ފޯކައިދޫ ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ހޮވާފައިވަނީ އެކަމަށް ކަނޑައަޅާފައިވާ އުޞޫލާ މުޅިން ޚިލާފަށް ކަމަށް ވާތީ، އެ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ އެޑިޔުކޭޝަން މިިނިސްޓްރީން ހުއްޓުވައިފިއެވެ.
ބެލެނިވެރިޔަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެކަން އަލުން މުރާޖަޢާކުރުމަށާއި ޖަލްސާ ފަސްކުރުމަށް އަންގަވާފައިވަނީ ތަޢުލީމާބެހޭ ވުޒާރާއިންނެވެ. ކުރިން ޖަލްސާ ބޭއްވުމަށް ސްކޫލުން ނިންމާފައިވަނީ 4 ޖޫން 2025 ގައެވެ. އަދި ދެން އިނާމު ދިނުމުގެ ޖަލްސާ ބޭއްވޭނެ ވަކި ދުވަހެއް އަދި ނޭނގޭ ކަމަށް ސްކޫލުން ބުނެއެވެ.
ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރު ހޮވުމަށް އޮންނަ އުޞޫލާ ޚިލާފަށް ކުދިން ކަނޑައަޅުއްވައި، އެކުދިންނަށް އެކަން އަންގަވަައި، އިނާމު ދިނުމުގެ ޖަލްސާއަށް ހެދުން ވެސް ފައްސުވާފައި، ކުއްލި ގޮތަކަށް ޖަލްސާ ވަނީ ފަސްކުރައްވާފައެވެ. އަދި ކުރިން އިނާމު ލިބޭ ކުދިން މިހާރު ބަދަލުވެފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި އާމިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޯކައިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝަމީމް ވިދާޅުވީ، އެއްވެސް ކުއްޖަކަށް އިނާމު ނުދޭކަށް ނުނިއްމާ ކަމަށާއި، ނަމަވެސް “ފޯމިއުލާ” ގައި އިން ކުށެއް ރަނގަޅު ކުރުމުން އެހެން ކުއްޖަކަށް ވެސް އިނާމު ލިބިދާނެ ކަމަށާއި، ކޮންމެ މީހަކަށް ވެސް ކުށެއް ޖެހިދާނެ ކަމަށެވެ.
ސްކޫލްތަކުގެ އިނާމު ދިނުމުގެ ކަންކަމަށް ވެސް އެކިއެކި ނުފޫޒުތައް ވަންނަ ކަމުގެ ޝަކުވާތައް ފޯކައިދޫ ސްކޫލްގައި ވެސް އޮވެއެވެ. މިއީ ވެސް އެފަދަ ކަމަކަށް ވެދާނެ ކަމަށް ބައެއް ބެލެނިވެރިން ބުނެއެވެ. އެހެން ނަމަވެސް، މިއީ ވަރަށް ދެރަކަމެކެވެ. ކުދިންގެ އުންމީދުތަކާއި، އެކުދިންގެ މުސްތަޤުބަލާ ގުޅިފައިވާ ކަމެކެވެ. މިފަދަ ކަންކަމުގައި އެއްވެސް ފަރާތަކުން ބޭއިންސާފުވެރި ވެެގެން ނުވާނެއެވެ.
ކިޔުންތެރިންގެ ހިޔާލު