
މ. ރަތްމަންދޫގައި ހުންނަ ސްޓެލްކޯގެ އޮފީހުގެ ގޯތިތެރެ ސާފުނުކޮށް ގޮނޑުވެ މަދިރި އާލާވަމުންދާތީ، އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މިހާރުވެސް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި ހިންގަމުން އަންނަ މި އޮފީހުގައި މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އޮފީހުގެ ގޯތިތެރެ ބެލެހެއްޓުމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. އެގޮތުން ގޯތިތެރޭގައި އެކި ޒާތުގެ ކުންޏާއި ބާދަގަނޑު އަދި ފެންހެދޭ ގޮތަށް ހުރި ތަކެތި ޖަމާވެ، އެ ތަން މިހާރު ވަނީ ކުނިގޮނޑަކަށް ބަދަލުވެފައެވެ.
ސްޓެލްކޯ އޮފީސް ހުންނަނީ ރަށުގެ މެދުތެރޭގައި މީހުން ދިރިއުޅޭ ސަރަޙައްދުގައި ކަމަށްވުމުން، މި ތަން ގޮނޑުވުމުގެ ސަބަބުން އަވަށްޓެރިންނަށާއި މަގުމަތިން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ވަކިން ޚާއްޞަކޮށް، އުކާލެވިފައިވާ ތަކެތީގައި ފެން ހަރުލައި، މަދިރި އާލާވާތީ މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑުވެ، ޑެންގޫ ފަދަ ނުރައްކާތެރި ބަލިތައް ފެތުރިދާނެ ކަމުގެ ބިރުވެސް މިހާރު ވަނީ ހީވެފައެވެ.
މިކަމާ ގުޅިގެން ރަށުގެ ރައްޔިތުން ޝަކުވާ ކުރަމުން ދާއިރު، ރަށު ކައުންސިލުން މި މައްސަލައަށް އެކަށީގެންވާ ސަމާލުކަމެއް ނުދީ އަޅާނުލާ ދޫކޮށްލާފައިވާ ކަމަށް ބުނެ ރައްޔިތުންގެ ފާޑުކިޔުން ވަނީ ކައުންސިލަށް ވެސް އަމާޒުވެފައެވެ.
ރަށުގެ ޢާންމު ޞިއްޙަތާއި ރަށުތެރޭގެ ސާފުތާހިރުކަން ގެއްލޭގޮތަށް ސްޓެލްކޯ ގޯތިތެރެ އޮތް އޮތުން ނިމުމަކަށް ގެނެސް، އެތަން ވީއެންމެ އަވަހަކަށް ސާފުކޮށްދިނުމަކީ ރަތްމަންދޫގެ ރައްޔިތުންގެ ވަރަށް ބޮޑު އިލްތިމާސެކެވެ.

ކިޔުންތެރިންގެ ހިޔާލު