މިއަހަރުގެ މިލައުތުރު ފުޓްސަލް މުބާރާތުގައި ވާދަކުރާ ފޯކައިދޫ އެފްސީގެ ތާރީޚީ ޖޯޒީ ފަރުމާ ތައާރަފު ކޮށްފި.

މިލައުތުރު | 5 އޮކްޓޯބަރ 2025 | ކުޅިވަރު

އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ށ. ކަނޑިތީމުގައި ފެށުމަށް ހަމަޖެހިފައިވާ އަތޮޅުގެ އެންމެ ބޮޑު ކުޅިވަރު މުބާރަތްކަމުގައިވާ މިލައުތުރު ފުޓްސަލް މުބާރާތުގައި ފޯކައިދޫ އެފްސީން ބޭނުންކުރާނެ ޖޯޒީ ކިޓްތަކުގެ ފަރުމާތައް ދައްކާލައިފި އެވެ.

Advertisement

ފޯކައިދޫ ކައުންސިލުން ކުރިން ބުނެފައިވަނީ މިފަަހަރު ފޯކައިދޫ އެފްސީގެ ޖޯޒީ ކިޓްތަކުގެ ތެރެއިން އަމިއްލަ ރަށުގައި ކުޅޭއިރު ބޭނުންކުރާނީ ބައި ޤަރުނުވީ ފޯކައިދޫގެ ފުޓްބޯޅައިގެ ތާރީޚު ރަމްޒުކޮށްދޭ ޖޯޒީ ފަރުމާއެއް ކަމަށެވެ. މުޅި ރާއްޖެއަށް ފޯކައިދޫގެ ނަން މަޝްހޫރު ވެގެންދިޔަ ޓީމުން ބޭނުންކުރި ޖޯޒީ ރަމްޒުކޮށްދޭ ފަރުމާއެއް ކަމަށެވެ.

މީގެ އިތުރުން މި ޖޯޒީ ޚާއްސަކުރެވިފައިވަނީ ފޯކައިދޫ އެފްސީއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކޯޗް އަލްމަރްޙޫމް އަޙްމަދު ޖަލީލް (ޖައްލެ) އަށެވެ.

ފޯކައިދޫ އެފްސީން އާންމުކޮށް ބޭނުންކުރަނީ ރަތްކުލައެވެ. އެހެން ކަމުން މިފަހަރު ވެސް ރަށުން ބޭރުގައި ކުޅޭ މެޗްތަކަށް ޚާއްސަކޮށްފައި ވަނީ ރަތްކުލައިގެ ވަރަށް ހިތްގައިމު ޖޯޒީ ފަރުމާއެކެވެ.

ޖޯޒީގެ ފަރުމާ އިފްތިތާޙް ކުރުމާއެކު ސަޕޯޓަރުންގެ ފަރާތުން ޖޯޒީ ހޯދުމަށް އެދެމުންދާތީ، ސަޕޯޓަރުންނަށް ވެސް ޕްރީ-އޯޑާރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. 6 އޮކްޓޯބަރު 2025 ގެ ނިޔަލަށް އޯޑާރ ކުރެވޭ ގޮތަށް އެކަމަށް އެދޭ ގޫގްލް ފޯމެއް ވަނީ ފޯކައިދޫ އެފްސީގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާންމު ކޮށްފައެވެ.

މިފަހަރުގެ ފޯކައިދޫ އެފްސީގެ ޖޯޒީ ސްޕޮންސަރ ކޮށްދެއްވާފައިވަނީ ފޯކައިދޫ ކައުންސިލް އާއި، މިލައުތުރު އޮންލައިން އާއި، ޕްރިސްޓީޖް ބިލްޑާރސްގެ އިތުރުން ފުރާގުގެ ފަރާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.