“ކަނބުލޮ” ބެލުމުން ފުރިހަމަ ފިލްމެއް ބެލުނުކަމުގެ އިހުސާސް ކުރެވިއްޖެ – އަޝްރަފް ޢަލީ

މިލައުތުރު | 5 ސެޕްޓެމްބަރ 2025 | ރިޕޯޓު

ދިވެހި ފިލްމު “ކަނބޮލު” ބަލާފައި އެ ފިލްމާ ގުޅޭގޮތުން މަޝްހޫރު ދިވެހި އުސްތާޛު އަޝްރަފު ޢަލީ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ ފިލްމެއް ބެލުމުން ލިބެންޖެހޭ ހުރިހައި އުފަލެއް ލިބުނު ކަމަށެވެ. އަދި އެއީ ހަމަ ފިލްމެއް ކަމަށާއި، މިހައިތަނަށް ބެލުނު އެންމެ ރީތި ދިވެހި ފިލްމު ކަމަށެވެ.

ފިލްމު ބަލަން އިން ވަގުތު ކުރެވުނު ބައެއް އިހުސާސްތައް ޙިއްސާކުރަމުން ބުނެފައިވަނީ ވާހަކައިގެ ކުދިކުދި ކުންނުތަކުން ފެށިގެން މައި ކުންނާ ހަމައަށް ވާހަކައިގެ ޝައުގު ދަމަހައްޓަން ބޭނުންކޮށްފައިވާ އުކުޅުތައް ވަރަށް ވެސް ތަފާތު ކަމަށާއި، ބައެއް ފިލްމުތައް ބަލަން އޮލިންޕަހުގައި ތިބޭ އިރު އޯޑިޔަންސުން އިވޭ “ނައްސި” ގޮވުންތަކުގެ އަޑާއި ހަޖުލުގެ ހިނިގަނޑުތަކުގެ އަޑު އެއްގޮތަކަށް ވެސް ނެތް ކަމަށެވެ. އަދި އަމުދުން އިންޓޯލްފަހުން މުޅި އެ މާލަމަށް ވެރިވެފައިވަނީ ފުރިހަމަ ހިމޭންކަމެއް ކަމަށާއި، އެއިން ހާމަކޮށްދެނީ އެ ފިލްމު އޯޑިޔަންސްގެ ހިތަށް ވަދެފައިވާ މިންވަރު ކަމަށެވެ.

Advertisement

ފިލްމުގެ ތަރިންނާބެހޭ ގޮތުން ބުނެފައިވަނީ ޢައްޒަގެ ލާމަސީލު ހުނަރުތައް ފެނި ހިތަށް ހިތްހަމަޖެހުން ލިބުނު ކަމަށާއި، އޭނާގެ ލޮލުން އެ އޮހުރުނު ކަރުނައަކީ މަސްނޫއީ ކަރުނައެއް ނޫން ކަމަށެވެ. އެއީ އޭނާގެ ހިތުން ކެކިގެން އޮހުނު ފިޠުރީ ޖަޒުބާތެއްގެ ލޭތިކިތަކެއް ފަދަ ކަމަށާއި، ވަރަށް މޮޅު ކަމަށެވެ. “ކަނބުލޮ”ގެ ގާތް އެކުވެރިޔާ ވެސް އެހައިމެ މޮޅު ކަމަށެވެ. ނިމާލާއި އިއްސެގެ ޝަޚުސިއްޔަތު ފެނުނީ އާދަޔާޚިލާފު ފުރިހަމަކަމެއްގެ ގޮތުގައި ކަމަށާއި، ޝަކީލާ ދެއްކީ ހަގީގީ ތަމްސީލުކުރުމެކޭ ހިތަށް އެރިކަމަށެވެ. ޝަކީލާ ކުޅުނު ބައި އެ ފަދައިން ކުޅެވޭނޭ ހަމައެކަކު ވެސް ނުހުންނާނެ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ، ފިލްމުގެ ކޮންމެ މަންޒަރެއް ވެސް އެހައިމެ ރަނގަޅު ކަމަށާއި، އުފެއްދުންތެރިޔާއަށް ސާބަސް ދަންނަވާ ކަމަށެވެ. އަދި މުސައްނިފަށް ޝުކުރާއި ތާރީފު ދަންނަވާފައި ވެއެވެ. ދިވެހި ވެށްޓާއި ދިވެހި މާހައުލުގެ ވަހާއި ރަހައާއި ކުލަހުންނަ މިފަދަ ރިވެތި ދިވެހި ފިލްމުތަކުން ދިވެހި ފިލްމީ ސިނާޢަތު މުއްސަނދިކޮށްދެއްވުމަށް އެދޭކަމަށެވެ. އެގޮތުން އަބަދުވެސް އެދެނީ ކުރިއެރުމާއި ފާގަތި މުސްތަގުބަލެއް ލިބިގެންދިއުން ކަމަށެވެ.

Advertisement

ކޮމެންޓް