މިއާޔަތުގައި ޔަހޫދީންނާ މިގޮތަށް މުޚާޠަބު ކުރެވިފައިވަނީ ކީއްވެތޯއެވެ.
ޖަވާބު ގުޅިފައިވަނީ ޔަހޫދީންގެ ނުބައި ސުލޫކާއި ފަސާދަވެފައިވާ ވިސްނުމާއެވެ. ޔަހޫދީންނަކީ އެބައިމީހުންގެ ގާތަށް އެތަކެއް ރަސޫލުންނާއި ނަބިއްޔުން ފޮނުއްވުނު ބަޔެކެވެ. އެހެން ގައުމުތަކާއި ދަރިފަސްކޮޅުތަކުގެ މައްޗަށް މާތްކުރައްވައި، ޢަދަދު ނުކުރެވޭހާ ނިޢުމަތް ދެއްވި ބަޔެކެވެ. ފޮތްތައް ބާވައިލައްވައި ޢިލްމުވެރިކަން ދެއްވި ބަޔަކެވެ. ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ތެރޭގައި ގިނަގުނަ ޢިލްމުވެރިނާއި ރާހިބުންނާއި ރައްބާނީން ތިއްބެވެ. އެހެންނަމަވެސް ރަނގަޅު ވިސްނުމެއް ނެތެވެ. އެބައިމީހުން ދެކި އުޅުނީ އެބައިމީހުންނަކީ ހަސަބާއި ނަސަބާއި ތާރީޚުގެ ސަބަބުން މޮޅުއިތުރު ބައެއް ކަމަށެވެ. ކާބަފައިންގެ ވާހަކަ ދައްކާއިރު، އަބަދުވެސް ފާހަގަކުރަނީ އެބައިމީހުންގެ މޮޅުއިތުރުކަމާއި ކާމިޔާބީތަކުގެ ވާހަކަ އެކަންޏެވެ. އެބައިމީހުންނަށް ކުރެވިފައިވާ ކުށްތަކާއި ﷲ ނިޢުމަތްތަކަށް އުރެދި ހަރާންކޯރުވެފައިވާ ވާހަކަތައް ނުދައްކައި އެވާހަކަތަކުގައި މަތިޖަހައި ފޮރުވައި، ގަސްދުގައި އަޅައިނުލައި ދޫކޮށްލީއެވެ. އިސްވެ ބަޔާންކުރެވުނު އާޔަތާއި އެފަދަ އެހެނިހެން އާޔަތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ޔަހޫދީންގެ މި ނުބައި ވިސްނުމާއި ސުލޫކު އެވަނީ ބަޔާންކޮށްދެއްވަވާފައެވެ. ޔަހޫދީން ހަމައެކަނި އެބައިމީހުންގެ ކާބަފައިންގެ ކާމިޔާބީތަކުގެ ކްރެޑިޓް ނަގާނަމަ، ކާބަފައިންގެ ފެއިލިއާތަކުގެ ޒިންމާވެސް ނަގަންޖެހޭނެތާއެވެ.
މިއިން މުސްލިމުން ވަރަށް މުހިންމު ފިލާވަޅެއް ދަސްކުރަންޖެހެއެވެ. ތާރީޚަކީ އެބައެއްގެ ހަގީގީ ވަނަވަރު ތަޞައްވަރުކޮށްލެވޭނެ އެއްޗަކަށްވެފައި، ހަމައެކަނި ތާރީޚުގެ ރަން ސަފުހާތައް މަތިވެރިކޮށް، އުނިކަންތައް ހަނދާން ނައްތާލުމުގެ ނުބައިކަމުން މުސްލިމުން ދުރުހެލިވާން ޖެހެއެވެ. މި އުއްމަތުގެ ތާރީޚު ދިރާސާކޮށް އުނގަންނައިދޭން ޖެހެނީ ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކުގައެވެ. މުސްލިމުންނަށް މާޒީގައި ހެދިފައިވާ ކުށްތައް މިއަދުގެ ޖީލަށް ގަސްދުގައި ފަސް އަޅައި ފޮރުވައިގެން ނުވާނެއެވެ. މި ނޫން މަގަކުން އެކަން ކޮށްފިނަމަ، ތާރީޚުން ދަސްވާނެ އެއްޗެއް ނޯންނާނެއެވެ. މަޒީގައި ކުރެވިފައިވާ ކުށްތަކަށް ތަކުރާރުކޮށް އަރައިގަތުން ނޫން ކަމެއް މުސްލިމުންނަށް ނުކުރެވޭނެއެވެ. އެއްވެސް ޝައްކެތްނެތެވެ. މުސްލިމުން މުސްލިމުންގެ ތާރީޚާމެދު ފަޚުރުވެރިވާންޖެހެއެވެ. އެއީ ދުނިޔެ ބަދަލުކޮށްލި ބަޔެއްގެ ތާރީޚެވެ. އެހެންނަމަވެސް، އިސްލާމީ ތާރީޚުގެ މަތިވެރިކަމަށް ބަރޯސާވެގެން، ތާރީޚުގެ މޮޅު ވާހަކަ ތާއަބަދު ދެއްކުމުގެ ބަދަލުގައި، ކުރާ ޢަމަލުތަކަށް އަހައްމިއްޔަތުކަން މިއަދު ދޭންޖެހެއެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މުސްލިމުންނަށް ހަނދާންކޮށް ދެއްވަނީވެސް އެކަމެވެ. ކުރީގެ އުއްމަތްތައް އެބައިމީހުންގެ ޢަމަލުތަކަށް ޒިންމާދާރުވާނެކަމާއި، އަޅުގަނޑުމެން އަޅުގަނޑުމެންގެ ޢަމަލުތަކަށް ޒިންމާދާރުވާނެކަމެވެ.