ދުނިޔޭގެ ބޮޑެތި އަސްކަރީ ޖަމާޢަތްތަކަށް ފާޑުކިޔާތަނަކަށް ރާއްޖެ ވާންޖެހޭތޯ!

މިލައުތުރު | 1 ޖުލައި 2026 | ރިޕޯޓު

ރާއްޖޭގެ މަސްހޫރު ބައެއް ދީނީ ޢިލްމުވެރިން ޓީވީތައް މެދުވެރިކޮށް ދުނިޔޭގެ އެންމެ ބޮޑެތި އަސްކަރީ ޖަމާއަތްތައް ކުށްވެރިކޮށް ފާޅުކަން ބޮޑުގޮތެއްގައި ވާހަކަދެއްކުމީ ރާއްޖެފަދަ ޤައުމަކަށް އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ އެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޤުބޫލް އެއް މަންޒިލެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ހިއްސާއެއްވާ ޞިނާޢަތެވެ. އެހެންކަމުން ރާއްޖޭގެ އެންމެ މަޝްހޫރު ބޭބޭފުޅުން ދައްކާ އެފަދަ ވާހަކަތަކުގެ ސަބަބުން ކަމެއް ގޯސްވުމަކީ ހަމަ ގައިމުވެސް އެއްވެސް ދިވެހި ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫނެވެ.

Advertisement

ދުނިޔޭގެ ބޮޑެތި އަދި އެންމެ ބާރުގަދަ އަސްކަރީ ޖަމާއަތްތައް ކަމަށްވާ ހިޒްބު ﷲ އާއި، ހޫޘީންނާއި، ހަމާސްއަށް ފާޑުކިޔާ ޓީވީތަކުގައި ވާހަކަދެއްކުމަކީ ޙަޤީޤަތުގައި ވެސް ދިވެހިރާއްޖޭގެ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ވަކިން ޚާއްސަކޮށް މަޝްހޫރު ދީނީ ޢިލްމުވެރިން މިފަދަ ކަންކަމަށް ފަރުވާތެރި ވާންވާނެއެވެ.

މި ޒަމާނަކީ އެސްފިޔަ ޖަހާލާހާ އަވަހަށް މަޢުލޫމާތު ފެތުރިގެންދާނެ ވަޞީލަތްތައް ލިބިގެންވާ ޒަމާނެކެވެ. ބަޔަކާ ބެހޭ ގޮތުން ދައްކާ ވާހަކައެއް، އެބަޔަކާ ހަމައަށް ފޯރުމަށް ނަގާނީ މަދު ސިކުންތުކޮޅެކެވެ. އިޒްރޭލާއި އެމެރިކާ ފަދަ އަސްކަރީ ގޮތުން ދުނިޔޭގެ ސުޕަރ ޕަވަރުންނާއި ކުރިމަތިލަމުން ގެންދާ ޖަމާއަތްތަކާ ގުޅޭ ގޮތުން ވާހަކަތައް ދެއްކުމަކީ ޤައުމަށް ހެޔޮ އެދޭ ބަޔަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ، ބައެއް ވާހަކަތަކަކީ ދެއްކުމަށް ވުރެ، ނުދެއްކުން ބުއްދިވެރި ވާހަކަތަކެވެ.

އަދި ދުނިޔޭގެ އެހެން މުސްލިމް ޤައުމުތަކުގެ މަޝްހޫރު ދީނީ ޢިލްމުވެރިން ދެކިލައްވާ ގޮތާއި، އެބޭބޭކަލުން އަމަލުކުރައްވާ ގޮތްވެސް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. ބައެއް ފަހަރަށް އަމަލުކުރެވޭ ގޮތަކަށް ވުރެ ބޮޑަށް، ދެކެވޭ ވާހަކައަކުން ނިކުންނަ ނަތީޖާ ގޯސްވާތަން އާދެއެވެ. އެހެންކަމުން ބައެއް ވާހަކަތަކަކީ އެންމެންނަށް ވެސް އެނގޭ ނުދައްކާ ވާހަކަތަކަކަށް ވާންޖެހޭ ނޫންތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.