ތ. މަޑިފުއްޓަށް ނިސްބަތްވާ “ފްރެންޑް-4” ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ރޭގަނޑުގެ މެންދަމުގެ ވަގުތެއްގައި ދިޔަވާން ފެށުމުން ސަލާމަތީ ޚިދުމަތްތަކުގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. މީހުންނާއި ދޯނި ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރޭގައި ދޯނި އަޑިއަށްދިއުމުގެ ސަބަބުން ތިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުންގެ މީޑިޔާއިން ބުނީ، ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 23:22 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ މުދަލާއެކު އަޑިއަށް ގޮސްފައެއެވެ. ދޯނީގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވާއިރު، ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ. އަދި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ގެންދަނީ ކުރަމުންނެވެ.
ބައެއް މަސްދަރުތަކުން ކަށަވަރުވާ ގޮތުގައި ދޯނި ބަރުކޮށްފައިވަނީ ހިލައާއި ހިލަވެލިން ކަމަށްވުމުން ހިނދުކޮޅެއްގެ ތެރޭގައި އަޑިއަށް ދިޔައީ އެވެ. އެ ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ ފުންމިން 900 މީޓަރަށް ވުރެ ފުން ވާނެ ކަމަށް ބެލެވެއެވެ.
ދޯނި އަޑިއަށް ދިޔުމާއެކު އެ ތިން މީހުން ވަނީ ގެއްލިފައެވެ. ގަދަ ކީރިތި ވަންތަ ﷲ ސުބުހާނަހޫ ވަތައާލާގެ ހެޔޮ ރަހުމަތާއި އެކު ގެއްލުނު ފަރާތްތައް ހެޔޮހާލުގައި ދިރިތިއްބާ ފެނުމުގެ ނަސީބު މިންވަރު ކުރައްވާށި.

ކިޔުންތެރިންގެ ހިޔާލު