ބޮޑު ސަސްޕެންޝަނެއް މާފުކޮށް ކުޅުންތެރިޔަކަށް ފުރުޞަތުދޭތީ ށ. ފޭދޫގެ ޒުވާނުން ކަންބޮޑުވުން ފާޅުކުރަނީ…

މިލައުތުރު | 24 އޮގަސްޓު 2026 | ކުޅިވަރު
2

ށ. ފޭދޫ ކައުންސިލް ކަޕް-2025 ގެ ސެމީ ފައިނަލް މެޗުގައި ކުޅުމުން ބޭރުން މާރާމާރީ ހިންގި ކުޅުންތެރިޔަކަށް ދީފައިވާ 3 އަހަރު ދުވަހުގެ ސަސްޕެންޝަނެއް މާފުކޮށްދީ 15 އޮކްޓޯބަރު 2026 ގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ކުޅުމުގެ ފުރުޞަތު ދޭތީ، އެރަށުގެ ޒުވާނުންނާއި ކްލަބްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެ ކުޅުންތެރިޔާ ކުރި ކުށުގެ އަދަބަކަށް ކަނޑައަޅާފައިއޮތީ 3 އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރުމާއެކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އަދި ޖޫރިމަނާ ފައިސާ 24 މެއި 2025 އިން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ.

Advertisement

ށ. ފޭދޫ ކައުންސިލްގެ 05 ވަަނަ ދައުރުގެ 11 ވަނަ އާއްމު ޖަލްސާގައި ނިންމާފައިވަނީ އެ ކުޅުންތެރިޔާ ނިސްބަތްވާ ކްލަބުން ޖޫރިމަނާ ފައިސާ ދައްކާ ޚަލާސްކުރުމުން ކުޅުންތެރިޔާގެ މައްޗަށް ކޮށްފައިވާ ސަސްޕެންޝަން އެއް ފަހަރެއް ކަމަށް ބަލައި މާފުދިނުމަށެވެ. އަދި އެފަދަ އަމަލެއް ތަކުރާރު ވެއްޖެނަމަ، ކައުންސިލުން އިންތިޒާމް ކުރާ އެއްވެސް ކުޅިވަރު މުބާރާތެއްގައި ކުޅުމަށް ވެސް އަދި އޮފިޝަލްކަން ކުރުމަށް ވެސް ފުރުޞަތު ނުދިނުމަށެވެ.

ފޭދޫއިން މަޢުލޫމާތު ދެމުން އެރަށުގެ ޒުވާނަކު ބުނީ، ކައުންސިލްގެ ނިންމުން ނިންމާފައިވަނީ އެ ކުޅުންތެރިޔާގެ މައްސަލަ ހުށަހެޅި ކްލަބަށް ވެސް ނާންގާކަމަށާއި، ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ވެސް ނުހޯދާ ކަމަށެވެ. އަދި ކްލަބުތަކުން ކައުންސިލާ ބައްދަލުކުރުމުން ވެސް ވަކިގޮތެއް ނިމިފައިނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން މަޢުލޫމާތު ކަށަވަރުކުރުމަށް ފޭދޫ ކައުންސިލަށް ގުޅާލުމުން ވިދާޅުވީ، އެކަން އެގޮތަށް ނިންމާފައިއޮތް ކަމަށާއި، އެހެން ނަމަވެސް ޒުވާނުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވުމުން ދެވަނަ ވިސްނުމަކަށް ދިއުމަށްޓަކައި ކައުންސިލްގެ ބައްދަލުވުމަކަށް އެކަން ތާވަލުކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ސ ސަމަދުބެ
ކަލޭމެން ގަދަ އިނގޭ، ކުރީ ކައުންސިލްގައި ހަމަ ކަލޭމެން ތިބެގެން ނޫންތޯ ހޭވި ހަޑިއެއް ވެސް ހޭވީ. މިހާރު ރައީސްކަން ލިބުނީމާ ބަދަލުވީތޯ!
ރ ރޭޝަމް
އެއީ ކުޅުމުން ބޭރުން މީހެއްގެ ބޮލުގައި ކޮޅުފައިން ވިހެލި ގޮލައެއް. ކުޅިވަރަކީ އެކުވެރިކަން އާލާކުރަން ކުޅޭ އެއްޗެއް. ތަޅާފޮޅަންޏާ ރޫޅޭނީ.