
މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން އޮޔާ ގޮސް އޭގެތެރެއިން ބޯޓެއް ސިނަމާލެ ބްރިޖްގައި ޖެހުމާ ގުޅިގެން އެތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައި އޮތް އެ ދެ ބޯޓު ރޭ 10 ޖަހާކަންހާއިރު އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންކަން ވަނީ އެނގިފަ އެވެ. ދެ ބޯޓު އެކި ތަންތަނަށް އުރެމުންދިޔަ އިރު އެކަމަށް އެކަށީގެންވާ ގޮތެއްގައި ރެސްޕޮންޑް ކުރެވިފައިނެތުމުން ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރު ވެއްޖެއެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އިދާރާއިން ކުރިއަށް ގެންދިޔައީ ހަމަ އެކަނި ބޯޓުގައި އެ ވަގުތު ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށާއި އެ އެންމެން ސަލާމަތްކޮށް، ކަސްޓަމްސްއާ ހަވާލުކުރުން ކަމަށެވެ. ސުވާލަކީ އެ ބޯޑުތައް ދަޢުލަތުގެ ބިލިޔަން ރުފިޔަގެ އަގުހުރި އެސެޓްތަކަށް އުރި ގެއްލުން ލިބުން ހުއްޓުވުމުގެ މަސައްކަތްކުރަން ޖެހޭ އަދި އެކަމުގެ ޒިންމާ ނަގަންޖެހޭ ދައުލަތުގެ މުއައްސަސާއަކީ ކޮބައިތޯއެވެ. އެމްއެންޑީއެފް އަށް އޮތީ މީހުން ސަލާމަތް ކުރުމެވެ. ބޯޓް ބްރިޖަށް އުރި އެތަން ހަލާކުވެދާނެތީ ފިޔަވަޅެއް އެޅުނު ތަނެއް ނުފެނުނެވެ. ނޫނީ އެ މުއައްސަސާގައި އަދި އެފަދަ ކަމެއްގެ ޤާބިލްކަން ތަރައްޤީކުރެވިފައި ނެތީތޯއެވެ.
މި ދެ ބޯޓާ ގުޅޭ އެއްވެސް ވާހަކައެއް އަދި ކަސްޓަމްސް އަކުން ނުދައްކަ އެވެ. އަދި ދެ ބޯޓު ކަސްޓަމްސްގެ ދަށަށް ގެންދިޔަ ސަބަބެއް، ގެންދިޔަ އިރެއް ވެސް ސާފެއް ނުވެއެވެ. އަދި ބޯޓުތައް ރާއްޖެ އަށް ވަތް އިރެއް ވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު