ކޮންމެ މީހެއްގެ ޙަޔާތަކީ ވެސް އިބްރަތުން ފުރިގެންވާ ޙަޤީޤީ ވާހަކަ އެކެވެ. ތަފާތު އެތަކެއް ހާދިސާއެއް މާޒީކުރެވިފައި ވާނެއެވެ. މިއީ ވެސް އެފަދަ ޙަޤީޤީ ވާހަކައެއް ކަމުގައި ވެދާނެއެވެ. ޒަމާންތައް މާޒީވަނީ ހިތި ތަޖުރިބާތަކާއި، އުފާވެރި އިޙްސާސްތަކާއި އެކުގައެވެ. އަލިކަމާއި އަނދިރިކަމާ، ފިނިކަމާއި ހޫނުކަމާވެސް އެކުގައެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމާއި ހާސްކަމާވެސް އެކުގައެވެ. ދިރިއުޅުމުގެ ޙަޔާތުގެ ދަތުރަކީ ގަދަ ކަނޑާއި މަޑުވައިގާ ވެސް ދަތުރުކުރަން ޖެހޭ ބޮޑު އިމްތިޙާނެކެވެ.
ދުވަހެއްގެ ހެނދުނުގެ ހިތްގައިމު ވަގުތެވެ. އަގުބޮޑު ސެންޓުތަކުގެ ހިތްގައިމު ވަސްތަކުން ޖައްވުގެ ވައި އުޖާލާވެގެންދާ އޮފީސްތައް ފެށޭ ހިތްގައިމު ވަގުތެވެ. ޒުވާން ތޯހިރުވެސް ބުންވާވަރަށް ގަޔަށް ސެންޓު ބުރުވާލައި ގަޑި ޖެހުމުގެކުރިން އޮފީހަށް ދިއުމަށްޓަކައި ވައިސޫރިއެއްހެން ސައިކަލު ދުއްވާލިވަގުތެވެ. މާލޭގެ މަގެއްގެ ހިނގާރުގައި ކަތިފަޔަށް ހުއްޓިހުރި ޒުވާން އަންހެން ކުއްޖެއް އަތްހިއްލާލުމުން ބޭއިޚުތިޔާރުގައި ތޯހިރަށް ސައިކަލުގެ ކުރީ ބުރެކި ޖައްސާލެވުނެވެ. އަދި އިއްތިފާޤުން ސައިކަލު ގޮސް ހުއްޓުނީ އެޒުވާނާގެ ފައިތިލަވަޅަށެވެ. އެވަގުތު އަހާލުމެއް ކަހާލުމެއްނެތި، ސައިކަލުގެ ފަހަތަށް އޭނާ ފުންމާލިއެވެ. އަވަހަށް ދުއްވާށޭ ބުނެ ބައްދައިގަތީ ޒަމާންވީ ލޯބިވެރިޔެއް ފަދައިންނެވެ.
އަލަށް ވަޒީފާއެއް ލިބިގެން އޮފީހަށް ނިކުންނަ ފުރަތަމަ ދުވަސް ކަމަށާއި ޓެކްސީ ލަސްވާތީ، އޮފީހަށް ޑްރޮޕްކޮށްލަދޭށޭ ބުނެލީ ޝުކުރިއްޔާގެ ލޮލުގެ އިޝާރާތުންނެވެ. އަދި ދާންބޭނުންވާ ދިމާލަށް ހުންގާނުގެ މިސްރާބު ސީދާކޮށްލަދިނީ ވެސް ޚުދު އޭނާއެވެ. އެހިނދު ޒުވާން ތޯހިރު ސައިކަލް ދުއްވާލީ އުފާވެރި އިއްތިފާޤެކޭ ހިތާފައެވެ. މަންޒިލަކީ ދެމީހުންވެސް ދާންޖެހޭ މަންޒިލެވެ. ސައިކަލުގައި ބާރަށް ދުއްވާލާފައި ދިޔައިރު، އެދުވާ މީރުވަހުން ސީދާހިތަށް ފިނިކަަން ލިބެމުންދިޔައެވެ. ބޮލުގެ ކަނާއަތް ފަރާތަށް ޖަހާލާފައި އިން ރީތި ޤުދުރަތީ މަލުން ލޮލަށް ހިތްހަމަޖެހުން ލިބެމުންދިޔައެވެ. ސައިކަލުގެ ލޯގަނޑުން އެމަލަށް ބަލާކަން ޚުދު އެނާއަށް ވެސް ފާހަގަވެއްޖެ ކަހަލައެވެ. ގަޑިޖެހުމުގެ ފަސް މިނެޓެއްހާކުރިން އޮފީސް އިމާރާތުގެ ކަންމައްޗަށް މަޑުކޮށްލިއެވެ. ލަދުރަކި “ޝުކުރިއްޔާ” ދިނުމަށްފަހު ފަރިގޮތަކަށް ހިނގާލާފައި ގޮސް ނިވާވެއްޖެއެވެ.
ސައިކަލު ޕާކުކޮށްލާނެ ތަންކޮޅެއް އެތަކެއް ތަކުލީފާއެކު ހޯދާލުމަށްފަހު ސައިކަލު ޕާކުކޮށްލާފައި އޮފީހަށް ވަނުމަށް އަވަސްވެގަތީ އޮފީހަށް ގަޑިއަށް ހާޒިރުވިކަން ކަށަވަރުކުރުމަށެވެ. އަސްތާއެވެ! އޮފީސް މޭޒުދޮށަށް ދިޔަތަނާހެން ފެނުނީ ސީދާ ކުރިމަތީ މޭޒުގައި ހުއްޓުން އަރާފައި ކަތިނަޒަރަކުން ބަލަން ރަކިވެފައި އެއަންހެން ކުއްޖާ އިންތަނެވެ. (ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު