އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލިސްގެ އިއްތިފާޤުން އެޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމަށް އަލްއުސްތާޛާ ހިސާން ޙުސައިން އައްޔަނުކުރުމަށް ފާސްކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު ހިސާން ޙުސައިން އަކީ އެމްޑީޕީއަށް ވަރަށް ގިނަ ރޮނގުތަކުން ޚިދުމަތް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ވަރަށް ހިތްވަރު ގަދަ އަންހެން ބޭފުޅެކެވެ. އަދި އެކަމަނާ އަކީ ވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހިތްވަރު ލިބިގެން ސިޔާސީ މައިދާނަށް ނިކުންނެވި ބޭފުޅެކެވެ. އެހެން ނަމަވެސް އެކަމަނާ ވެސް ފަހުން ހުންނެވީ ރައީސް ނަޝީދާ އިދިކޮޅު ޚިޔާލުގެ ބޭފުޅެއްގެ ގޮތުގައެވެ.
ހިސާން ވެގެންދާނީ އެމްޑީޕީގެ ނައިބު ރައީސްކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅެއް ކަމަށެވެ. ނައިބު ރައީސް ކަމަށް އައްޔަނުކުރެއްވުމަށް ޤައުމީ މަޖިލިހުން ފާސްކުރެއްވުމުން ޕާޓީގެ ފަރާތުން ވަނީ އެކަމަނާއަށް މަރްޙަބާ ދަންނަވާފައެވެ.