
ރޭގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 5 މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ހިލާފަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވެސް އޮތް މީހެއް ނޫނެވެ.
މި ހާދިސާގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްކަމަށް ލިބިފައިވެއެވެ. އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައި.ޖީ.އެމް.އެޗް އަށް ބަދަލުކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު