ބޮޑެތި ޖަރީމާތައް ހުއްޓުވޭނީ މުސްތަޤިއްލުކަމާއެކު ޤާނޫނު ތަންފީޒުކުރެވިގެން.

މިލައުތުރު | 25 އޮކްޓޯބަރ 2026 | ރިޕޯޓު

ގދ. ތިނަދޫގައި ގްރޫޕަކުން 22 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލަ އާއި ގުޅިގެން މުޅި ރާއްޖެ ހައިރާންވީ އެކަމުގެ ތެރެއިން ފެންމަތިވި އިތުރު ކަންތައްތަކުގެ ސަބަބުންނެވެ. އިތުރު އާއިލާތަކެއް އެކަމުގެ ބިރުވެރިކަމުގެ ތެރެއަށް ހުށަހެޅުމުންނެވެ. އަދި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ވެސް ހިމެނޭތީ އެވެ.

ޙަޤީޤަތަކީ މިއީ ހަމަ އެކަނި ތިނަދޫ އާއި އެހެނިހެން ބޮޑެތި އާބާދީތަކަށް އޮތް ބިރުވެރިކަމެއް ނޫނެވެ. ރާއްޖޭގެ ގިނަ ރަށް ރަށް އޮތީ ހަމަ ކޮންމެ ވަގުތެއްގައި ވެސް މިފަދަ އެހެން ޖަރީމާއެއްގެ ޚަބަރު ފެތުރިދާނެ ފަދަ ޙާލަތެއްގައޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މައިގަނޑު އެއް ސަބަބަކީ ޤާނޫނުގެ ޙުކޫމާތު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކެވެ. މޮޅު މީހާއަށް މޮޅު ގޮތް، ދެރަ މީހާއަށް ދެރަ ގޮތް ވަމުންދާތަން ފެންނަމުން ދިއުމެވެ. އެއްވެސް ބިރެއް ޖެހިލުމެއް ނެތި، ބޮޑެތި ޖަރީމާތަކަށް އަރައިގަންނަން ކެރެނީ އެހެންވެގެންނެވެ.

Advertisement

ތިނަދޫގެ ރޭޕް ކޭސް އާއި ގުޅިގެން ހާމަވި ޙަޤީޤަތްތައް އަދި މާ ބިރުވެރިއެވެ. އަނިޔާ ލިބުނު 22 އަހަރުގެ އަންހެން ކުއްޖާ ހާދިސާ ހިނގުމުގެ ދިހަ ދުވަސް ކުރިން ވަނީ ބަނޑަށް ތިން މަހުގައި ދަރިފުޅު ވައްޓާލާފައެވެ. ލިބުނު ގެއްލުންތަކަށް ފަރުވާކުރުމަށް ދެވަނަ ފަހަރަކަށް ތިނަދޫއަށް ދިޔައީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ފަރުވާގެ ބަދަލުގައި އަނެއްކާ ވެސް ކުރިމަތިލާން ޖެހުނީ އިތުރު އަނިޔާތަކާއެވެ. ތިނަދޫގެ ގެސްޓްހައުސްއަކަށް ގެންގޮސް ‘ޕާޓީ ޑްރަގްސް’ ދީގެން ޕާޓީ ކުރީ އެމީހަކު ހިތަށް އެރިގޮތަކަށް، އެމީހަކު ހިތަށް އެރި މިންވަރަކަށެވެ. ޖިންސީ ގުޅުންތައް ހިންގީ އެއްވެސް ހައްދެއް މިންވަރެއް ނެތި، ރުހުމުގަޔާއި ނުރުހުމުގައެވެ. ވަކި ވަކި ފަރުދުންނާއި، ގްރޫޕް ހަދައިގެންނެވެ. އެއް ފަހަރާ އެތައް ބަޔަކު ޝާމިލް ވެގެންނެވެ.

އެންމެ ހިތްދަތި ކަމަކީ އިންސާނިއްޔަތު ކަމުން ވެސް ބޭރުވުމެވެ. ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގަން އިންކާރު ކުރުމުން އަނިޔާކުރިއެވެ. ދެއަތާއި ދެފައި ބަނދެގެން ގަދަކަމުން ވެސް ޖިންސީ ގުޅުންތައް ހިންގީ އެވެ. އަދި ޖިސްމާނީ އަނިޔާތައް ދިނުމަކީ “ސެޑިޒަމް” އަކީ އެމީހުންގެ ހިތްތަކަށް ތަސައްލީ ލިބޭ ކަމަކަށް ވިއެވެ. މިއީ އިންސާނުންތަކެއްގެ ބުއްދި ގޮސްފައިހުރި ހިސާބު ކަމުގައި ވުމަކީ “ޓެރަރިޒަމް” ފަދަ ބޮޑު ބިރުވެރި ކަމެކެވެ. އެފަދަ މީހުން ކޮށްފައި ނުކުރާނެ އެއްވެސް ކަމެއް ނުހުންނާނެއެވެ. ކުއްޖާގެ ފުރަގަސް ފަރާތަށް ގަދަކަމުން އަތްތިލަ އެއްކޮށް ކޮއްޕައި ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ދިނީ އެމީހުންގެ ހިތަށް ހިތްހަމަޖެހުން ލިބޭތީ ނޫން ހެއްޔެވެ. އެހިނދު އެމީހުން އެތިބީ އިންސާނުންގެ ހުދޫދުން ވެސް ބޭރުވެފައި ނޫން ހެއްޔެވެ. އެހެނީ އެއީ ޖަނަވާރުންގެ ޢަމަލުތަކެވެ.

އަދި މީގެ އިތުރުން ވެސް 18 އަހަރުން ދަށުގެ އިތުރު ދެ އަންހެން ކުދިން ގެސްޓްހައުސްއަށް ގެނެސް ‘ޕާޓީ ޑްރަގްސް’ ދިނުމަށްފަހު، އެކި މީހުން އެ ކުދިންނާ އެކުވެސް ޖިންސީ ގޯނާތައް ކޮށްފައިވާކަން ހާމަ ވުމުން އިތުރު އެތަކެއް އާއިލާއަކަށް ސިހުން ލިބިގެންދިޔަ އެވެ. އެހެނީ މި އަނިޔާވެރިކަމުގެ ފުންމިން ހުރި ނެތް ވަރެއް ވެސް ނޭނގޭތީ އެވެ. އެންމެ ބޮޑަށް ޖިންސީ އަނިޔާތައް ލިބުން ކުއްޖާ ފެނިފައިވަނީ ތިނަދޫ ބަނދަރުގައި ހުންނަ ފެރީ ޓާމިނަލްގައި ރޯން އިންދައި ފުލުހުންނަށެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.