އއ. ތޮއްޑޫ ޖަމްބުމާގޭ އާމިނަތު ފަޒްލާއަކީ، ގޭދޮށުގައި ގަސް އިންދާ ހެއްދުމުގައި ތަފާތު ތަޖުރިބާތަކެއް އަދި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ ވަރަށް ހީވާގި ކަނބަލެކެވެ. ފަޒްލާގެ މަސައްކަތްތަކުގައި ދެންތިބީންނަށް ވަރަށް ރަނގަޅު އެތަކެއް ފިލާވަޅުތަކެއް ވެއެވެ. މި ރިޕޯޓު ޚާއްސަކުރެވިފައި ވަނީ ގަސް އިންދާ ހެއްދުމުގައި އޭނާ މިހާރު ކުރަމުން ގެންދާ މަސައްކަތްތަކަށެވެ.
ދެ ދުވަސް ކުރިން ބިނދެފައިވާ ޑްރެގަން ފްރުޓް
ކުޑައިރުއްސުރެ ވެސް ފަޒްލާގެ ހިތުގައި މާބަގީޗާއަށް ޚާއްސަ ލޯތްބަކާ ޤަދަރެއް އޮވެއެވެ. ނަތީޖާއަކަށްވީ ދިރިއުޅޭ ގޭގެ ފޫޓުތެރޭގައި އޮންނަ ހުސްތަންތަންކޮޅުގައި ބަގީޗާ ހައްދަން ފެށުމެވެ. އަދި އެތަން މިތަނުން ތަފާތު ރީތި މާތައް ފޮޅޭ ބަގީޗާ ގަސްތައް ހޯދާ އިންދާ ހައްދާ މުޅި ގޭދޮށް ޒީނަތްތެރި ކޮށްލިއެވެ.
ފަޒްލާ ހައްދާފައިވާ މޭބިސްކަދުރު
ކައުންސިލް މެންބަރެއްގެ ވަޒީފާގައި ވަރަށް އަވަދިނެތިކޮށް އުޅެމުން ލިބޭ ހުސްވަގުތުތައް ބަހާލައިގެން ގަސްއިންދުމުގެ މަސައްކަތަކަށް ވެސް ވަގުތު ހުސްކުރެއެވެ. އެއީ އޭނާގެ ހިތުގައި އެކަމަށް އޮތް ޝައުޤެއްގެ ބޮޑުކަމުންކަން ޔަޤީނެވެ. ރަށު ކައުންސިލްގައި ވަޒީފާ އަދާކުރަމުން، ގެވެހި ހުރިހާކަމެއް ކުރަމުން، އާއިލާ އާއި މަންމައަށް ބޭނުންވާ އެންެމެހާ ކަމެއް ކުރަމުން، ގޭދޮށުގައި ގަސްތައް އިންދާ އެގަސްތައް ބެލެހެއްޓުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެން ނަމަވެސް، ފަޒްލާގެ ހިތްވަރާއި ހިންމަތާ ޝައުޤުވެރިކަމުގެ ސަބަބުން ގޯތިތެރޭގައި ގަސް އިންދާ ހެއްދުމަކީ ބޮޑު ތަކުލީފަކަށް ނުވިއެވެ.
ފަޒްލާ ހައްދާފައިވާ އަތަ
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން މާލޭގެ ގެއެއްގެ ޓެރަސްމަތީގައި ޑްރެގަން ފްރުޓް ހައްދާފައިހުރި ރީތި މަންޒަރުތަކެއް ފެނުމުން އެކަމާ މެދު ފުންކޮށް ވިސްނާލެވުނެވެ. މާލޭގެ އުސް އިމާރާތެއްގެ ޓެރަހުގައި އެކަންވަންޏާއި ތޮއްޑޫ ފަދަ ރަށެއްގައި ކުރަން އަދި މާ ފަސޭހަވާނޭ ހިތަށް އެރިއެވެ. އަދި ހަމައެކަނި މާބަގީޗާ ހެއްދުމުގެ ބަަދަލުގައި، ތަރުކާރީ އާއި މޭވާ ލިބޭ ގަސްތައް ހެއްދުމަކީ މާ ފައިދާހުރި ކަމަކަށް ވެދާނެކަމަށް ޤަބޫލުކުރެވުނެވެ. އަދި ރަޙްމަތްތެރިއަކު މެދުވެރިކޮށް މާލެއިން ޑްރެގަން ފްރުޓް ސްޓެމްއެއް ހޯދުމަށް ފަހު، ދަނޑުބިމުގައި އިންދިއެވެ. އަދި އިސާހިތަކު ރޯވެ ހެދެން ފެށިއެވެ. ނަމަވެސް، ގާތްގަނޑަކަށް ދޮޅުފޫޓަށް ހެދުމަށް ފަހު ގާވެ ކުރިއަށްދާގޮތެއް ނުވިއެވެ. އެހެންކަމުން، ވީގޮތެއް ބަލާ ދިރާސާކުރުމާއެކު ޑްރެގަން ފްރުޓް އިންދާ ހައްދާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ހޯދުމަށް އަޒުމް ކަނޑައެޅިއެވެ.
ފަޒްލާ ހައްދާފައިވާ ކޯލީފްލާވާ
ފަޒްލާއަށް ޑްރެގަން ފުރުޓް އިންދާ ހައްދާނެގޮތް ދަސްވީ މަޝްހޫރު ޒުވާން ދަނޑުވެރިޔާ ރަމްޒީއާ ބައްދަލުވި ހިސާބުންނެވެ. އާންމުކޮށް ގަސް އިންދާ ގޮތަށް ބިމުގައި އިންދައިގެން ނުހެއްދޭނެ ކަމަށާއި، ބިމުން މައްޗަށް ހިއްލުމަށް އިރުޝާދު ދިނީ ޒުވާން ދަނޑުވެރިޔާ އެވެ. އޭނާ ދިން މަޢުލޫމާތާ އެއްގޮތަށް ބަދަލުކޮށްލުމުން ވަރަށް އަވަހަށް ގަސް ހެދެންފެށި އެވެ. އަދި ރަމްޒީގެ ފަރާތުންނާއި، ފޯކައިދޫ އައިޝަތު ލީނާޒް (ނާޒް) ގެ ފަރާތުން އިތުރު ކުރިތައް ލިބުނެވެ. އަދި ފަހުން ފިލިޕީންސުންނާ އިންޑިއާ އިން ވެސް ތަފާތު ވެރައިޓީތައް ހޯދިއެވެ. މިހާރު ޕޮޓެއްގައި ހަތަރު ގަސް ހިމެނޭގޮތަށް 25 ޕޮޓުގައި ޑްރެގަން ފްރުޓް ގަސް ހެދިފައި އެބަހުއްޓެވެ. ތަފާތަކީ، މިހާރު މުޑުވައްކުރާ ދުވަހުން ފެށިގެން އަހަރެއް ވެސް ނުވަނީސް މޭވާ ލިބެން ފަށައެވެ. ދަސްކޮށްގެން ކުރީމާ ނަތީޖާ ތަފާތު ވެއްޖެއެވެ. މިހާރު ދެން ޑްރެގަން ފްރުޓް ހައްދަން ރަނގަޅަށް ދަސްވެއްޖެއެވެ.
ފަޒްލާ ހައްދާފައިވާ މޭބިސްކަދުރު
މީގެ އިތުރުން ވެސް ލުނބޯ ގަސްތަކާއި، ފޭރުގަސްތަކާއި، އަތަ ގަސްތަކުންނާއި، އަންނާރާއި ކުންނާރުގެ އިތުން މޭބިސްކަދުރާ ވައްތީނި ގަސްތަކުން މޭވާ ލިބެންވަނީ ފަށާފައެވެ. މީގެ ދެ ދުވަސް ކުރިންވެސް ގިނަ އަދަދެއްގެ ޑްރެގަން ފުރުޓް ވަނީ ބިނދެފައެވެ. އެހެން ނަމަވެސް އަދި އެއްވެސް ފަހަރަކު މޭވާއެއް ނުވިއްކައެވެ. ކޮންމެ ފަހަރަކުވެސް ބިންނަ މޭވާތަކުން ބައެއް ގޭގައި ބޭނުންކުރަނީ އެވެ. އަނެއްބައި އާއިލާ އާއި ގާތްތިމާގެ މީހުންނާއި، އެކުވެރި އަދި ރަޙްމަތްތެރިންނަށް ހަދިޔާކުރަނީ އެވެ. ފަޒްލާ ޤާބޫލުކުރާގޮތުގައި އަދި ފަހުން ވިއްކާ ވަރަށް ވެސް މޭވާ ލިބޭނެއެވެ.
ފަޒްލާގެ ގާޑަން އިން މަންމަ ބަށި ހާވެސްޓް ކޮށްފައި
ފަޒްލާ ބުނިގޮތުގައި އޭނާ ކުރާ ހުރިހާ މަސައްކަތަކަށް ވެސް އެންމެ ބޮޑު އެހީތެރިކަމެއް އަދި ހިތްވަރެއް ލިބެނީ މަންމަ އާއި ފިރިމީހާގެ ފަރާތުންނެވެ. އެއީ ފަޒްލާގެ ކާމިޔާބު މަސައްކަތުގެ ފަހަތުގައި ތިބި މަދަދުގާރުންނެވެ.
ކިޔުންތެރިންގެ ހިޔާލު