ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި 74 މިސްކިތާ 7 އިސްލާމީ މަރުކަޒު ބިނާކުރެވިއްޖެ – ރިޔާސީ ބަޔާން

މިލައުތުރު | 5 ފެބްރުއަރީ 2026 | ރިޕޯޓު

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި މިސަރުކާރުން ރާއްޖޭގައި 74 މިސްކިތާއި 7 އިސްލާމީ މަރުކަޒު ބިނާކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވިދާޅުވީ ދީނީ ކަންކަމަށް ބޮޑު އަހަމިއްޔަތެއް ދެއްވާ ކަމަށާއި، މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، އެހެނިހެން ވަޞީލަތްތައް ޤާއިމުކުރެވިފައިވާ ކަމަށެވެ.

ރައީސްގެ ރިޔާސީ ބަޔާނަށް ބާރުލިބޭ މުހިންމު މަސައްކަތްތަކެއް ށ. އަތޮޅުގައި ވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން ށ. މިލަންދޫގައި 4 މުންނާރުލީ ބޮޑު އިސްލާމީ މަރުކަޒެއްގެ މަސައްކަތާއި، ށ. ފޯކައިދޫގައި 4 ކުލާސްރޫމް އަދި ލައިބްރަރީއެއް ހިމެނޭ އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރެވެމުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ފޯކައިދޫ އިސްލާމީ މަރުކަޒުގެ ބިނާކުރުމުގެ މަޝްރޫޢަށް ބޭނުންވާ އިތުރު އިމާރާތެއްގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިހާރު ބޭނުންކުރާ ހިނަވާގެ ޖެހިގެން ބިނާކުރަމުންދާ އެ އިމާރާތަކީ ވެސް ގިނަ ބަޔަކަށް ޚިދުމަތް ދެވޭނެ ތަނެއްކަމުގައި ވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.