މިލައުތުރު

ދިވެހިރާއްޖޭގެ އެންމެ މޮޅު އެތުލީޓުންނަކީ ދީމާ އާއި ޝައްފާން!

ވަރަށް މަތީ ފެންވަރުގައި ބޭއްވުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް (ގަލާ ނައިޓް) ގައި ވޭތުވެދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ މަގާމަށް ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އާއި މުހައްމަދު ޝައްފާން އިސްމާޢީލަށް ލިބިއްޖެއެވެ.

މިއީ ވިދިވިދިގެން ދީމާ މި އެވޯޑް ހޯދި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑް ލިބިފައި ވަނީ އޭނާއަށެވެ. އަދި އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާގެ މަޤާމާއި، އެންމެ މޮޅު ޒުވާން އަންހެން އެތުލީޓްގެ މަޤާމު ވެސް ލިބުނީ ދީމާއަށެވެ. އެހެންކަމުން މިއީ އެންމެ މޮޅު ޒުވާން އެތުލީޓްގެ މަޤާމް ވިދިވިދިގެން ޙާޞިލްކުރި ތިންވަނަ ފަހަރެވެ.

އަހަރުގެ އެންމެ މޮޅު ފިރިހެން ޓީޓީ ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ޝައްފާނަށެވެ. އަދި އަހަރުގެ އެންމެ އުންމީދީ ފިރިހެން އެތުލީޓަކަށް ހޮވުނީ ޓީޓީ ކުޅުންތެރިޔާ އަޚްޔާރު އަހުމަދު ހާލިދެވެ.

ދީމާ އާއި ޝައްފާން ވެފައި ވަނީ މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން ކެޓަގަރީއަކުން ރާއްޖެއަށް ރިހި މެޑަލް ލިބިފައި ވެއެވެ. އެއީ ފިރިހެން ސިންގަލްސް އާއި، ޑަބަލްސްގެ އިތުރުން ޓީމް އިވެންޓުންނެވެ. އަދި ދީމާ އާއެކު މިކްސްޑް ޑަބަލްސް ކެޓަގަރީން ލޯ މެޑަލް ލިބިފައި ވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.