ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައިގެން ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ސްކޭމް ހިންގާ ޒީޑް އިންޓަރނޭޝަނަލް ކުންފުނި ހިންގާފައިވަނީ ރާއްޖޭގައި ކްރިކެޓް ތަރައްޤީކުރުމަށް އުފައްދާފައިވާ ކްރިކެޓް ބޯޑުގެ އޮފީހުގައެވެ. މި މައްސަލަ މިހާރު ވަނީ ދިވެހި ފުލުހުން ތަހުގީގުކުރަން ފަށާފައެވެ.
މެޑިސިން ކިޔަވާ ދަރިވަރުންނާއި އެދާއިރާއިން ސްޕްޝަލައިޒްވާ ދަރިވަރުންނަށް މެލޭސިއާ އާއި ފިލިޕީންސުގެ ކޮލެޖްތަކާއި ހޮސްޕިޓާތަކުން ފުރުޞަތު ހޯދައިދޭނެ ކަމަށް ބުނެ، ދަރިވަރުންގެ އަތުން ބޮޑެތި ޢަދަދުން ފައިސާ ނެގުމަށް ފަހު ލަނޑުދީފައި ވެއެވެ. މި މަކަރުވެރި ދަލުގެ ޝިކާރައަކަށްވި ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނިގޮތުގައި އޭނާގެ ދަރިފުޅަށް ކިޔެވުމުގެ ފުރުސަތު ނުލިބުނުތާ، ދެއްކި ފައިސާކޮޅު ވެސް އަނބުރާ ލިބިފައި ނުވާކަމަށެވެ. އެފައިސާ ނަގާފައިވަނީ ރާއްޖޭގައި ޒީޑް ތަމްސީލުކުރާ މުޙައްމަދު ފައިޒީން ނަމަކަށް ކިޔާ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ. އަދި ޒީޑް ކުންފުނި ހިންގާފައިވަނީ ކްރިކެޓް ބޯޑްގެ ރަސްމީ އޮފީހުގެ ތެރޭގައި، އެތަނުގެ ވަޞީލަތްތައް ބޭނުންކޮށްގެންނެވެ.
މި މައްސަލަ ހޫނުވުމާ ގުޅިގެން ކްރިކެޓް ބޯޑުން ނޫސްބަޔާނެއް ވަނީ ނެރެފައެވެ. އަދި އެ ބޯޑުގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި ނެތްކަމަށް ބުނެފައި ވެއެވެ. ނަމަވެސް 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނި، ކްރިކެޓް ބޯޑުގެ އޮފީހުގައި ހިންގުނު ގޮތާ މެދު މީހުން ސުވާލު އުފައްދައެވެ.
މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި، މީގެ ދެމަހެއްހާ ދުވަސް ކުރިން އޭނާ ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު