ޖަޕާނުގެ އެމްޕެރާ ކުރިފުޅުމަތީގައި މަހުލޫފު ގުދުވުމުން ޝެއިހް ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަހުލޫފުގެ އަމަލު ކުއްވެރިކުރައްވާފައެވެ. އެގޮތުން ޒައިދު ވިދާޅުވީ (އެމްޕެރާ ކުރިފުޅުމަތީގައި) އެވަރަށް ގުދުވުމަކީ އިޙުތިރާމް ކުރުމަށްވެސް މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
”ކާފިރުން ކުރާ ހުރިހާ ކަމެއް އެމީހުން ކުރާގޮތަށް ކޮޕީ ކުރުމަކީ ނޭނގިތިބެ ދީނާ ދުރު ބީރައްޓެހި ކަންތައްތައް ކުރުމަށް މަގުފަހި ވާނެ ކަމެއް! ސަމާލުވެލައްވާ!“ ޒައިދު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފްގެ ސަފީރުކަމުގެ ފަތްކޮޅު ޖަޕާނުގެ އެމްޕެރާ ނަރުހިޓޯ އަށް މިއަދު ވަނީ އަރުވައިފަ އެވެ. އެގޮތުން ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފު އައްޔަންކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމުގެ ފަތްކޮޅު އޭނާއަށް ދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 4 ގަ އެެވެ.
މިއަދު ކުރިޔަށް ދިޔަ މި ރަސްމިއްޔާތުގައި މަހްލޫފް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް އެމްޕެރާއަށް އަރިސްކުރައްވައިފަ އެވެ. އަދި ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މަހްލޫފް އެރުވި އެވެ.
ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ނޮވެމްބަރު 14، 1967 ގަ އެވެ. އަންނަ އަހަރު، ދެ ގައުމުގެ އެ ގުޅުމަށް 60 އަހަރު ފުރޭނެ އެވެ.
ކިޔުންތެރިންގެ ހިޔާލު