ދިވެހިރާއްޖެ އިސްލާމްދީން ޤާބޫލުކޮށް، އެ ދީނުގެ ހިދާޔަތުގައި އުޅުމުގެ ނިޢުމަތް މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވިތާ 900 އަހަރު ފުރުން ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، އިސްލާމްދީނަށް ދިވެހިރާއްޖެ ވަނުމަކީ ހަމައެކަނީ ތާރީޚީ ޙާދިޘާއެއްގެ ގޮތުގައި އިޙްތިފާލުކުރެވޭ ކަމަކަށް ވެގެން ނުވާނެކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ތަފްޞީލީ ފޯސްޓެއް އިތުރަށް ވިދާޅުވީ، އިސްލާމްދީނަކީ ހަމއެކަނި ސިޔާސީ ޝިޢާރެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗަކަށްވެސް ވެގެން ނުވާނެ ކަމަށެވެ. އިސްލާމްދީނަކީ ޝާމިލް ޝަރީޢަތެއްގެ މައްޗަށް ބިނާވެގެންވާ ދީނެއް ކަމުގައި ވާއިރު، އަދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 2 ވަނަ މާއްދާގައި ދިވެހި ދައުލަތަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެއްކަމަށް ޞަރީޙަ ޢިބާރާތުން ބުނެފައި ވާއިރު، ހަމައެކަނި އިސްލާމީ ކަންތަކާބެހޭ ވުޒާރާއާ ޙަވާލުކުރެވިފައިވާ ޒިންމާތައް ޝަކްލީގޮތުން ފުރިހަމަކުރުމުން އެއީ ދިވެހި ދައުލަތް އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވުނީ ކަމަކަށް ނުބެލެވޭނެ ކަމަށެވެ.
އިސްލާމީ ދައުލަތެއްގެ އެންމެ އިސްވެރިޔާއަކީ “ދީން ޙިމާޔަތްކޮށް ދުނިޔަވީ ކަންކަން ދީނުގައިވާގޮތަށް ހިންގަން” ރައްޔިތުންއިޚްތިޔާރުކުރާ ފަރާތެއްކަން އިސްލާމީ ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގެން އޮންނައިރު، ދިވެހިރާއްޖޭ އިސްލާމްދީން ޤަބޫލުކުރިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭ ރައީސުލްޖުމްހޫރިއްޔާ ބަހާއި ޢަމަލުން ކަށަވަރުކޮށްދޭންޖެހެނީ ދިވެހިދައުލަތަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ހިނގާ ދައުލަތެއް ކަމެވެ. ޝިއާރުތަކެއް އެކަނި ފާޅުކުރުމަކުން ނުފުދޭނެއެވެ. ކަށަވަރުކޮށްދޭން ޖެހެނީ ދިވެހިދައުލަތުގެ ވެރިކަން ހިންގަމުންދަނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ އަސާސީ މަބްދައުތަކާ އެއްގޮތަށްތޯ ސުވާލު އުފައްދަވާފައި ވެއެވެ. ކަށަވަރުކޮށްދޭން ޖެހެނީ ދިވެހި ދައުލަތް ހިނގަމުންދަނީ ޢަދްލު އިންޞާފާއި، އަމާނާތްތެރިކަމާއި، ނަޒާހަތްތެރިކަމުގެ އުޞޫލުތަކާ އެއްގޮތަށްތޯ، އިސްލާމްދީން މަނާކޮށްފައިވާ ފަސާދަ ދިވެހި ދައުލަތުގައި ހުއްޓުވުމަށް ކޮން މަސައްކަތެއްތޯ ކުރެވިފައިވަނީ، އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އެއް މަބްދައުކަމަށްވާ މަސްއޫލިއްޔަތު އުފުލުމާއި ޖަވާބުދާރީ ވުމުގެ މަބްދައާއި، މަޝްވަރާގެ މަބްދައާ އެއްގޮތަށް ޢަމަލީގޮތުން “ޝަކްލީ ގޮތަކުން ނޫން” ދައުލަތް ހިންގުމަށް މުއައްސަސާތަކަށް ފުރުޞަތު ދެވިފައިވޭތޯ ވެސް ސުވާލު އުފައްދަވާފައި ވެއެވެ.
މި ދެންނެވުނު ސުވާލުތަކަށް އެއްވެސް އީޖާބީ ޖަވާބެއް ލިބުމަކީ މުސްތަޙީލު ކަމެއްކަން، ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހި ސަރުކާރު ހިނގަމުންދާގޮތަށް ބެލުމުން ފާހަގަކުރެވެއެވެ. ދައުލަތުގެ މަރްކަޒީ ސަރްކާރުގެ ގުނަވަންތަކުގައި އިންތިހާޔަށް ފަސާދަ އަށަގެންފައިވާއިރު، ދީމިޤުރާޠީ މުއައްސަސާތަކެއް ރަނގަޅު މަގުން ހިނގާތަނެއް ނުފެނެއެވެ. ދިވެހިދައުލަތަށް ޝާމިލް އިޞްލާޙީ ބަދަލުތަކެއް އަންނަން ޖެހޭކަން އެންމެނަށްވެސް ޤަބޫލުކުރެވޭއިރު، ހިތާމަޔަކީ ދިވެހިރައްޔަތުންގެ ޓެކްސް ފައިސާއިން މުސާރަލިބޭ މުވައްޒަފުން ޙައްޤަށް ނަޞްރު ދިނުމުގެ ބަދަލުގައި ބާޠިލު ދިފާޢު ކުރުމަކީ އެމީހުންގެ ޝަރްޢީ އަދި ޤާނޫނީ މަސްއޫލިއްޔަތުކަމުގައި ދެކުން ކަމަށެވެ.
މިގޮތުން، ދާދިފަހުން އެކްސް ޕްލެޓްފޯމް ގައި އަލްއުސްތާޛް ޑރ. މުޙައްމަދު ޖަމީލް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި އަލްއުސްތާޛް އަޙްމަދު ޞިއްދީޤު ކުރެއްވި ޕޯސްޓަކަށް ބަލައިލުމުގެ ފުރުޞަތު ލިބުނުކަމަށާއި، ޑރ. ޖަމީލު ގެ ޕޯސްޓަކީ ރައީސް މުޢިއްޒު ދާދިފަހުން ރާއްޖޭގެ ކަންކޮޅުތަކުގައި ނަޞޭޙަތުގެ ބޯޑުތަކެއް ހަރުކުރައްވާނެކަމަށް ކުރެއްވި އިޢުލާނާ ގުޅިގެން އެއަށް ފާޑުކިއުއްވައި ކުރެއްވި ޕޯސްޓެއް ކަމަށެވެ. ޑރ. ޖަމީލުގެ ޕޯސްޓުން ކުރެވޭ ޚުލާޞާޔަކީ އެމީހަކު އަމިއްލަޔަށް ތަބާނުވާ ކަމަކަށް އެހެންމީހުންނަށް ނަޞޭޙަތާއި އިރްޝާދު ދިނުމަކީ އިސްލާމްދީނުގައި މާތް ﷲ ނަހީކުރައްވާފައިވާ ކަމަކަށްވާތީ އެންމެފުރަތަމަ ނަޞޭޙަތްދޭ މީހާ އިޞްލާހުވެގަތުމަށް އިސްކަންދިނުން މާ އައުލާކަން ބޮޑުވެގެންވާ ކަމަށެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ { يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ. كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ}سورة الصف : ٢-٣، މި އާޔަތުގެ މާނަޔަކީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަމަލުނުކުރާ ކަންތަކުގެ ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟، އެއީ މާތް ﷲ ކަނޑައެޅިގެން ވަރަށް ބޮޑަށްނުރުހިވޮޑިގެންވާ ކަމެކެވެ. އެބަހީ އެއްވެސް މީހަކު އެމީހަކު އަމިއްލަޔަށް އިލްތިޒާމް ނުއުފާ ކަމަކާ ގުޅިގެން އެހެންމީހުންނަށް ނަޞޭޙަތާއި އިރްޝާދު ދިނުމަކީ މާތް ﷲ ގެ ވަޢީދާއި އިސްތިންކާރާއި ކޯފާ ރައްދުވާނެކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު