2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއަށް އަރައިގަތުމުން ގައުމުތަކުން ލިބުނު އެހީގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކޮށް ކޮރަޕްޝަންގެ ތުހުމަތުކުރުމާއެކު ޔޫކްރޭންގެ ޗީފް އާމީ ސައިކިއޭޓްރިސްޓެއް ހައްޔަރުކޮށްފިއެވެ.
ސެކިއުރިޓީ ސާވިސް އޮފް ޔޫކްރޭން (އެސްބީޔޫ) އިން ނެރުނު ބަޔާނުގައި ހައްޔަރު ކުރެވުނު މީހާގެ ނަން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ހައްޔަރު ކުރި މީހާގެ މަގާމު ހަމާކޮށްފައިވާއިރު އޭނާ ހައްޔަރު ކުރެވުނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެސްބީޔޫ އިން ބުނީ މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހާގެ މިލްކިއްޔާތުގައި ކިއެވް ކައިރީގައި ތިން އެޕާޓްމަންޓާއި އޮޑެސާގައި އެއް އެޕާޓްމަންޓާއި ހުސްކޮށް އޮތް ދެ ބިން އޮތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރަށް އެމީހާގެ މިލްކިއްޔާތުގައި ބީއެމްޑަބްލިއު ލަގްޒަރީ ކާރުތަކެއް ހުރި ކަމަށާއި އޭނާގެ ގެ ބަލައިފާސްކުރި ތަހުގީގުކުރާ ފަރާތްތަކަށް 152،000 ޑޮލަރު (124،000 ޕައުންޑް) އާއި 34،000 ޔޫރޯ ވެސް ފެނިފައިވާ ކަމަށެވެ.
އެ ބަޔާނުގައި އެސްބީޔޫއިން ބުނެފައި ވަނީ ތުހުމަތު ކުރާ މީހާގެ އަނބިމީހާ އާއި އަންހެން ދަރިފުޅާއި ފިރިހެން ދަރިންނާއި ތިންވަނަ ފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މުދާތަކެއް ވެސް ހުރި ކަން ސާބިތު ވެފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް މުދާ ހޯދުމުގެ ކުށުގައާއި ދޮގު ހަދައި އޮޅުވާލުމުގެ ސަބަބުން ތުހުމަތުވާ މީހާގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
2017 ވަނަ އަހަރު ވެސް މިފަދަ މައްސަލައެއްގައި މީނާ ވަނީ ބައިވެރިވެފައެވެ. އެފަހަރުވެސް އަގުބޮޑު މުދާތަކެއް ވަނީ ހޯދާފައެވެ. ޔޫކްރޭނަކީ ގިނަ އަހަރުތަކެއް ވަންދެން ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ގައުމެއްކަން ފާހަގަ ކުރެވެއެވެ.