ޝާން މުޙައްމަދު

ނެޓްފްލިކްސް ބޭނުންކުރާ މީހުން އިތުރުވުމުން ސަބްސްކްރިޕްޝަން ފީ ބޮޑުކުރަނީ

މުނިފޫހިފިލުވުމަށް ގިނަބަޔަކު ބޭނުންކުރަމުންދާ ނެޓްފްލިކްސްއަށް ބޮޑު ތަރުހީބެއް ލިބެމުންދާތީ އެ އެޕްލިކޭޝަންގެ ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން ނިންމައިފިއެވެ.

ފިލްމާއި ސީރީސް ބެލުމަށް ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް ބޭނުންކުރާ މީހުން ވަރަށް ބޮޑަށް އިތުރުވާން ފެށުމާ ގުޅިގެން ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން ނިންމިކަން އެނގުމުން އެކަމާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.

ނެޓްފްލިކްސް ބުނީ ސަބްސްކްރިޕްޝަން ފީ ބޮޑުކުރަން އެންމެ ފުރަތަމަ ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ކެނެޑާ އާއި އާޖެންޓީނާގެ އިތުރުން ޕޯޗްގަލް ހިމެނޭ ކަމަށެވެ. އެގޮތުން އިޝްތިހާރާއި ނުލައި ގެނެސްދޭ އަދި އިޝްތިހާރާ ލައިގެން ގެނެސްދޭ ޕެކޭކްތަކުުން ވެސް އަގު ބޮޑުކުރަން ވަނީ ނިންމައިފައެވެ.

ފީ އަގު ބޮޑުކުރަން ނިންމީ ސަބްސްކްރައިބަރުންގެ އަދަދު އިތުރުވަމުންދާތީ، ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށް ނެޓްފްލިކްސް އިން ބުނެއެވެ.

ފާއިތުވި 2024 ވަނަ އަހަރު ނިމުނު އިރު، އަހަރުގެ ފަހުކޮޅު ނެޓްފްލިކްސް އަށް އަލަށް 19 މިލިއަން ސަބްސްކްރައިބަރުން އިތުރުވި އެވެ. އެގޮތުން އަހަރުގެ ފަހު ތިން މަހު ލިބުނު އާމްދަނީ 1.8 ބިލިއަން ޑޮލަރަށް އަރަ އެވެ. ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 306.1 މިލިއަނަށް އަރާފަ އެވެ.

2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނެޓްފްލިކްސްގެ އާމްދަނީ 10.2 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އޭގެ ކުރީ އަހަރުގެ އާމްދަނީ އަކީ 8.8 ބިލިއަން ޑޮލަރެވެ.

© 2023 milauthuru. All rights reserved.