ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް ޖަމާޢަތުގެ ލީޑަރ ޔަޙްޔާ ސިންވާރު ޝަހީދުވެއްޖެ ކަން އެ ޖަމާޢަތުން ވެސް ކަށަވަރުކޮށްދީފިއެވެ. ހަމާސްގެ ސީނިޔަރ އޮފިޝަލެއް ކަމަށްވާ ޙަލީލް އަލް ޙައްޔާ ވިދާޅުވިގޮތުގައި ހަމާސްގެ ކޮމާންޑަރ ޝަހީދުވެއްޖެއެެވެ.
އޮކްޓޫބަރ 7 ގެ އިސް މޭސްތިރި، ފަލަސްޠީނުގެ ޖިހާދުގެ މައި ޤާއިދު އަދި ހަނގުރާމައިގެ މައިދާނުގެ ހިތްވަރުގަދަ ކޮމާންޑަރ ޔަޙްޔާ ސިންވާރު ވަނީ މަލްޢޫނު ޒަޔަނިސްޓުންނާއި ހަނގުރާމަ ކުރައްވަނިކޮށް ޝަހީދު ވެފައެވެ. އިސްރާޢީލާއި ދެކޮޅަށް އުފެދިފައިވާ އިސްލާމީ އިއްތިޙާދުގެ ތެރެއިން އީރާނުގެ ރައީސް ރައީސީ އަވަހާރަ ވުމާއި، ހަމާސްގެ އިސް ލީޑަރ އިސްމާޢީލް ހަނިއްޔާ ޝަހީދުވުމާއި، ޙިޒުބުﷲ ގެ އެންމެ ދުވަސްވީ ލީޑަރ ޙަސަން ނަސްރުﷲ ޝަހީދުވުމަކީ މުޅި އިސްލާމީ އުންމަތައް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
އަދި އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ އިސްރާއީލާއި، އެމެރިކާ އާއި މުސްލިމުންގެ ތެރެއިން ވެސް މި ދެބައިމީހުންނަށް މަދަދުވެރިވާ ޣައްދާރުން އުޅޭތީއެވެ. އެހެން ނަމަވެސް ޔަހޫދީ އިސްރާއީލުގެ މަލްޢޫނުކަން ޙައްދުން ނެއްޓި، ދުނިޔޭގެ ގިނަ މުސްލިމުންނާއި، އިންސާފަށް ލޯބިކުރާ ޣައިރު މުސްލިމުންގެ ނަފްރަތު ވެސް އިސްރާއީލަށް އަމާޒުވެއްޖެއެވެ.
މިފަހަކަށް އައިސް އދ. ޢާންމު މަޖިލިސްތަކުގަޔާއި، އެޖަމާޢަތުގެ ސަލާމަތީ މަޖިލީހުގައި ވެސް ފެންނަނީ ގިނަ ބައެއްގެ ތާއީދާއި ލޯބި ފަލަސްޠީނަށާއި، ފަލަސްޠީން މިނިވަން ވުމަށް އެދޭ މަދު މުސްލިމުންގެ މައްޗަށް އޮހެމުންދާ ތަނެވެ. މިއީ މުސްލިމެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ނުހަނު އުފާކުރާކަމެކެވެ. އަދި ދުޢާ އަކީ ފަލަސްޠީނަށާއި، ލުބުނާނަށާއި، ޔަމަނާއި، ސީރިޔާ އާއި އެންމެހާ މުސްލިމުންނަށް ނަސްރާ ކާމިޔާބާއި ފަތަޙަ ލިބުމެވެ.