މިސަރުކާރަށް ދެ އަހަރު ވެގެން ދާއިރު ރައްޔިތުން އުންމީދު ކުރިވަރަށް ކަންކަން ނުކުރެވޭކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު ވިދާޅުވެއްޖެއެވެ. އަދި އެކަން އެހެންވަނީ ކައުންސިލްގެ ސަބަބުން ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކާމަކީ ދެރަކަމެއް ކަމަށެވެ.
ފުވައްމުލައް ސިޓީ ކައުންސިލަކީ ސަރުކާރަށް އަބަދުވެސް ފުރިހަމައަށް އެއްބާރުލުންދޭ ކައުންސިލެއް ކަމަށާއި އެއްބާރުލުން ނުދޭވާހަކައާއި ބިން ނުދޭ ވާހަކައާއި ގުޅިގެން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ވަނީ ސާފުކޮށްދެެއްވާފައެވެ.
- ފްލެޓް އަޅަން ބިން ހަވާލު ކުރިތާ މިހާރު ދެ އަހަރު ވަނީ. މިދިޔަ ނޮވެމްބަރު މަސް ތެރޭ ކޮންރެކްޓަރ އެދުނު ސައިޓްއޮފީހަށާއި ލޭބަރ ކުއާޓާސް އަޅަން ބިން ހޯދަން. އެކަން ދެ ހަފްތާތެރޭ ހަމަޖައްސާ ދެވުނު. އޭގެ ފަހުން އެދުނީ ބިން ކޮންނަ ފަސް އަޅާނެ ތަނެއް ހޯދަން. އެކަންވެސް ސައިޓާއި ވީހާވެސް ކައިރިން ވަނީ ހަމަޖައްސަ ދީފައި.
- ބަނދަރު ކޮންޓްރެކްޓަރ މިދިޔަ މަހު ކައުންސިލާއި ބައްދަލުކުރި. އަދި މެޓީރިއަލް ބަހައްޓާނެ ބިމުގެ މަޝްވަރާ ކުރެވުނު. އެވަގުތުވެސް ޗާޓު ހުޅުވައިގެން ހުސްބިންތަކުގެ މައުލޫމާތު ދެވުނު. އަދި ބޭނުންވާ ބޮޑުމިނާއިއެކު މެއިލް ކުރުމުން ހަމަޖައްސާދޭނެ ވާހަކަ ދެއްނެވިން.
- ފުލުހުންގެ އިމާރާތް އަޅަން ބިން ދިނުމުގައި ލަސްތަކެއްވެފައިވާ ކަމަށާއި، އެއީ ޕޮލިސް ސްޓޭޝަން ފުރަގަހުން އޮތް މަގު ބަނދުކޮށް ސްޕޯޓްސްޕާކުން ބައެއް ނަގައިގެން ބިން ހަމަޖައްސައިދޭން ކައުންސިލުން ބޭނުން ނުވުމުން، އެކަށީގެންވާ އެހެން ބިމެއް ބަލާ ހޯދަން އިތުރު ވަގުތު ނަގާފައިވާތީ.
- އިސްލާމިކް ސެންޓަރު އަޅަން އެކަށީގެންވާ ބިންތަކުގެ މައުލޫމާތު، ޗާޓުތައް ހިފައިގެންގޮސް މިނިސްޓަރާއި ބައްދަލުކޮށް ހިއްސާކޮށް މަޝްވަރާކުރިން. އަދި މިނިސްޓްރީގެ ޓީމެއް ވަނީ ބިންތައް ބަލަން ޒިޔާރަތް ކޮށްފައި.
- އޭއީސީ އިމާރާތް އަޅާ ބިން ކޮނެ ފަސް އަޅަން ބޭނުންވާ ތަން އެދުނުތާ ދެތިންދުވަސް ތެރޭވަނީ ސައިޓާއި ވީހާވެސް ކައިރިން ހަމަޖައްސަދީފައި.
- އޮފީސް ކޮމްޕްލެކްސް، ލައިބްރަރީ، އެމްއެންޔޫ ކެމްޕަސް، ޓިވެޓް ސެންޓަރ، ސްޕޯޓްސް ކޮމްޕްލެކްސް އަދި އެގްރިކަލްޗަރ ލެބޯޓްރީގެ ބިންވެސް ވަނީ ހަމަޖައްސައިދީފައި.
- ސްކޭޓްޕާކް ބިން ވަނީ ހަމަޖައްސައިދީފައި. މިއީކުރީގައިވެސް ބަޔަކާއި ހަވާލުކޮށްފައި އޮތް ޕްރޮޖެކްޓެއް. މަސައްކަތް ކުރިއަށް ނުދާތީ 2024 ވަނައަހަރު އެގްރީމެންޓް ބާތިލްކޮށްފައި އޮތީ. އޭގެ ފަހުން އިއުލާން ނުވެ މިދިޔަ ނޮވެމްބަރުގައި އަނެއްކާވެސް ބަޔަކާއި ވަނީ ހަވާލު ކޮށްފައި.
- މަގުހެދުމުގެ ފޭސް ދޭއްގެ މަސައްކަތް އެކަށީގެންވާގޮތެއްގައި ކުރިއަށް ނުދަނީ ބޭނުންވާ ސާމަނުތައް ހަމަޔަށް ނުލިބޭތީ. ކައުންސިލުންދަނީ ކޮންޓްރެކްޓަރ އާއި ގުޅިގެން، ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދެމުން.
- ވެލި މަގުތައް ހަދަން ބޭނުންކުރާ ވެހިކަލްތަކާއި މުއައްޒަފުން ވަނީ ސިޓީސް މިނިސްޓްރީގެ ދަށަށް ގެންގޮސްފައި. ވެލިމަގުތައް ހެދުމުގައި ކައުންސިލް ބޭނުންވާ އަވަސްމިނުގައި ކުރިއަށް ނުދާތީ އެކަންބޮޑުވުން އެބަހުރި.
މޭޔަރު އިތުރަށް ވިދާޅުވީ، ފުވައްމުލައް ސިޓީ ކައުންސިލަކީ ކޮންމެ ސަރުކާރެއް އޮތަސް، އެސަރުކާރަކަށް ފުރިހަމައަށް އެއްބާރުލުންދީ ރަށަށް ލިބެން އޮންނަ ތަރައްގީ އާއި ކުރިއެރުމެއް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ ކައުންސިލެއް ކަމަށާއި، ސިޔާސީ ތަފާތުވުން ތަކާ ހެދި ރަށުގެ ތަރައްގީއަށް ހުރަސް އަޅާނެ ވަރަށް ވުރެ މާ ވިސްނުން ހަރުދަނާ އަދި ޕްރޮފެޝަނަލް ބަޔަކު ތިބި ކައުންސިލެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު