ޓްރޮޕިކްސް އެކްސް މޯލްޑިވްސް ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2026 ގެ ފިރިހެން ޑިވިޝަންގައި ރޭ ވަރަށް ފޯރިގަދަ ދެ ސެމީ ފައިނަލް މެޗެއް ކުޅެވުމާއެކު، މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެ ޓީމް ކަށަވަރުވެއްޖެއެވެ. އެންމެން ހައިރާންކޮށްލުމަށްފަހު ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ މުޅިން އަލަށް މުބާރާތުގައި ބައިވެރިވި އޮފްޝޯ އެފް.ސީ އާއި، މުބާރާތުގެ ދިފާޢީ ޗެމްޕިއަން ވައިކިންގްސް އެފް.ސީއެވެ.
ރޭ 20:30 ގައި ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެގެން ސެމީއަށް ދަތުރުކުރި ބިރާގަން ސްޕޯޓްސް ކްލަބާއި، މުބާރާތުގައި މުޅިން އަލަށް ބައިވެރިވި އޮފްޝޯ އެފް.ސީއެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ބިރާގަން ސްޕޯޓްސް ކްލަބުން ދެ ގޯލުގެ ލީޑެއް ނަގައި ވަރުގަދަ ކުޅުމެއް ދައްކާފައިވަނިކޮށް، ދެވަނަ ހާފްގައި ހައިރާންކުރަނިވި ގޮތަކަށް އޮފްޝޯ އެފް.ސީއިން ތިން ގޯލު ޖަހައި، ނަތީޖާ 3-2 އިން މެޗު ކާމިޔާބުކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޮފްޝޯ އެފް.ސީގެ ޖޯޒީ ނަމްބަރު 10 އަދި ޓީމުގެ ކެޕްޓަން މުޙައްމަދު އަނޫޝްއެވެ.
މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރީ 2025 ވަނަ އަހަރުގެ ފައިނަލްގައި ވެސް ބައްދަލުކުރި ދެ ޓީމު ކަމުގައިވާ ވައިކިންގްސް އެފް.ސީ އާއި ޔުނައިޓެޑް ލައިންސްއެވެ. މި މެޗު ވަރަށް ވާދަވެރިކޮށް ކުރިއަށް ދިޔައިރު، ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 2-2 އިން އެއްވަރުވުމުގެ ސަބަބުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ ވައިކިންގްސް އެފް.ސީއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވައިކިންގްސް އެފް.ސީގެ ޖޯޒީ ނަމްބަރު 12 އަޙްމަދު ރިއުމާން މުޙައްމަދުއެވެ.
ވައިކިންގްސް އެފް.ސީ އަކީ 2024 ވަނަ އަހަރުގެ ޗެމްޕިއަން އަދި 2025 ވަނަ އަހަރުގެ ރަނަރަޕްކަން ހޯދާފައިވާ ޓީމެކެވެ. މިއީ މި މުބާރާތުގައި ވިދިވިދިގެން ތިންވަނަ ފަހަރަށް ވައިކިންގްސް އެފް.ސީ ފައިނަލަށް ދަތުރުކުރި ފަހަރެވެ. މުބާރާތުގެ “ސަޕްރައިޒް ޓީމް” ގެ ގޮތުގައި ފާހަގަކުރެވޭ އޮފްޝޯ އެފް.ސީއަކީ މުޅިން އަލަށް މިފަހަރުގެ މުބާރާތަށް ނުކުމެ ވަރަށް ވަރުގަދަ ކުޅުމެއް ދައްކައި ފައިނަލަށް ދަތުރުކުރި ޓީމެކެވެ.
މުބާރާތުގެ ދެ ޑިވިޝަންގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރ 28 ވާ ބުދަ ދުވަހުގެ ރެއެވެ. ފުރަތަމަ މެޗު ފަށާނީ 20:15 ގައި އަންހެން ޑިވިޝަންގެ ފައިނަލް މެޗުންނެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު 21:15 ގައި ވައިކިންގްސް އެފް.ސީ އާއި އޮފްޝޯ އެފް.ސީ ބައްދަލުކުރާއިރު، މިއީ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު