މިލައުތުރު

އިމިގްރޭޝަނުން ބުޅަލުބުޑުގައި އުނބުން ޖެހުމުން ބިދޭސީންތައް ހާސްވެގެން ތެޅި ފޮޅެނީ!

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ސާފުތާހިރުކަން ކުޑަ ގޮތްގޮތަށް ކާބޯތަކެތި ތައްޔާރުކޮށްގެން ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ ޚާއްސަ އޮޕޭޝަންގައި އެތައް ބަޔަކު ހައްޔަރުކޮށް ޑޯޕޯޓްކުރަމުން ގެންދާތީ، ބިދޭސީންތައް ހާސްވެގެން ތެޅި ފޮޅެނީއެެވެ.

ބުޅަލު މަސް ބޭނުންކޮށްގެން ހެދިކާތައް ހަދައިގެން އުޅޭ ވާހަކައެއް ވެސް ފެންމަތިވެ، އެކަމަށް ޝައްކުކުރެވުނު ބިދޭސީ މީހާ މިހާރު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އޭނާ ވެސް އެންމެ ފުރަތަމަ އަތުލައިގަތީ އިމިގްރޭޝަނުން ނެވެ. އެކަމާ ގުޅިގެން ވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ.

މީގެ އިތުރުން އެތައް އަހަރެއް ވަންދެން ޤަވައިދާ ޚިލާފަށް ސެލޫން ހިންގަމުން ގެންދިޔަ ވަރަށް ނުފޫޒު ފަދަ މީހެއް ކަމަށްވާ ރަޖަނީ ޝްރެސްތާ އާއި އޭނާގެ ބައިވެރިން ވަނީ 13 އޮގަސްޓް 2024 ގައި ޑީޕޯޓް ކޮށްލާފައެވެ. މި އޮޕަރޭޝަން އަދިވެސް ހުއްޓުމެއް ނެތި އިމިގްރޭޝަނުން އެބަ ކުރިއަށް ގެންދެއެވެ.

އިމިގްރޭޝަންގެ މި މަސައްކަތަކަށް ވަރަށް ގިނަ ބައެއްގެ ތަޢުރީފު ދަނީ ލިބެމުންނެވެ. ބައެއް މީހުން ދެކޭގޮތުގައި ދައުލަތުގައި މިވަގުތު ހިނގާތަނަކީ ހަމަ އެކަނި އިމިގްރޭޝަން ޑިޕާޓްމަންޓެވެ. އެހެން ހުރިހާ މުއައްސަސާތައް ވަނީ ހުއްޓިފައެވެ. އަދި ޖުމްލަގޮތެއްގައި ސަރުކާރު ހިނގަނީ ފިހަކަ އިސްޕީޑުގައި ކަމަށެވެ.

© 2023 milauthuru. All rights reserved.