ސައިކޮލޮޖީ ނުވަތަ ނަފްސާނީ ޢިލްމަކީ އިންސާނާގެ ސުލޫކު ދިރާސާކޮށް ދެނެގަތުމުގެ ޢިލްމެވެ. އިންސާނާގެ ބޭރުފުށުން ފެންނާންހުންނަ ކަންތައްތަކާއި ފޮރުވިފައި ހުންނަ ކަންތައްތައް ހިމެނޭގޮތުންނެވެ. މީގެ ސަތޭކަފަންސާހަކަށް އަހަރު ކުރިން ފެށިގެން ދުނިޔޭގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ވަރަށް މުހިންމު، އަދި އެހާމެ ފުޅާ އިލްމެކެވެ. މިޒަމާނުގައި މިފެންނަގޮތަށް ނަފްސާނީ އިލްމު ފުޅާވެ ތަރައްޤީވުމުގެކުރިން، އިންސާނާ އޭނާގެ ދިރިއުޅުމުގައި ތަޖްރިބާކުރަންޖެހޭ ތަފާތު ހިތާމަތަކާއި ތުރާތަކާއި އުނދަގޫތަކުގެ ހަގީގީ ސަބަބުތައް ދެނެގަތުމަށާއި އެކަންކަމުން އަރައިގަތުމަށް އެހީތެރިކަން ހޯދާފައިވަނީ ދީނާއި ރޫޙާނިއްޔަތުގެ ތެރެއިންނެވެ. އެހެންނަމަވެސް، މިހާރު މިއޮތީ އެކަން ބަދަލުވެފައެވެ. ކުރިން ދީނާއި ރޫޙާނިއްޔަތުން މަދަދާއި ޖަވާބު ހޯދި ސުވާލުތަކަށް ނުވަތަ ނަފްސާނީ މައްސަލަތަކަށް މިޒަމާނުގައި ފަރުވާ ހޯދަނީ ނަފްސާނީ ޢިލްމުގެ ޒަރީޢާއިންނެވެ. ހިތާމައަކީ އެ ޢިލްމުގެ ދާއިރާ ކިތަންމެ ފުޅާވެފައިވިޔަސް، އެ ޢިލްމުގެ ތަރަހައިގެ ތެރޭގައި ދީނާއި ރޫޙާނިއްޔަތުގެ ވާހަކައެއް ނެތެވެ.
ދުނިޔޭގައި ނަގާކިޔާ ނަފްސާނީ ބޮޑެތި ޢިލްމުވެރިން އެބަތިއްބެވިއެވެ. އެބޭފުޅުން ގެންދަވަނީ ނަފްސާނީ ޢިލްމުގެ އެކިއެކި ދާއިރާތަކުން ދިރާސާތައް ކުރައްވަމުން އެ ޢިލްމުގެ ދާއިރާ ފުޅާކުރައްވަމުންނެވެ. ގިނަފަހަރަށް އަޅުގަނޑުމެންނަށް އެބޭފުޅުންގެ އެ މަސައްކަތްޕުޅުތަކެއްވެސް، އަދި ދިރާސާތަކެއްވެސް ފަސޭހައިން ނުފެނެއެވެ. އެހެންނަމަވެސް މިފަހަކަށް އައިސް އަޅުގަނޑުމެންނަށް ފެންނަ ބަޔަކު އެބައުޅެއެވެ. އެއީ ސޯޝަލް މީޑިޔާއިން މިފެންނަ ޕޮޕް-ސައިކޮލަޖިސްޓުންނެވެ. ނަފްސާނީ ޢިލްމުގެ ދާއިރާގައި ޢިލްމީ މަސައްކަތްތަކެއް ކޮށްފައި ނެތަސް، އަދި އެދާއިރާގައި ޢިލްމީ ދިރާސާތަކެއް ކޮށްފައި ނެތަސް ސޯޝަލް މީޑިޔާގައި މަޝްހޫރުވެފައިވާ ސައިކޮލަޖިސްޓުނާއި ތެރަޕިސްޓުންނާއި ލައިފްކޯޗުންނެވެ. އެފަދަ ބައެއް މީސްމީހުން ސޯޝަލް މީޑިޔާގައި ވަރަށް އަޑުގަދައެވެ. ދައްކާ ވާހަކަވެސް އެހާގިނައެވެ. ކުރާ ޕޯސްޓުތައްވެސް ތަފާތެވެ. މިވެނި އެވެނި ސިފަތަކެއް ހުންނަ މީހުންނަކީ “ނާސިސްޓިކު” މީހުންނޭ ނުވަތަ ދިރިއުޅުމުގައި އޮންނަންޖެހޭ “ބައުންޑްރީސް” އަކީ ކޮބައިކަން ބުނެދިނުމަށް ހަދާފައިހުރި ޕޯސްޓުތައްވެސް އަޅުގަނޑު ދުށީމެވެ. އަދި “ޓްރޯމާ” އަކީ ކޮބައިކަން ތިމަންނާ ކިޔައިދެންހޭ ބުނެ ހަދާފައި ހުންނަ ޕޯސްޓުތައްވެސް ފެނެއެވެ. އެ “މަޢުލޫމާތު” ތަކުން މުޅި ސޯޝަލް މީޑިޔާ އޮތީ ފުރިބާރުވެފައެވެ.
އަޅުގަނޑު މިއިޝާރާތްކުރާ ވީޑިއޯތަކާއި ފޮޓޯކޮޅުތައް ހަދައި، އެހުށަހަޅާ ބަޔަކު ހުށަހަޅަނީ ބަލާ މީހުން ހިތްޖެހޭ ގޮތަށެވެ. އެހާމެ ހިތްގައިމުކޮށެވެ. ފޮނިކޮށެވެ. ސުވާލަކީ، އެ ފަދަ ކޮންޓްންޓުތައް ސޯޝަލް މީޑިޔާއަށް ދޫކޮށްލުމުން ދެން ހިނގަނީ ކޮން ކަމެއް ހެއްޔެވެ؟ އެންމެންވެސް އެ ބަލަނީއެވެ. ލައިކުކޮށް ޝެއަރވެސްކުރަނީއެވެ. އޭގެއިތުރުން އެ ވީޑިއޯތައް ބަލައި އަޑުއަހައި ހަދާކޮންމެ މީހަކު މިބަދަލުވަނީ ނަފްސާނީ ޢިލްމު ވެރިއަކަށެވެ. ދެން މިފެންނަނީ، އުމުރުން 16 އަހަރު ނުފުރޭ ކުއްޖާވެސް، ތިމަންނާގެ މަންމައަކީ، ވަރަށް ޓޮކްސިކް މީހެކޭ ބުނާތަނެވެ. ބައްޕަ އަބަދުވެސް “ގޭސްލައިޓް” ކުރާވާހަކަ ދައްކާތަނެވެ. މަންމައާއި ބައްޕަ ތިމަންނާގެ އަމިއްލަ މިނިވަންކަމާ ބެހޭތީ “ޓްރޮމަޓައިޒް” ވާވާހަކަ ރައްޓެހިންގާތު ބުނާތަނެވެ.. އަމިއްލަ ނަފްސު “ހީލް” ވުމަށް “ބައުންޑްރީސް” ކަނޑައަޅަންޖެހެޔޭ ކިޔައި ހަދާ ތަނެވެ. އަދި އެވަރަކުން ނުފުދެއެވެ. އެސޮރާ ދިމާވާ ހަމަ ކޮންމެ މީހެއް ނަފްސާނީ ކޮންމެވެސް ބައްޔަކަށް ޑައިގްނޯސްކޮށް ފަރުވާވެސްދެނީއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑާކަމާއި ކިބުރުވެރިކަމުގެ ތެރޭގައި ބެލެވުނު ބައެއް ޢަމަލުތައް “ސެލްފްލަވް” އަށް ނުވަތަ “ސެލްފުކެއަރ” އަށް ބަދަލުވީއެވެ. މީހެއްގެ ގައިގައި ހުންނަ ނުރަނގަޅު ސިފައަކާ ބެހޭގޮތުން އެމީހަކާ ތެދުބަހުން ވާހަކަ ދައްކައި، ޙަޤީޤަތް ހާމަކޮށްދޭދިނުން “ގޭސްލައިޓިންގ” އަށް ބަދަލުވީއެވެ.
ސޯޝަލް މީޑިޔާއިން މިފެންނަ ޕޮޕް ސައިކޮލަޖިސްޓުންގެ ވާހަކަތަކަށް ބަލާއިރު، އެމީހުން ދަސްކޮށްދެނީ ދިރިއުޅުމުގެ މައިގަނޑު މަޤުޞަދަކީ އުފާކުރުން ކަމެވެ. ނުވަތަ ހިތްހަމަ ޖެހުން ހޯދުމެވެ. އެހެންކަމުން ތިމާގެ އުފަލަށް ހުރަސްއެޅޭ ކޮންމެ ކަމަކީ ޓޮކްސިކް ކަމެކެވެ. ޓްރޮމަޓައިޒްވާން ޖެހޭ ކަމެކެވެ. އަދި އެފަދަ ވާހަކައެއް ދައްކާ ކޮންމެ މީހަކީ ނާސިސްޓިކް މީހެކެވެ.
ދިރިއުޅުމުގައި ދިމާވާ ކަންކަމާހުރެ ޓްރޯމާއަށް މީހުން ހުށަނޭޅެއެކޭ ނުވަތަ ނާސިސްޓިކް މީހުން މިދުނިޔެ މަތީގައި ނުއުޅެއެކޭ އެއްވެސް ޙާލެއްގައި އަޅުގަނޑު ނުދަންނަވަމެވެ. އެހެންނަމަވެސް، މީހަކު ދައްކާ ވާހަކައަކުން، ނުވަތަ ހާލަތަކާ ގުޅިގެން އެމީހެއްގެ ސުލޫކު ހުންނަގޮތުން، ހަމަ ކޮންމެ ފަހަރަކު، އެމީހަކީ ޓޮކްސިކް މީހެކޭ ނުވަތަ ނާސިސްޓިކް މީހެކޭ ބުނެ ހުނި ޖަހަންވެއްޖެނަމަ، އޭގެ ނަތީޖާއަކީ ކޮބައިތޯއެވެ. އެއްވެސް ޝައްކެއްނެތެވެ. އެކަމުގެ ސަބަބުން މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވާ މާތް ރީތި އަޚްލާޤީ ސިފަތަކާއި ކެތްތެރިކަމުގެ މާތް ސިފަ އޮންނާނީ ތަރުބަވީ މިހްރާބުން ބޭރުވެ، ބޭކާރުވެފައެވެ.
އިސްލާމްދީން ދަސްކޮށްދެއްވާފައި ވަނީ ކޮންކަމެއްތޯއެވެ. އަޅުގަނޑު ހަމައެންމެ މިސާލެއް ނަގާނަމެވެ. އައްތަޣާބުން ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ ” މާނައީ؛ ﷲގެ އިޛުނަފުޅަށްމެނުވީ، އެއްވެސް މުޞީބަތެއް ނުޖެހެއެވެ. އަދި ﷲއަށް އީމާން ވާމީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ.
ފުރަތަމަކަމަކަށް، ﷲ ސުބުޙާނަހޫ ވަތަޢާލާ މިއާޔަތުގައި ބަޔާންކޮށްދެއްވާފައި ވަނީ ﷲ ގެ އިޛުނަފުޅާއެކު މެނުވީ އެއްވެސް މީހަކަށް މުޞީބާތެއް ނުޖައްސަވާނެ ވާހަކައެވެ. މާނައަކީ، އެމުޞީބާތަކީ ކުށެއްނެތި، އަންބަކު ވަރިކުރުން ކަމުގައިވިޔަސް، އަދި ފިރިއަކަށް ކެންސަރުޖެހިގެން މަރުވުން ކަމުގައިވިޔަސް ނުވަތަ އެކްސިޑެންޓެއްގައި ދަރިއަކު ނުކުޅެދޭމީހަކަށްވުން ކަމުގައިވިޔަސް ނުވަތަ މީހަކު ކުށެއްނެތި ވަޒީފާއިން ވަކިކުރެވުން ކަމުގައިވިޔަސް، މިއިން ކޮންމެ ކަމެއްވެސް ހިނގާނީ ﷲ ގެ އިޛުނަފުޅާއެކުގައި ކަމެވެ. ދެން އުފެދޭ ސުވާލަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ މިފަދަ މުޞީބާތްތައް އެކަލާނގެ އަޅުންނަށް ޖެއްސެވުމަށް އިރާފުޅުކުރެއްވީ ކީއްވެގެންތޯއެވެ. ޖަވާބު އާޔަތުގެ ފަހުބައިން އެއޮތީ ސާފުކޮށް ފެންނާށެވެ. މުޞީބާތުގައި ﷲ އަށް ފުރިހަމައަށް އީމާންވާ މީހާ ނުވަތަ އެކަލާނގެއަށް އިތުރުބާރުކޮށް ވަކީލުކުރާ މީހާގެ ހިތަށް ﷲ ތެދުމަގު ދައްކަވާނެކަން އެއޮތީ އަންގަވާފައެވެ. ދެން އުފެދޭ ސުވާލަކީ އެއީ ކިހިނެތްތޯއެވެ.
އަޅުގަނޑުމެން މުސްލިމުން ޤަބޫލުކުރަނީ އަޅުގަނޑުމެންނާ މުޞީބާތައްތައް ކުރިމަތިކުރައްވަނީ އަޅުގަނޑުމެންގެ އީމާންތެރިކަން އިތުރަށް ހަރުދަނާ ކުރުމަށެވެ. މިއާޔަތުގައި ބަޔާންކޮށްދެއްވާފައިވަނީ މުޞީބާތްތައް ދިމާވުމުން، ﷲ އަށް ފުރިހަމައަށް އިތުރުބާރުކޮށް އެކަލާނގެއަށް އީމާންވެ ހުންނަ އަޅެއްގެ ހިތުގައި ކިތަންމެ ގިނަގުނަ ނެގެޓިވް ޚިޔާލުތަކާއި އިޙްސާތަކެއް އުފެދުނުކަމުގައިވިޔަސް އެކަންކަން ގިރާކޮށް، ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ﷲ އެއަޅަކަށް ސާފު އަލި މަގުދައްކަވައި، ވާގިވެރި ވޮޑިގެންވާނެ ކަމަށެވެ. އަދި މުޞީބާތްތައް ކުރިމަތިކުރެއްވުމުން އެ މުޞީބާތްތަކާ ކެރިގެން، ސާފު އީމާންތެރި ހިތަކާއެކު ކުރިމަތިލުމުން މުއުމިނުންގެ އީމާންތެރިކަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.
ޒަމާނީ ސައިކޮލަޖީގެ މަފްހޫމުތަކުން ބަލާ ކަމުގައިވަނީނަމަ، ﷲ ފޮނުއްވި އެންމެހައި ރަސޫލުންނާ ނަބިއްޔުންނަކީ، “ޓްރޯމާ” ތަޖުރިބާ ކުރެއްވި ބޭކަލުންނެވެ. އެބޭކަލުންގެ ވަށައިން ތިބީ “ޓޮކްސިކް” މީހުންނާއި “ނާސިސްޓިކް” މީހުންނެވެ. އެބޭލަކުންގެ “ބައުންޑަރީ” ގިރާ ނުކުރެވޭ އެންމެ ބޭކަލެއްވެސް އެބޭލަކުންގެ ތެރޭގައި ނެތެވެ. ދޮގެއް ކަމަށް ހީކުރައްވަނީ ތޯއެވެ؟ އިބްރާހީމްގެފާނުގެ ބައްޕާފުޅަކީ “ޓޮކްސިކް” ބައްޕައެއް ނޫންހެއްޔެވެ؟ އެކަލޭގެފާނު އަލިފާނަށް އެއްލައިލަން އަމުރުކުރި ނަމްރޫދަކީ، ނާސިސްޓިކް މީހެއް ނޫންހެއްޔެވެ؟ މޫސާގެފާނުގެ ގައުމުގެ މީހުންނަކީ “ޓޮކްސިކް” ބައެއް ނޫންހެއްޔެވެ؟ ޔޫސުފުގެފާނަށް ލިބިލެއްވީ “ނާސިސްޓިކް” އަޚުންތަކެއް ނޫންހެއްޔެވެ؟ ޔޫސުފުގެފާނަކީ “ފެމެލީ އެބިއުސް” ގެ “ވިކްޓިމް” އެއް ނޫންހެއްޔެވެ؟ އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނަށް ވަގަށް ގޮވައި ހެދިހެދުމަކީ “ގޭސްލައިޓު” ކުރުމެއް ނޫން ހެއްޔެވެ؟ އެހެންނަމަވެސް، ޕޮޕްސައިކޮލަޖީގައި އެބުނާހެން، އެހުރިހާ ތަޖުރިބާތަކެއް އިސްތަށިފުޅަށް އުފުއްލަވައިގެން، މިވެނި އެވެނި މީހަކީ “ޓޮކްސިކް” މީހެކޭ “ހެލްތީ ބައުންޑްރީ” އެއް ތިމަންބޭކަލުންނާ އެބައިމީހުންނާ ދެމެދު އޮންނަން ޖެހެޔޭ ވިދާޅުވިތޯއެވެ؟ އެހެންނެއް ނޫނެވެ. އެ މުޞީބާތްތަކާ ނުވަތަ ޓޮކްސިކް ނާސިސްޓިކް މީހުންނާ އެބޭކަލުން ކުރިމަތިލެއްވީ އީމާންތެރި ހިތަކާއެކުގައެވެ. އޭގެ ސަބަބުން އެ މުޞީބާތްތައް ކަޑައްތު ކުރުމުގައި ﷲ ގެ މަދަދު އެބޭކަލުންނަށް ލިބިގެން ދިޔުމެވެ. އާޚިރުގައި އެބޭލުންގެ އީމާންތެރިކަން އިތުރަށް ހަރުދަނާވެ ވަރުގަދަވީއެވެ.
އެއްވެސް ޙާލެއްގައި އަޅުގަނޑު މިދަންނަވަނީ ފޭސްބުކާއި ޓިކްޓޮކުން މިފެންނަ “ޕޮޕް-ސައިކޮލަޖީ” ގައި ބުނެދޭހެން “ބައުންޑަރީ” ކަނޑައަޅަންޖެހޭ ޙާލަތްތަކުގައި ނުވަތަ މީހުންނާ ދުރުވާންޖެހޭ ޙާލަތްތަކުގައި ދުރުނުވާށެކޭ ނޫނެވެ. ނުވަތަ ނާސިސްޓިކް މީހުން އަޅުގަނޑުމެންގެ ތެރޭގައި ނުއުޅެއެކޭ ނޫނެވެ. ނުވަތަ ޓޮކްސިކް މީހުން ނެތެކޭ ނޫނެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ނަފްސާނީ ޢިލްމުން އަޅުގަނޑުމެން ދަސްކޮށްގެން މިއުޅޭ ދެތިން ބަހެއް ބޭނުންކޮށްގެން ކޮންމެ ފަހަރަކު މީހުން ލޭބަލްކޮށް ނުވަތަ އަމިއްލަ ނަފްސު ލޭބަލްކޮށް ހަދަންވެއްޖެނަމަ، އެކަމުގެ ސަބަބުން އިސްލާމް ދީނުގައި ކަނޑައަޅުއްވައި އަންގަވާފައިވާ އަސާސީ އަދި އުޞޫލީ ބައެއް ކަންކަމާ އަޅުގަނޑުމެންނަށް ދެކޮޅު ހެދެނީއެވެ. އެފަދަ ކަންކަންކަމުން އަޅުގަނޑުމެން ދުރުހެލިވާން އެބަޖެހެއެވެ.
One Reply to “ނަފުސާނީ ޢިލްމުގެ ނަމުގައި ފަތުރަމުންދަނީ ދީނާއި ރޫޙާނިއްޔަތާ ދުރު ފަލްސަފާއެއް!”
Anonymous
Varah furihama liyumeh.. maashaa Allah.lahkka zamaan vehjje mikamaa visnaatha
.phycology ey buneema dhen maa molhuvanee..
Eyga bunaa fothun vihyya bappainaa anhen dhariyaa dholhuvanee ves 2 gender ehveema.( 2 sex eh veema.. dhakaa viyaanudhaa vahaka..
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި