އަންނަ އަޞުޙާ ޢީދުގެ މުނާސަބަތުގައި ރޮކްޒީގެ ފަރާތުން ފޯރިގަދަ ވާދެމުން މުބާރާތެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ކުޅިވަރަކީ 2000 ގެ އަހަރުތަކުގެ ތެރޭގައި ދިވެހީންގެ މެދުގައި ވަރަށް މަޤުބޫލު ކުޅިވަރެއް ނަމަވެސް މިހާރު ވަރަށް ބޮޑަށް އެ ރޫޙް ފަނޑުވެފައިވާ އެހެނަސް ފޯރިގަދަ ކުޅިވަރެކެވެ. ދިވެހި ވާދެމުން އަލުން އޭގެ ޙަޤީޤީ ފޯރީގައި އަނބުރާ ގެނައުމަށްޓަކައި ރޮކްޒީ ކްލަބުން މިފެށި މަސައްކަތަކީ ޒުވާނުންނަށް ރަނގަޅު ކުޅިވަރުގެ ފުރުޞަތަކަށް ވެގެންދާނެއެވެ.
ރޮކްޒީން އިޢުލާން ކޮށްފައިވާ ގޮތުގައި ރަށް ރަށުގެ ނަމުގައި ވެސް، ކުލަބް ޖަމިއްޔާ ޖަމާޢަތްތަކުގެ ނަމުގައި ވެސް މި މުބާރާތުގައި ބައިވެރި ވެވޭނެއެވެ. އެގޮތުން ބައިވެރިވުމަށް ހުށަހަޅާ ކޮންމެ ޓީމެއްގައި ވެސް 10 ކުޅުންތެރިންނާއެކު 4 އޮފިޝަލުން ހިމަނަންވާނެ ކަމަށް އިޢުލާނުގައި ވެއެވެ. އަންނަ އަޟުޙާ ޢީދުގެ މުނާސަބަތުގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2025 ގައެވެ. މުބާރާތުގެ މެޗުތައް އޮންނާނީ ރޭގަނޑު 8:00 އިން 12:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މިމުބާރާތަކީ ކުޅިވަރާބެހޭ ވުޒާރާ އާއި އެޗްޑީސީގެ އެހީތެރިކަމާ ފުރިހަމަ އެއްބާރުލުން ލިބިގެން ބާއްވާ މުބާރާތެއް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 9770107 އަށް ގުޅުއްވުމުން ލިބޭނެކަމަށް އެ ކުލަބުން ބުނެއެވެ.