މިލައުތުރު

އެންމެ ފަހުން ރައީސް ޞާލިޙް ރައީސް ނަޝީދުގެ ފައިބުޑަށް!

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތައް އެއްފަރާތްކޮށް، ޕާޓީން ވަކިވެގެން ދިޔަ ބޭފުޅުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވި ވިދާޅުވުމާއި އެއްގޮތަށް އެމިސްރާބަށް ދެވޭނެކަމުގެ އުންމީދު ކުރައްވާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ސާލިޙް ވިދާޅުވި ވާހަކައަކީ ތެދުފުޅެއް ކަމަށާއި އެވިދާޅުވި މިސްރާބު “އަޅުގަނޑުމެން އެންމެންނަށް ވެސް ހޯދޭނެކަމުގެ އުންމީދު” ޚުދު އެމަނިކުފާނު ވެސް ކުރައްވާކަމަށެވެ.

2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ދުވަސްވަރުގައި ދެބޭފުޅުންގެ ގުޅުން އިންތިހާއަށް ގޯސްވެ، އެކަކު އަނެކަކަށް އުތުރު ޢިލްޒާމްތައް ކުރައްވައި، ބަހުގެ ޙަމަލާތައް ދެއްވުމުގެ އިތުރުން އެކުގައި ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމަށް ވިދާޅުވެ ހަތަރުކަޅި ބައްދަލުކުރައްވާފައެއް ވެސް ނުވެއެވެ.

އަދި ރައީސް ނަޝީދު ދިއުމަކީ އެއްވެސް ގޮންޖެހުމެއް ނޫންކަމަށް ވިދާޅުވެ އެމްޑީޕީން ރައީސް ނަޝީދަށް ގޮންޖެއްސެވުމުން، ޕާޓީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގަތެވެ. ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަނުކުރެއްވި ކަމުގައި ވިޔަސް ޕާޓީގެ ޓިކެޓްގައި ރިޔާސީ ކެންޑިޑޭޓެއް ވަނީ ނެރުއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ގާތްގަނޑަކަށް 16،000 ވޯޓުގެ ތަފާތަކުން ރައީސް ޞާލިޙަށް ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގަތް އިރު، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ވެސް ގާތްގަނޑަކަށް ހަމަ އެ އަދަދަށް ވޯޓް ހޯއްދެވިއެވެ. އެހެންކަމުން ޔަޤީންވާ ކަމަކީ ދެބައިމީހުން އެކުގައި އިންތިޚާބަށް ނިކުތްނަމަ އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވުނީސް ކަމެވެ.

އެންމެ ފަހުން ރައީސް ޞާލިޙަށް މިޖެހުނީ ގޮތްދޫކުރައްވައި ރައީސް ނަޝީދުގެ މަދަދުވެރިކަން ހޯއްދަވާށެވެ. އެހެން ނޫނީ އެމްޑީޕީއަށް 2028 ގައި ވެސް އެއްވެސް އުންމީދެއް ނެތެވެ.

© 2023 milauthuru. All rights reserved.