މިލައުތުރު

ދުވަސްތަކެއްވީ ޝައްކުތައް ކަޝްފުވެ އެވިޑް ކޮލެޖާއި ކްލިކް ކޮލެޖަށް ކަމާބެހޭ އޮތޯރިޓީއިން ފިޔަވަޅު އަޅައިފި.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ކްލިކް ކޮލެޖާއި އެވިޑް ކޮލެޖަށް ގަވައިދާ ޚިލާފަށް ކޯސްތައް ހިންގުމުގެ ސަބަބުން ފިޔަވަޅު އަޅައިފިއެވެ.

އެ އޮތޯރިޓީއަށް އެވިޑް ކޮލެޖާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ލެކްޗަރާއިންނަށް މުސާރަ ނުދޭތީ އިމްތިޙާން ކަރުދާސްތައް މާކު ނުކުރާކަމަށް ބުނެ ހުށަހެޅުނު މައްސަލަތަކާއި، ކޮލެޖުން ހިންގާ 7 ޕްރޮގްރާމެއްގައި ޕްރޮގްރާމް އެކްރެޑިޓޭޝަން ޤަވައިދާ ޚިލާފު ކަންތައްތަކެއް ހުރުން ހިމެނެއެވެ. ކޯހަށް ޝަރުޠުކޮށްފައިވާ ކިޔަވައިދިނުމުގެ ވަގުތު ހަމަނުކުރުމާއި، ހުއްދަ ހޯދުމަކާ ނުލާ އޮނިގަނޑަށް ބަދަލުތައް ގެނައުމާއި، ހަރުދަނާ ގޮތެއްގައި ޙާޟިރީ ބެލެހެއްޓިފައި ނެތުން ވެސް ހިމެނެއެވެ.

ފާހަގަކުރެވުނު މައްސަލަތަކާއި ޙަވާލާދީ އެވިޑް ކޮލެޖުގެ ޕްރޮގްރާމްތަކެއްގެ ދަރަޖަ 6 މަސް ދުވަހުގެ މުއްދަތަށް “ކޮންޑިޝަނަލީ އެކްރެޑިޓެޑް” އަށް ބަދަލުކުރުމާއި، އައު ޕްރޮގްރާމްތައް އެކްރެޑިޓް ނުކުރުމަށް ވަނީ ނިންމަވާފައެވެ. ކްލިކް ކޮލެޖާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ދެވިފައިވާ ޚާއްޞަ ހުއްދަ ބާޠިލް ކުރުމަށް ފަހު ހުއްދަ ނެތި އޮންލައިން ކޯސްތައް ހިންގުމާއި، ހުއްދަ ނެތް އިތުރު އޮންލައިން ޕްރޮގްރާމްތަކެއް އިޝްތިހާރު ކުރުން ހިމެނެއެވެ.

އެކްރެޑިޓް ނުކުރެވޭ ޕްރޮގްރާމްތައް ހިންގުމުގެ އަދަބެއްގެ ގޮތުން ކްލިކް ކޮލެޖަށް 10،000 ރުފިޔާއިން ޖުރުމަނާ ކޮށްފައިވެއެވެ. އަދި ހުއްދަ ނެތި ހިންގާ ޕްރޮގްރާމްތައް ހުއްޓާލުމަށާއި ގަވާއިދާ ޚިލާފަށް ހުރި ކޯސްތަކާއި އުޞޫލުތައް އިޞްލާޙުކުރުމަށް އެންގުމުގެ އިތުރުން ގަވައިދާ ޚިލާފުވާ ޕްރޮގްރާމްތަކަށް ސެޓްފިކެޓް ދޫނުކުރުމަށް ވެސް އަންގަވާފައި ވެއެވެ. މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް މި ފިޔަވަޅުތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، ހުއްދަ ނެތް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ދަރިވަރުންނަށް ލިބޭ ގެއްލުމަށް ކޮލެޖުން ޒިންމާ އުފުލަންޖެހޭނެ ކަމަށް ވެސް ކަނޑައަޅުއްވާފައި ވެއެވެ.

© 2023 milauthuru. All rights reserved.