ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ ބޮޑު މައްސަލައަކީ ވޭތުވެދިޔަ 3 ސަރުކާރަށް ވެސް ހައްލުކޮށް ނުދެވުނު މައްސަލައެއް ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވީ މިސަރުކާރުން ކަމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު މުޙައްމަދު މަމްދޫހް ވިދާޅުވެއްޖެ އެވެ.
އެމްޕީ މަންޑޭ ވިދާޅުވީ ކުރީ ސަރުކާރެއްގެ ސަމާލުކަމަށް މި މައްސަލަ ތަކުރާރުކޮށް ފުނަދޫގެ ލޮބުވެތި ރައްޔިތުން ގެންނަމުންދާތާ، 15 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔަ އިރު އަމަލީ ގޮތުން ހައްލެއް ނުލިބުނު ކަމަށާއި، ތަކުރާރުކޮށް ލިޔެކިއުމުން ތަފާތު ބައްދަލުވުންތަކުގައި ހުއްޓުމެއްނެތި އާދޭސް ދެންނެވި ކަމަށާއި، މި މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ވައުދު ފުނިފުންޏަށް އިންތިހާބުތަކުގައި އަޑުއިވިގެން ދިޔަ ނަމަވެސް އަމަލީ ސިފައެއް އައިސްފާ ނުވާކަމަށާއި، މިއަދު ލިބިގެންދާ އެންމެ ބޮޑު އުފަލަކީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު ފުނަދޫގެ ލޮބުވެތި ރައްޔިތުންނަށް ވަޢުދު ވެލެއްވި ގޮތަށް، މިދެންނެވި ބޮޑު މައްސަލައަށް އަމަލީ ގޮތުން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވި ފުރަތަމަ ރައީސަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން، ފުނަދޫގެ ދެކުނުކޮޅު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މި ބޮޑު މައްސަލައަށް ފުނަދޫގެ ލޮބުވެތި ރައްޔިތުން ބޭނުންވާ ހައްލު، މިސަރުކާރުގެ ފުރަތަމަ ދައުރުގައި ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު