ށ. ޅައިމަގު ފެނަކައިގެ ސްޓޭޝަން މެނޭޖަރާއި ޑެޕިއުޓީ މެނޭޖަރުގެ އިތުރުން އިތުރު ދެ މުވައްޒަފަކު މިއަދު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.
މިލައުތުރު އޮންލައިންއަށް ލިބިފައިވާ ލިޔެކިއުންތަކުން ކަށަވަރު ކުރެވިފައިވާ ގޮތުން ހަތަރު މުވައްޒަފުން ވެސް ވަކިކޮށްފައިވަނީ “ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރިޑަންޑަންސީ އުޞޫލް 2026” ގެ ދަށުންނެވެ. އަދި ތިން މަސްދުވަހުގެ ނޯޓިސްގެ މުއްދަތަށްވާ ފައިސާ 14 ދުވަސްތެރޭގައި ދޭގޮތަށެވެ.
ވަޒީފާއިން ވަކިކުރި އެއް ފަރާތަކީ ސްޓޭޝަން މެނޭޖަރ އާދަމް ރައޫފް އެވެ. އޭނާ ފެނަކަ ވަޒީފާއަށް ވަނީ 15 މާރިޗް 2020 ގައެވެ. ވަޒީފާއިން ވަކިކުރި އަނެއް ފަރާތަކީ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ޝަފީޢު އެވެ. އޭނާ ފެނަކައާއި ގުޅުނީ 12 ސެޕްޓެމްބަރ 2021 ގައެވެ.
މީގެ އިތުރުން ވަޒީފާއިން ވަކިކޮށްފައިވަނީ ސުޕަވައިޒަރ (ވޯޓަރ) އަހްމަދު ސަމީރު އާއި، ޓެކްނީޝަން ޔޫސުފް އާދަމް އެވެ. މީގެ ތެރެއިން ސަމީރު ފެނަކައާ ގުޅުނީ 18 ޖޫން 2023 ގައެވެ. ޔޫސުފް އާދަމަށް ވަޒީފާ ދީފައިވަނީ 01 އޮގަސްޓް 2023 ގައެވެ.
ހަތަރު މީހުން ވެސް މާދަމާ އިން ފެށިގެން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ހަތަރު މީހުންނަށް ވެސް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް ވަނީ ޙަވާލުކޮށްފައެވެ. އަދި މި ހަތަރު މީހުންކުރެ އެއްވެސް މީހަކާއި މެދު މީގެ ކުރިން އެއްވެސް ސުލޫކީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު