ދިވެހި ހުރިހާ ހައްޖާޖީންވެސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފި

ޝާން މުޙައްމަދު | 4 ޖޫން 2026 | ޚަބަރު

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ހުރިހާ ހައްޖާޖީންވެސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފިއެވެ.

ހައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހި ހައްޖާޖީން މާދަމާ އެނބުރި އަންނަން ފަށާނެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ ހުރިހާ ހައްޖާޖީންވެސް ރާއްޖެ އައިސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެދިފަ އެވެ.

އެޗްޕީއޭއިން ވަނީ ހައްޖު ނުވަތަ އުމްރާއިން އެނބުރި އައުމަށް ފަހު، ބަލިތަކުން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައްވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދަތުރުމައްޗާއި ހައްޖު/އުމްރާ އަޅުކަމުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމާއި- ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލުކުރާ މީހުން މިފަދަ ތަންތަނަށް ނުދިއުމާއި ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެ ކުދިން އުރާ ނޫޅުމުގެ އިތުރަށް އަޅުކަމަށް ފަހު އެނބުރި ގައުމަށް އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދެއްކުން ހިމެނެ އެވެ.

ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާތަކުގެ ތެރޭގައި ނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމުކުރުމާއި ހުންގަދަ ނަމަ ގައިގައި ފެން ހޭކުމާއި ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން ހިމެނެ އެވެ.

ހައްޖާޖީން އެނބުރި އަންނާނީ ހަތަރު ދުވަސްމަތިންނެވެ. ރާއްޖެ އިން މި އަހަރު 1،019 މީހުން ހައްޖަށް ދިޔަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.