ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އިބްރާހީމްގެ މާލީ ބަޔާނުގައިވާ ގޮތުން ހަރުމުދަލުގެ ގޮތުގައި އަގު ބޮޑު ތިން ފްލެޓް ހޯދީ ވިޔަފާރީގެ އާމްދަނީން ލިބުނު ފައިސާއިން ކަމަށް ބަޔާންކޮށްފައި ވެއެވެ. އެހެން ނަމަވެސް ކުރި ވިޔަފާރިއެއް ބަޔާނުގައި ރިޕޯޓްކޮށްފައެއް ނެތެވެ.
މެންބަރު މުޙައްމަދު އިބްރާހީމްގެ މާލީ ބަޔާނުގައިވާ ގޮތުން 13 އޮގަސްޓް 2025 އާ ހަމައަށް މަޖިލީހުގެ މުސާރަ އާއި ކުންފުނިތަކުން ލިބޭ މުސާރައިގެ ގޮތުގައި 1,278,930.12 ރުފިޔާ ލިބިފައި ވެއެވެ. މީގެ ތެރޭގައި ކުންފުނިން ލިބޭ މުސާރައަކީ ކޮބައިކަމެއް، ކޮން ކުންފުންޏެއް ކަމެއް، ހިއްސާއެއް އޮތްކަމެއް، ނެތްކަމެއް އެނގޭކަށް ނެތެވެ.
މުޙައްމަދު އިބްރާހީމްގެ މާލީ ބަޔާނުން ފާހަގަވާ އަނެއް ކަމަކީ، ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމުގެ އިތުރުން މުސާރަ ލިބޭ ގޮތަށް އިތުރު ވަޒީފާތައް ވެސް އަަދާކުރައްވާ ކަމެވެ. އަމިއްލަ ކުންފުންޏެއް ނުވަތަ ޕްރައިވެޓް އެހެން ކުންފުންޏެއްގައި ދާއިމީ ވަޒީފާއެއްގައި މުސާރަ ލިބޭ ގޮތަށް މަސައްކަތް ކުރައްވާކަން ހާމަވެއެވެ.
އަދި މާލީ ބަޔާނުގައިވާ ގޮތުން ބޭންކް އޮފް މޯލްޑިވްސްގައިި ރައްކާކުރެވިފައި ހުރީ 487,600.00 ރުފިޔާ އެވެ. ނަމަވެސް އަމިއްލަ ވިޔަފާރި ކުރައްވާކަން ޖުމްލަ ގޮތެއްގައި ބަލައިލުމުން މާލީ ބަޔާނުން ހާމަ ވެއެވެ. އަދި އެ ވިޔަފާރިއަކުން ނުވަތަ ވިޔަފާރިތަކަކުން އާމްދަނީ އާއި ވިޔަފާރީގެ ނަފާ ލިބެމުންދާކަމަށް ބެލެވެއެވެ.
ވިޔަފާރި އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން އަގު ބޮޑު 3 އެޕާޓްމަންޓް ގަނެފައި ވެއެވެ. އެއީ ރެހެންދި-1 ގައި 2.2 މިލިޔަން ރުފިޔާގެ ފްލެޓަކާއި، ރެއިންޓްރީ ހުޅުމާލޭގައި 1.9 މިލިޔަން ރުފިޔާގެ ފްލެޓަކާއި، އެފްޑަބްލިޔޫ ރެސިޑެންސްގައި 4.5 މިލިޔަން ރުފިޔާގެ އަގު ބޮޑު ފްލެޓެކެވެ. އަދި މި ފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދީގެން އާމްދަނީގެ ގޮތުގައި 735,120.00 ރުފިޔާ ލިބިފައި ވެއެވެ.
ކޮމެންޓް