
ހުޅުމާލޭ ޓާފް ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ށ. އަތޮޅު ރައުންޑްގެ ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ބަޔަކަށް ގޯލެއް ކަމިޔާބު ނުކުރެވި މެޗު ނިމި، ޕެނަލްޓީ ޖަހައިގެން ފުނަދޫގެ މައްޗަށް ފޯކައިދޫން ކުރި ހޯދާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ފުނަދޫގެ މައްޗަށް ފޯކައިދޫން ކުރި ހޯދީ 5 – 3 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފައި ވެއެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރި ގަދަ ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ.
މެޗުގެ ފަހު ހާފުގައި ފުނަދޫގެ ފަރާތުން ފޯކައިދޫގެ ގޯލަށް ވަރަށް ނުރައްކާތައް ކޮށްފައި ވެއެވެ. އެހެން ނަމަވެސް އެމީހުންނަށް ފޯކައިދޫގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މި މެޗުގައި ފޯކައިދޫގެ އެންމެ ހުނަރުވެރި އަދި ނުރައްކާތެރި ސްޓްރައިކަރު ކަމަށްވާ އޮބާރަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ މެޗާ ވަކިވާން ޖެހިފައެވެ. އެހެން ނަމަވެސް ޓީމުގެ ހިތްވަރާއެކު ފުރިހަމަ ވަގުތު ހަމަވާންދެން ވެސް އިދިކޮޅު ޓީމުން ގޯލެއް ކާމިޔާބު ކުރިޔަނުދީ ވަނީ ހިފަހައްޓާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފޯކައިދޫގެ އެފްސީގެ ޖޯޒީ ނަންބަރު 11 ސުމާމް ލަތީފް (ސުމަޅޭ) އެވެ.

ށ. އަތޮޅު ރައުންޑްގައި ދެން ކުޅުނު ސެމީ ފައިނަލް މެޗުގައި ކަނޑިތީމުން ވަނީ މިލަންދޫގެ މައްޗަށް 1 – 0 ގެ ނަތީޖާއަކުން ކުރި ހޯދައިގެން ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު