އެންމެން ޕީއެންސީއަށް، އެހެން ޕާޓީއަކަށް ވަންނާނެ އެއްވެސް މީހަކު ނެތް.

މިލައުތުރު | 4 ޖެނުއަރީ 2026 | ސިޔާސީ

ދިވެހިރާއްޖޭގައި މިހާރު ވެރިކަންކުރާ ޕާޓީ ކަމަށްވާ ޕީއެންސީއަށް ކޮންމެ މަހަކު 5000 މީހުން އިތުރުވެއެވެ. އަދި އެހެން ޕާޓީއަކަށް ވަންނާނެ މީހަކު މިހާރަކު ނެތެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް ޕީއެންސީގައި 74،048 މެންބަރުން އެބަތިއްބެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 އާ ހަމައަށް އެ ޕާޓީގައި މެންބަރުން ތިބި އަދަދަށް ވުރެ 5،383 އިތުރު އަދަދެކެވެ. އަދި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާގެ އަދަދުތައް މިދިޔަ ޑިސެމްބަރު 6 ވަނަ ދުވަހު އާއްމުކުރިއިރު، އީސީން ބުނެފައިވާ ގޮތުން ނަމަ އެ އަހަރުގެ ނޮވެމްބަަރު 25 ވަނަ ދުވަހާ ހަމައަށް ޕީއެންސީގައި ތިބީ 68،665 މެންބަރުންނެވެ.

ދިވެހީން ދަސްކޮށްފައިވާ އުޅުމަކީ މިއީ ކަމަށް ވީހިނދު މިހާރު ދެން އެހެން ސިޔާސީ ޕާޓީއަކަށް ވަންނާނެ މީހަކު ނެތެވެ. ހަކުރު ދެންޏާ ބޮޑުބޭބެ އެވެ. އަނެއްކާ ވެސް ވެރިކަން ހަމަ ބަދަލުވާއިރަށް ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ނިކަމެތި ޕާޓީއަށް ވެެގެންދާނެ އެވެ. އަދި އެންމެ ފަހުން ޕާޓީ އުވި ތަފާތު އެހެން ނަމެއްގައި ކޮންމެވެސް މީހަކު ސިޔާސީ ޕާޓީއެއް އުފައްދާނެއެވެ. މިއީ ދިވެހި ތާރީޚު މިހާތަނަށް ދައްކައިދިން ދިވެހީންގެ ޙަޤީޤަތެވެ. އެއްވެސް ހަރުދަނާ ސިޔާސީ ފިކުރެއް ހުރި ބައެކޭ ދެންނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އެޅިހާ ބަތަކަށް ރިހަވެފައި، ހަކުރުދެންޏާ ބޮޑުބޭބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.