އުމުރުން އެންމެ 18 އަހަރުގައި އިސްލާހީ މަސައްކަތަށް ނިކުތް އަޙްމަދު ރައިސަމް ރައީސްކަމުގެ އިތުރު ދައުރަކަށް ވާދަކުރައްވާނެ ކަމަށް އިޢުލާން ކޮށްފިއެވެ.
ބެލެވޭގޮތުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ބާއްވާ ޕްރައިމަރީގައި ރައިސަމަށް ވެސް ޖެހޭނީ ވާދަކޮށް ޓިކެޓް ހޯއްދަވާށެވެ. ރައިސަމަކީ ހިތްވަރާއެކު އެއްވެސް ޖެހިލުމެއްނެތި ބަސްބުނާ ކުޅަދާނަ ޒުވާން ސިޔާސީ ލީޑަރެކެވެ. އަދި ސޯޝަލް މީޑިއާގައި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދަންނަ ފަރާތެކެވެ.
ރައިސަމަކީ މިހާރު ވެސް ށ. ފޭދޫގެ ރައީސް ކަމަށްވަފައި، އަބަދުވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީއަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. އަދި ވަކިން ޚާއްޞަކޮށް ރަށްރަށާއި، ރައްޔިތުން ބާރުވެރިކުރުވުމުގެ ފިކުރަށް ވަކާލާތުކުރައްވާ ލާމަރުކަޒީ ނިޒާމަށް ރަށްތައް ހިންގުމުގެ ޢަމަލީ ތަޖުރިބާ ހުރި ފަރާތެކެވެ.
ރައްޔިތުންގެ އެތައް ބައެއްގެ ނުހަނު ބޮޑު ޤުރުބާނީން ހޯދި ލާމަރުކަޒީ ބާރުވެރިކަން އަނބުރާ ފިރުކާލިޔަ ނުދިނުމަށާއި، ށ. ފޭދޫއަށް ތަރައްޤީއާ އިޤްތިސާދީ ނަފާވެރި އެތައްކަމެއް ހޯދުމަށް ގަދައަޅާ މަސައްކަތްކުރި ފަރާތެކެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފޭދޫގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވުމަށް ފަހު ރައިސަމް އެދިވަޑައިގަތީ އެންމެ ބޭފުޅުންގެ ތާއީދާއި ހެޔޮ އެދުމާއި ހެޔޮ ދުއާ އާއި ވޯޓަށެވެ.
ކިޔުންތެރިންގެ ހިޔާލު