ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި ފެނަކަ އާއި އާރުޑީސީ އުވާލަން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެކަން ކުރައްވަން އުޅުއްވާ ގޮތުން އިތުރު ފެނަކަތަކެއް އުފަންވެދާނެ ކަމަށް ބައެއް މީހުން ސިފަކުރަން ފަށައިފި އެވެ.
ސަރުކާރުން ނިންމަވާފައިވަނީ ފެނަކަ އުވާލުމަށްފަހު އެތަނުން ކުރަމުން ގެންދިޔަ ހުރިހާ މަސައްކަތެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށާއި، އާރުޑީސީ އުވާލުމަށްފަހު އެތަނުގެ މަސައްކަތްތައް އެމްޓީސީސީއާ ޙަވާލުކުރުމަށެވެ. މިއީ ވަރަށް ކުއްލި ގޮތަކަށް ރައީސް އިޢުލާން ކުރެއްވި ބޮޑެތި ބަދަލުތަކެކެވެ. އަދި މިއީ ތަކުރާރުކޮށް ނުކުރާނެ ކަމަށް ވިދާޅުވި ކަންކަމެވެ.
އަދި މީގެ އިތުރުން ވެސް ދިރާގާއި ފެން ކުންފުންޏަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ދެ ކުންފުންޏަށް ހެއްދެވުމަށްޓަކައި، އެދެކުންފުނީގެ ހިއްސާތަކެއް ގަތުމަށް ވެސް ވަނީ ނިންމަވާފައެވެ. އެ ދެ ކުންފުންޏަކީ ޒަމާންވީ ކާމިޔާބު ދިގު ތާރީޚެއްއޮތް ޤައުމުގެ ފަޚުރެކޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އަދި ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހަރުދަނާގޮތެއްގައި ހިނގަމުން އަންނަ ދެ ކުންފުނިވެސް މެއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުން ގެންދަނީ މިކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާކަމަށެވެ. ބޭނުންވަނީ އެ ދެ ކުންފުންޏަށް ވެސް ސަރުކާރުގެ ސިޔާސީ ނުފޫޒު ފޯރުވުން ކަމަށެވެ. އެއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުގެ ސަބަބުން އިތުރު ފެނަކަތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު