މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭގައި ޓެކްސީ ކާރަކުން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 19 އަހަރުގެ ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއްވި ހާދިސާގެ ތަޙްޤީޤު ކުރިއަށްދާގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް އާއިލާއިން ބުނެފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސައިކަލުމަތީ މަޑުކޮށްލައިގެން އިން ލޫތު މުޙައްމަދު ނަމަކަށް ކިޔާ 19 އަހަރުގެ ޒުވާނާއަށް އަނިޔާވީ އެވަގުތު ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޓެކްސީ ކާރެއް ކޮންޓްރޯލުން ނެއްޓި މުޑިއެރުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓްގައި ލޫތުގެ ބޮލަށާއި، މޫނުމައްޗާއި، އަތާއި، ފަޔަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.
އެކްސިޑެންޓްގައި އަނިޔާ ލިބުނު ލޫތުގެ ބެލެނިވެރިޔާ އަދި ޤާނޫނީ ވަކީލު މުޙައްމަދު ނާޝިދު ވިދާޅުވީ ތަޙްޤީޤު ކުރިއަށް ދާގޮތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހުޅުމާލޭ ޕޮލިހަށް ގުޅުމުން މިރޭ ވެސް ބުނީ ތަޙްޤީޤު ކުރިއަށް ދާނެކަމަށާއި، އެކްސިޑެންޓް ހިނގި ސަރަޙައްދުގައި ހުރި ޕްރީސްކޫލެއްގެ ސީސީޓީވީ ފްޓޭޖް އަދި ނުލިބޭ ކަމަށެވެ. އަދި އަނިޔާ ލިބުނު ލޫތަށް ވާހަކަދައްކާލެވޭ ވަރުވުމުން ބަޔާނެއް ނަގާނެ ކަމަށެވެ. އެހެން ނަމަވެސް، ލޫތަށް މިހާރު ވެސް ވާހަކަދެއްކޭ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
އަދި އެކްސިޑެންޓްވި ސަރަޙައްދުގައި ތިބި މީހުން ފާހަގަކޮށްފައި ނެތުމާއި، ވީޑިއޯ ފްޓޭޖް ނެގުން ލަސްވުމަކީ ހެކި ނައްތާލުމަށް ފުރުސަތު ލިބޭނެ ކަމެއްކަން ފާހަގަކޮށް ލޫތުގެ އާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. ލޫތު މުޙައްމަދަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކާއި، ވީޑިއޯތައް ވަނީ މިނޫހަށް ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު