އަތޮޅު ކައުންސިލްތައް އުވާލާ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅަނީ

ޝާން މުޙައްމަދު | 2 ސެޕްޓެމްބަރ 2025 | ރިޕޯޓު

ރާއްޖޭގެ އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން އުޅޭތީ އެކަން ހުއްޓުވުމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅަން ނިންމައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަން ނިންމީ ބ. އަތޮޅު ކައުންސިލުންނެވެ. އެ ކައުންސިލުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކާ ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވުމާ ގުޅިގެންނެވެ.

Advertisement

ބ. އަތޮޅު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކާ ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާތީވެ، އެ މަސައްކަތް މަޖިލީހުން ހުއްޓާލުމަށް ގޮވާލާ ބަޔާނެއް ނެރުމަށާއި، އަދި މި ދުސްތޫރީ މައްސަލަ އަތޮޅު ކައުންސިލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ބ. އަތޮޅު ކައުންސިލުން ވަނީ އެހެން އަތޮޅުތަކަށްވެސް މި ކަމުގައި ބައިވެރިވެ މިކަމަށް ދައުވަތު ދީގެން އިހުތިޖާޖު ކުރުމުގެ ހަރަކާތެއް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފަ އެވެ.

Advertisement

އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަތިވެރި ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލު ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް